17 May 2019, 16:54
ބަތަލާ ކަންގަނާ ރަނައުތަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާކޮށް، އެތައް ގެއްލުމެއް ދީފައިވާ ކަމަށް ބުނެ، އެކްޓަރު އަދި ޑައިރެކްޓަރު އަދިތިޔަ ޕަންޗޯލީއާ ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މީގެ މަހެއްހާ ދުވަސް ކުރިން އީމެއިލް މެދުވެރިކޮށް ކަންގަނާގެ ފަރާތުން އެ މައްސަލަ ހުށަހަޅައިފައި ވަނީ އޭނާގެ ދައްތަ ރަންގޯލީއެވެ. ރަންގޯލީ ހުށަހެޅި މައްސަލައިގެ ތަފްސީލުގައި ބުނެފައި ވަނީ ކަންގަނާއަށް އެކި ގޮތްގޮތުން ޕަންޗޯލީ އަނިޔާކޮށްފައި ވަނީ މީގެ 10 އަހަރު ކުރިންނެވެ.
ކަންގަނާއާއި ޕަންޗޯލީ ވަނީ ކަންގަނާ ފިލްމީ ދާއިރާއަށް ނުކުތް ދުވަސްކޮޅު ލޯބީގެ ގޮތުން ގުޅިގެން އުޅެފައެވެ. އެ ގުޅުން ހަތަރު އަހަރަށް ވުރެ ދިގު ދެމިގެން ދިޔަކަމަށް ޕަންޗޯލީގެ އަންހެނުން ޒަރީނާ ވައްހާބު ވަނީ ބުނެފައެވެ.
ކަންގަނާ މީގެ ކުރިން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އޭރު އޭނާ އަކީ ކުޑަ ކުއްޖެއް ކަމަށާއި، ޕަންޗޯލީ އޭނާ ގެންގުޅުނީ ގޭގައި ބަންދުކޮށްގެން ކަމަށެވެ. އަދި ޕަންޗޯލީ ކައިރިން ސަލާމަތްވީ ފުލުހުންގެ އެހީ ހޯދައިގެން ކަމަށް ބުނެ އޭނާގެ އަނބިމީހާއާއި އާއިލާވެސް ވަނީ ބޭޒާރުކޮށްފައެވެ.
ޕަންޗޯލީ އަންނަނީ އެންމެ ކުރިން ފެށިގެން ވެސް ކަންގަނާ ދައްކާ ވާހަކަތައް ދޮގު ކުރަމުންނެވެ. ރަންގޯލީ ހުށަހެޅި މައްސަލައާއި ގުޅިގެން ފުލުހުންގެ ތަހުގީގުގައިވެސް ޕަންޗޯލީ ބުނެފައި ވަނީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
އަދި ބަދަލުގައި ޕަންޗޯލީ ވަނީ ކަންގަނާއާއި ރަންގޯލީއާ ދެކޮޅަށް އަބުރުގެ މައްސަލައެއް ވައްދައިފައެވެ. އެ މައްސަލަ މިހާރު ކޯޓުގައި އޮތް އިރު ވަރަށް ފަހުން ޕަންޗޯލީ ވަނީ ކަންގަނާގެ ވަކީލާ ދެކޮޅަށް ބިރުދެއްކުމާއި އަބުރު ނަގާލަށް މަސައްކަތްކުރުމުގެ މައްސަލައެއް ހުށަހަޅައި އެކަމަށް ބާރުދޭ ވީޑިއޯ ހެކި ވެސް ހުށަހަޅައިފައެވެ. ޕަންޗޯލީ ހުށަހެޅި ވީޑިއޯގައި ފެނިގެން ދަނީ ކަންގަނާގެ ވަކީލު، ފޭކު ރޭޕްގެ މައްސަލައެއްގައި ޕަންޗޯލީ ބައްދާލާނެ ކަމަށް ބުނެ އިންޒާރުދޭ މަންޒަރެވެ.
ފުލުހުން މިހާރު ދެ މައްސަލަ ވެސް ބަލަމުން އަންނަ އިރު، ޕަންޗޯލީ ވަނީ މީޑިއާއަށް އިތުރު މައުލޫމާތެއް ދޭން އިންކާރު ކޮށްފައެވެ. ޕަންޗޯލީ ބުނީ އޭނާ ދައްކާ ވާހަކައެއް ދެން ދައްކާނީ ކޯޓުގައި ކަމަށެވެ.