ސަރުކާރުން ދަނޑުވެރިން އަތުން އަތުލައިފައިވާ ބިންތައް، އަލުން ދަނޑުވެރިންނާ ހަވާލުކުރުމަށް އިންޑިޔާގެ އުއްތަރަޕްރަދޭޝްގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ތިން އަވަށެއްގެ މި ފަދަ ބިންތައް ދަނޑުވެރިންނާ ހަވާލުކުރުމަށް އިލާހުއާބާދުގެ ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ނޮއިޑާ އާއި، ގްރޭޓަރ ނޮއިޑާ އާއި ނޮއިޑާ އެކްސްޓެންޝަނުގެ 64 އަވަށެއްގެ ދަނޑުވެރީން ވަނީ 3000 ހެކްޓަރުގެ ދަނޑުބިން ހޯދުމަށް ކޯޓުގައި ދައުވާކޮށްފައެވެ.

އިންޑިޔާގެ ކުރިއަރަމުންދާ އިގްތިސާދުގައި ފަގީރުންގެ ބޭނުންތަކަށް އިސްކަންދީގެން ކަންތައްތައް ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭއިރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ސިނާއީ މަސައްކަތްތަކަށާއި ގެދޮރު އިމާރާތްކުރުމަށް ބިން ލިބުމުގެ މައްސަލައެވެ.

އަސާސީ އޮނިގަނޑު ނުވަތަ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށް ދަނޑުވެރީންގެ އަތުން ބިންތައް އަތުލައި އެ ބިންތައް ރިއަލްސްޓޭޓު ޑިވެލޮޕަރުންނާ ހަވާލުކޮށްފައިވާތީ، އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުން ނޮއިޑާ އާއި ގްރޭޓަރ ނޮއިޑާގައި އަންނަނީ މުޒާހަރާތައް ބާއްވަމުންނެވެ.

އިލާހުއާބާދުގެ ކޯޓުން ހުކުރު ދުވަހު ސަރުކާރަށް އަންގައިފައިވަނީ ޝަބޭރީ އާއި، ދޭވްލާ އާއި އަސަދުއްލާޕޫރުގެ ދަނޑުވެރީން އަތުން އަތުލި ބިންތައް ދަނޑުވެރީންނާ ހަވާލުކުރުމަށެވެ.