ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން 10 ހޮސްޕިޓަލަކަށް ބަދަލުތަކެއް ގެނެސް ފެންވަރު މަތިކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ހޮސްޕިޓަލްތަކަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުންނާއި މެޝިނަރީޒްތައް ހަމަކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ކުރިއަށް އޮތް ދެމަހެއްހާ ދުވަސްތެރޭ ރާއްޖޭގެ 10 ހޮސްޕިޓަލަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމި ނަމަވެސް އެ ހޮސްޕިޓަލްތަކަކީ ކޮން ކޮން ހޮސްޕިޓަލްތަކެއްކަމަށް މިނިސްޓަރު ހާމަކޮށްފައެއް ނުވެއެވެ.

އަމީން ވިދާޅުވީ ހޮސްޕިޓަލްތައް ކަނޑައެޅުމުގައި ވިސްނެވީ އެންމެ ބޮޑަށް ހައްލު ހޯދަން ޖެހިފައިވާ ހޮސްޕިޓަލްތަކާ އާބާދީ އާއި ޚިދުމަތުގެ ފެންވަރަށް ކަމަށެވެ.

"އެކަމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ލުއި ފަސޭހަތަކެއް ލިބޭނެ. ކައިރީ ރަށްތަކުގެ މީހުންވެސް އެ ހޮސްޕިޓަލްގެ ހިދުމަތް ހޯދޭނެ. ޑޮކްޓަރުން ރެކްރޫޓް ކުރުމާއި މިހާރު ތިބި ޑޮކްޓަރުންގެ ފެންވަރު މަތިކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން،"

މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ ރާއްޖޭގެ ބައެއް ހޮސްޕިޓަލްތައް ޓާޝަރީ ހޮސްޕިޓަލްތަކަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.