17 May 2019, 13:28
ސަންއާ (މެއި 17): ޔަމަނުގައި ހަނގުރާމަ ކުރަމުންދާ ސައުދީ އަރަބިއާ އިސްވެ އޮންނަ ކޯލިޝަނުން އިއްޔެ ސަންއާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.
ޔަމަނުގެ ހޫޘީން ހިންގާ މަސީރާ ޓީވީ ޗެނަލްއިން ރިޕޯޓު ކުރި ގޮތުގައި އިއްޔެގެ ހަމަލާތަކުގައި އެޖަމާއަތުގެ އަމާޒުތަކުގެ އިތުރުން އާއްމުން ދިރިއުޅޭ ސަރަހައްދުތަކަށްވެސް ގެއްލުން ދީފައިވެ އެވެ. އަދި ސައުދީ ކޯލިޝަނުން ޔަމަނުގައި އިއްޔެ ދިން 19 ހަމަލާގެ ތެރެއިން 11 ހަމަލާ ދިނީ ސަންއާއަށެވެ.
ހޫޘީ ހެލްތް މިނިސްޓްރީއާ ހަވާލާދީ މަސީރާއިން ބުނި ގޮތުގައި އެހަމަލާތަކުގައި ހަ އާއްމުން މަރުވި އިރު އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނުނެވެ. އަދި 52 މީހަކަށް އަނިޔާވިއެވެ.
ސައުދީން އެހަމަލާތައް ދިނީ، އީރާނުގެ އެހީ ލިބޭ ހޫޘީން ސައުދީގެ ތެޔޮ ހޮޅިއަކަށް ޑްރޯން ހަމަލާތަކެއް ދިން ފަހުންނެވެ. އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ކައިރިން ބަޔަކު ދިން ހަމަލާތަކުގައި ގެއްލުން ލިބުނު ހަތަރު ތެޔޮ ޓޭންކަރު ތެރޭގައި ސައުދީގެ ދެ ޓޭންކަރު ހިމެނޭ ކަމަށް އެގައުމުން ބުނި ފަހުންނެވެ.
ސައުދީ އަރަބިއާގެ އަލް އަރަބިޔާ ނޫހުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެގައުމުގެ ކޯލިޝަނުން ސަންއާއަށް ހަމަލާތައް ދިނީ ހޫޘީންގެ ހަމަލާތައް ހުއްޓުވުމަށްޓަކައެވެ.
ހޫޘީން ބުނާ ގޮތުގައި ސައުދީގެ ތެޔޮ ހޮޅިތަކަށް އެޖަމާއަތުން ހަމަލާ ދިނީ 2015 ވަނަ އަހަރުން ފެށިގެން ސައުދީން ޔަމަނުގައި ހިންގަމުންދާ ޖަރީމާތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. ނަމަވެސް ސައުދީން ބުނާ ގޮތުގައި އެޖަމާއަތުން ހަމަލާ ދިނީ އީރާނުގެ އަމުރަށެވެ. ނަމަވެސް ހޫޘީންނާއި އީރާނުން އެ ތުހުމަތު ދޮގުކުރެއެވެ.
ހޫޘީން ސަންއާ ހިފައި އެމީހުންގެ ވެރިކަމެއް ގާއިމު ކުރީ 2014 ވަނަ އަހަރެވެ. އަދި ސައުދީ ކޯލިޝަނުން އެހަނގުރާމައިގައި ބައިވެރިވީ ހޫޘީން ބަލިކޮށް، ބައިނަލްއަގުވާމީ ދުނިޔެއިން ބަލައިގަންނަ ރައީސް އަބްދުރައްބުމަންސޫރު ހާދީގެ ސަރުކާރު ރުޖޫއަ ކުރާނެކަމަށް ބުނެއެވެ.