އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށްފަހު، އިލެކްޝަން ކޮމިޝަނުގެ މެންބަރުކަމުން އެ ކޮމިޝަނުގެ މިހާރުގެ ރައީސް އަހްމަދު ޝަރީފް އިސްތިއުފާ ދެއްވުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެއްޖެ އެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ އަދި ފަހުން ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ޝަރީފް، ޕީއެސްއެމްއަށް ދެއްވި އެކްސްކުލޫސިވް އިންޓްވިއުއެއްގައި ވިދާޅުވީ، އީސީން އޭނާ އިސްތިއުފާ ދެއްވަނީ މެންބަރުކަމުގައި ހުންނަވައިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައި ނުގެންނެވޭތީ ކަމަށެވެ.

"މިހާރު ކައުންސިލް އިންތިޚާބަށް ތައްޔާރުވަމުން މިއަންނަނީ. އިންތިޚާބަށް ތައްޔާރުވާއިރު މަގާމު ހުސްކުރުމުގެ ބަދަލުގައި އިންތިާބު ފުރިހަމަކޮށްފައި ދިއުމުގެ ވިސްނުން ގެންގުޅެނީ،" ޕީއެސްއެމްއަށް ދެއްވި އިންޓަވައުގައި ޝަރީފް ވިދާޅުވިއެވެ.

ދެހާސް ސާދަ ވަނަ އަހަރު އޮތް މަޖިލިސް އިންތިހާބްގައި ވާދަކޮށް ގޮނޑި ދިފާއު ނުކުރެވި ނާކާމިޔާބީއާ ކުރިމަތިވަޑައިގަތް ޝަރީފް ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފަ އެވެ.

ރައީސް އަބްދުﷲ ޔާމީން، މީގެ ކުރިން އުފެއްދެވި ޕީޕަލްސް އެލައެންސް (ޕީއޭ)ގެ ސެކްރެޓަރީ ޖެނަރަލް ކަން ކުރެއްވި ޝަރީފް ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ފަހަކޮޅު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާން ކުރެއްވުމާ ހަމައަށް ވެސް ރައީސް ޔާމީންގެ ވަރަށް ގާތް ބޭފުޅެއްގެ ގޮތުގަ އެވެ.

ނަމަވެސް ރިޔާސީ އިންތިހާބުން ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ހިސާބުން އެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.