ބުދަ ދުވަހު ފެށި 72 ވަނަ ކާންސް ފިލްމު ފެސްޓިވަލުގެ ރެޑް ކާޕެޓަށް ބަތަލާ ކަންގަނާ ރަނައުތު 10 ދުވަހުގެ ތެރޭގައި ފަސް ކިލޯ ލުއިކޮށްލައިފިއެވެ.

ކަންގަނާގެ ޓީމުން އާންމުކުރި ފޮޓޯ އަދި ވީޑިއޯތަކެއްގައި ބުނެފައި ވަނީ ރެޑް ކާޕެޓަށް ތައްޔާރުވުމަށް ކަންގަނާ ބަރުދަން ލުއިކުރަން ޖެހުނީ އޭނާ މިހާރު މަސައްކަތްކުރަމުން އަންނަ ފިލްމު "ޕަންގާ"އަށް ބަރުދަން އިތުރު ކުރުމުން ކަމަށެވެ.

"ޕަންގާ"ގައި ކަންގަނާ އަދާކުރަނީ ކަބައްޑި ކުޅުންތެރިއެއްގެ ރޯލެވެ. އެހެންކަމުން އެ ރޯލަށް ހަށިގަނޑު ބިޔަ ކުރުމަށް ކަންގަނާ ވަނީ ބަރުދަން އިތުރުކޮށްފައެވެ.

10 ދުވަހުގެ ތެރޭގައި ބަރުދަން ލުއިކޮށް ކަންގަނާ ބޭނުންވާ ބައްޓަން ގެނައުމަށް އޭނާ ވަނީ ކެއުން މުޅިން ބަދަލުކޮށް، ސެލެބްރިޓީ ޓްރެއިނަރު ޔޯގޭޝް ބަތޭޖާގެ އިރުޝާދުގެ ދަށުން ވަރުގަދަ ޓްރެއިނިންގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ކަންގަނާ ކޮންމެ ދުވަހަކު 10-11 ގަޑިއިރު ޝޫޓިންގައި އުޅުމަށްފަހު ދުވާލު ދެ ފަހަރު ޖިމަށް ދެއެވެ. މިއީ ކަންގަނާ ކާންސް ފިލްމު ފެސްޓިވަލުގައި ބައިވެރިވާ ދެވަނަ ފަހަރެވެ.

މިފަހަރު ކަންގަނާ ފެނިގެން ދިޔައީ ވަރަށް ފުރިހަމަ ކޮށެވެ. ރެޑް ކާޕެޓުގައި އޭނާ ފެނިގެން ދިޔައީ ފަލްގުނީ އަދި ޝޭން ޕީކޮކް ޑިޒައިން ކޮށްފައިވާ ވަރަށް ތަފާތު ސާރިއެއްގައެވެ.