ހދ އަތޮޅުގެ ފަޅު ރަށެއްކަމަށްވާ ކޭލަކުނުން ހޮވާ ކާށި އަތޮޅު ކައުންސިލުން ވިއްކާ ގޮތަށް ހަމަޖައްސައި ކާށި ވިއްކަން ފަށައިފި އެވެ.

ކައުންސިލްގެ މެމްބަރު އާދަމް ވަހީދު މިއަދު ވިދާޅުވީ ކޭލަކުނުން ހޮވާ ކާށި ވިއްކަން ނިންމީ އެރަށް، ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތުމުން ކޮންމެވެސް ވަރެއްގެ ފައިދާއެއް ލިބޭނަކަމަށް ގަބޫލު ކުރެވިގެން ކަމަށެވެ.

"ކޭލަކުން މަހެއްގެ މައްޗަށް ގާތްގަޑަކަށް ވިހިހާސް ކާށި ލިބޭނެކަމަށް މިބަލަނީ އަޅުގަނޑުމެން ގަސްތުކޮށް ފައިވަނީ ރުފިޔާއަކަށް ކާއްޓެއް ވިއްކަން. މިހާރުވެސް ކާށި ވިއްކަން ފަށައިފިން،" ވަހީދު ވިދާޅުވިއެވެ.

އަތޮޅު ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ކޭލަކުނުން ހޮވާ ކާށި ގަންނަން ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި އަތޮޅު ކައުންސިލުގެ އިދާރާއަށް ގުޅުމުން ކާށި ވިއްކުމުގެ އިންތިޒާމު ހަމަޖައްސަވައި ދޭނެ ކަމަށެވެ. އަދި އެ އިއުލާނުގައި ވެއެވެ: "... ކޭލަކުނުން ގެންނަ ކާށި ވިއްކަން ގަސްދުކުރަމެވެ. ކާށި ގަންނަން ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި ފޯންނަމްބަރު 6521100 ގުޅުއްވުމުން، ކާށިވިއްކައި ދިނުމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެ" އެވެ.

ކޭލަކުނަކީ ކުރިން ދަނޑުވެރިކަމަށް ދޫކޮށްފައި އޮތް ރަށެއް ނަމަވެސް މިހާރު އެރަށް ބަލަހައްޓަނީ އަތޮޅު ކައުންސިލުން ނެވެ. ދާދި ފަހުން އެކައުންސިލުން ވަނީ ހދ. އަތޮޅު ފިހާރަ ކުރިން ހުރި އިމާރާތް ތިން ކޮޓަރީގެ އެޕާޓްމަންޓް އަކަށް ބަދަލުކޮށް ކުއްޔަށް ދޭންވެސް ނިންމާފައެވެ.