އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖެޕީ)އިން ބުނާ ގޮތުގައި އެއްވެސް ހިންދޫއަކަށް ޓެރަރިސްޓަކަށް ނުވެވޭނެއެވެ. އެހެންކަމުން އެޕާޓީން ދަނީ ޓެރަރިޒަމްގެ ދައުވާކޮށްފައިވާ، އާންމު އިންތިހާބުގެ ކެނޑިޑޭޓު ޕްރާގްޔާ ތަކޫރަށް ތާއިދުނުކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނަމުންނެވެ.

މަދުޔަ ޕްރަދޭޝްގެ ބޯޕާލްގެ ގޮނޑިއަށް ބީޖޭޕީގެ ފަރާތުން ވާދަކުރާނީ ޕްރާގްޔާކަން އެ ޕާޓީން އިއުލާން ކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ އިންޑިއާގެ މައި ޕާޓީއަކުން ޓެރަރިޒަމްގެ ދައުވާކޮށްފައިވާ ކެންޑިޑޭޓަކު އިންތިހާބަށް ނެރުނު ފުރަތަމަ ފަހަރެވެ.

ތަކޫރުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރީ 2008 ވަނަ އަހަރު މަލެގޯންގެ މިސްކިތްތަކެއް ކައިރީ ދިން ބޮމުގެ ހަމަލާތަކުގައި ބައިވެރިވި ކަމުގެ ތުހުމަތުގައެވެ. އެހަމަލާގައި ހަ މުސްލިމުން މަރުވެ، 100އަށް ވުރެ ގިނަ މީހުންނަށް އަނިޔާވިއެވެ. އަދި ރިޕޯޓުތަކުގައިވާ ގޮތުން އޭގެ ތެރެއިން އެއް ހަމަލާ ދިން އިރު ބޮން ހަރުކޮށްފައި ހުރީ ތަކޫރުގެ ސައިކަލުގައެވެ.

މީގެ އިތުރުން އޭނާ ވަނީ 1992 ވަނަ އަހަރު ބާބްރީ މިސްކިތް ތަޅާލުމުގައި ބައިވެރިވި ކަމަށާއި އެ މިސްކިތް ހުރި ތަނުގައި ފައްޅިއެއް އަޅަން ދާނެ ކަމަށް ބުނެފަ އެވެ.

މިސްކިތްތަކަށް ހަމަލާ ދިން މައްސަލައިގައި ތަކޫރުގެ ޝަރީއަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގައެވެ. ނަމަވެސް އެ ޝަރީއަތް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ނިމުމަކީ ނާދިރުކަމެއް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

އިންޑިއާގެ ގާނޫނު އަސާސީގައިވާ ގޮތުން ކުށެއް ސާބިތުވެފައިވާ މީހުންނަށް އިންތިހާބުގައި ވާދަ ނުކުރެވުނު ނަމަވެސް ދައުވާ ކޮށްފައިވާ މީހުންނަށް ވާދަ ކުރެވޭނެއެވެ. އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ބީޖޭޕީގެ ލީޑަރުން ވަނީ ތަކޫރުގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ.

ނަމަވެސް އިއްޔެ އޭނާ މަހާތުމާ ގާންދީއާ ބެހޭ ގޮތުން ދެއްކި ވާހަކައާ ގުޅިގެން އިދިކޮޅު ފަރާތްތަކާއި ބީޖޭޕީގެ ފާޑުކިޔުންވެސް އޭނާއަށް ވަނީ އަމާޒުވެފައެވެ. އެގޮތުން ތަކޫރު ވަނީ ގާންދީ އަވަހާރަކޮށްލި ނަތުރާމް ގޮޑްސޭއަކީ "އިންޑިއާ ދިފާއުކުރި" މީހެއް ކަމަށް ބުނެފައެވެ. އޭގެ ފަހުން ތަކޫރު ވަނީ އޭނާ ދެއްކި ވާހަކައާ ގުޅިގެން މައާފަށް އެދިފައެވެ.

އަދި ބީޖޭޕީންގެ ތަކޫރުގެ ވާހަކަތައް ކުށްވެރި ކުރި ނަމަވެސް އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅާފައި ނުވެއެވެ.

އިންޑިއާގެ އާންމު އިންތިހާބުގެ އެންމެ ފަހު ފިޔަވަހީގެ ވޯޓުލުން އާދިއްތަ ދުވަހު ބާއްވާނެއެވެ. އަދި އަންނަ ބުރާސްފަތި ދުވަހު އިންތިހާބުގެ ނަތީޖާ އިއުލާން ކުރާނެއެވެ.