މެދު ރާއްޖެ ތެރޭ ރަށެށްގައި މީގެ ތިން ދުވަސް ކުރިން ވިހެއި 15 އަހަރުގެ ކުއްޖާ ވިހާފައިވާ ތުއްތު ކުއްޖާގެ ޕޯސްޓްމޯޓަމް އެއް ހަދަން ފުލުހުން ނިންމައިފި އެވެ.

ފުލުހުން މިއަދު ބުނީ، 15 އަހަރުގެ ކުއްޖާ ވިހެއި ތުއްތު ދަރިފުޅުގެ މަރުވި ގޮތް ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް ހެދުމަށް އެ މުއަސަސާއިން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ކުރަން ޖެހޭ ކަންކަން މިހާރު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ. ނަމަވެސް އިތުބާރު ހުރި މަސްދަރަކުން "ސަން" އަށް އެނގިފައިވާ ގޮތުގައި އެއްވެސް މީހަކު މި މައްސަލައިގައި ހައްޔަރުކޮށްފައެއް ނުވެ އެވެ.

އެރަށުން ވާހަކަ ދެއްކި މީހުން މީގެ ކުރިން "ސަން" އަށް ކިޔައދިން ގޮތުގައި 15 އަހަރުގެ ކުއްޖާ ހޮސްޕިޓަލަށް ނުގޮސް ގޭގައި ވިހަން އެހީވީ، އަންހެން ކުއްޖާގެ މަންމަ އާއި އޭނާ ގެ ލޯބިވެރިޔާއެވެ. ވިއްސާފައިވަނީ އެގޭގެ ގިފިލީގަ އެވެ. ވިހެއުމުގެ ތެރޭގައި އެއްކުޖާ މަރުވީ ކަމެއް ނުތަވަ މަރާލީކަމެއް އަދި ސާފެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި 15 އަހަރުގެ އަންހެން ކުއްޖާގެ 20 އަހަރުގެ ލޯބިވެރިޔާ ދިރިއުޅެމުން އަންނީ އެ ކުއްޖާގެ މަންމައާ ވެސް އެކު، އެއް ގެޔެއްގަ އެވެ.

އެ ރަށު ސުކޫލު ގްރޭޑް ނުވައެއްގައި ތައުލީމް ހާސިލް ކުރަމުންދާ އެކުއްޖާ ސުކޫލަށް ނުދާތާ ދުވަސްތަކެއް ވެއްޖެ އެވެ. މި މައްސަލައިގައި ކުޑަ ކުއްޖަކު ހިމެނޭތީ ފުލުހުން މިހާނަތަށް މާބޮޑު ތަފްސީލެއް ހާމައެއް ނުކުރެއެވެ.