17 May 2019, 15:07
މީގެ 12 އަހަރު ކުރިން ރިލީޒްކުރި އާމިރު ޚާންގެ ކާމިޔާބު ފިލްމު "ތާރޭ ޒަމީން ޕަރް"ގެ ރީމޭކެއް ޗައިނާގައި އުފައްދަން ނިންމައިފިއެވެ.
އެ ފިލްމަކީ އާމިރުގެ ފުރަތަމަ ޑައިރެކްޝަނެވެ. ބެލުންތެރިންނާއި ކްރިޓީކުންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެ ފިލްމުގައި އާމިރު ފެނިގެން ދިޔައީ ޓީޗަރެއްގެ ގޮތުގައެވެ.
ފިލްމުގެ ލީޑު ރޯލުން ފެނިގެންދި ދަރްޝީލް ސަފާރީ އަދާކުރީ އުނގެނުމުގެ ދަތިކަން ހުންނަ ކުއްޖެއްގެ ރޯލެވެ.
"ތާރޭ ޒަމީން ޕަރް"އަކީ އިންޑިއާއާއި ޗައިނާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމު ކުރިތާ 60 އަހަރު ފުރުން ފާހަގަ ކުރުމަށް 2010 ވަނަ އަހަރު ބޭއްވި ފިލްމު ފެސްޓިވަލުގައި ޗައިނާ ބަހުން ސްކްރީންކުރި އިންޑިއާގެ ނުވަ ފިލްމުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. އެ ފިލްމު ހިމެނެނީ ޗައިނާގައި އެންމެ ރަނގަޅު ރޭޓިން އެއް ލިބުނު ބޭރު ފިލްމުތަކުގެ ތެރޭގައެވެ.
އަދި އެއީ ޗައިނާގައި ޕައިރޭޓްކޮށްގެންވެސް އެންމެ ގިނައިން މީހުން ބެލި އެއް ފިލްމެވެ. ނަމަވެސް ޗައިނާގައި "ތާރޭ ޒަމީން ޕަރް" ރަސްމީކޮށް ރިލީޒްކޮށްފައެއް ނުވެއެވެ.
ވަރަށް ފަހުން ޗައިނީޒް ސަބްޓައިޓަލްއާއެކު އެ ފިލްމު ރިލީޒްކުރުމަށް ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ރިލީޒްކުރިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ބޭރު ފިލްމުތައް ޗައިނާގައި ރިލީޒްކުރިން އެ ގައުމުގެ ގާނޫނުން މަނާކުރެއެވެ. އެހެންކަމުން އެ ފިލްމުގެ ރީމޭކެއް ހެދުމަށް ނިންމީއެވެ.
މުމްބާއީ މިރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފިލްމު އުފައްދާނީ މުޅިން ޗައިނާގެ ކާސްޓަކާއެކުއެވެ. އަދި ފިލްމު ޑައިރެކްޓު ކުރާނީ މަ ދުއޯއެވެ. އެ ޕްރޮޖެކްޓުގެ ޕްރީ-ޕްރޮޑަކްޝަންގެ މަސައްކަތް މިހާރު ކުރިއަށް އެބަ ދެއެވެ. ޗައިނާއަކީ އިންޑިއާ ފިލްމުތަކަށް ވަރަށް ބޮޑު މާކެޓެކެވެ.
ޚާއްސަކޮށް އާމިރު ޚާންގެ ފިލްމުތަކަށް ޗައިނާގެ އޯޑިއެންސް ވަރަށް ލޯބިކުރެއެވެ.' "ދަންގަލް"، "ޕީކޭ"، އަދި "ސީކްރެޓް ސުޕަސްޓާ"އަށް ބޮޑު ތަރުހީބެއް ލިބުނު އިރު އާމިރުގެ ފިލްމުތަކުން ވަނީ ޗައިނާ ބޮކްސްއޮފީހުގެ ގިނަ ރެކޯޑުތަކެއްވެސް އާކޮށްފައެވެ.