ރަމަޟާން މަހަކީ އެމައްސަރެއްގައި އަޅުތަކުންގެ ފާފަ ފުއްސަވައި ނަރަކައިން މުއްތިކުރައްވާ ބަރަކާތްތެރި މައްސަރެކެވެ. އީމާންވެ، ދަރުމައާއި ސަވާބަށް އެދިހުރެ ރޯދަ ހިފައިފި މީހާގެ އިސްވެދިޔަހާ ފާފަތައް ފުއްސަވައި ދެއްވާނޭކަމުގައި ރިވާވެގެންވެއެވެ. ފާފަ ފުއްސެވުމުގެ ސަބަބުތައް ނުހަނު ގިނަގުނައެވެ. ތައުބާވެ މާތްﷲގެ ހަޟުރަތަށް ފާފަ ފުއްސެވުން އެދޭ ކޮންމެ އަޅަކަށްމެ ފާފަ ފުއްސަވައިދެއްވުމުގައި އެ އިލާހު ވޮޑިގެންވެއެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ."وَإِنِّي لَغَفَّارٌ لِّمَن تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَى" (طه: 82)މާނައީ: "ތައުބާވެ ސޯލިހު އަމަލުކޮށް، އެއަށްފަހު ތެދުމަގުގައި ދެމިހުރެއްޖެ މީހާއަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަން ކަށަވަރެވެ."

ފާފަ ފުއްސެވުމުގެ އެތައް ސަބަބުތަކެއް މާތް ﷲ ވަނީ ލައްވާފައެވެ. އަދި އެކަންކަންވަނީ ކީރިތި ގުރްއާނާއި ސުންނަތުގައި ސަރީހަ އިބާރާތުން ބަޔާންކުރައްވާފައެވެ. އެގޮތުން މިލިޔުމުގައި އޭގެ ތެރެއިން ބައެއް ކަންކަމަށް ބަލައިލާނަމެވެ.

އިސްތިޣުފާރު ކުރުން

އިސްތިޣުފާރުކުރުމަކީ މާތްﷲއަށް ފާފަ ފުއްސެވުން އެދި ދުއާކުރުމެވެ. މާތްﷲ ވަހީކުރައްވާފައިވެއެވެ."وَاسْتَغْفِرُوا اللَّهَ إِنَّ اللَّهَ غَفُورٌ رَّحِيمٌ"(البقرة: 199)މާނައީ: "ތިޔަބައިމީހުން މާތްﷲއަށް އިސްތިޣްފާރުކުރާށެވެ! އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ އޯގަންވާންތަ އިލާހެވެ."

އަދިވެސް އެހެން އާޔަތެއްގައި ވަހީކުރައްވާފައި ވެއެވެ."وَمَن يَعْمَلْ سُوءًا أَوْ يَظْلِمْ نَفْسَهُ ثُمَّ يَسْتَغْفِرِ اللَّهَ يَجِدِ اللَّهَ غَفُورًا رَّحِيمًا" (النساء: 110)މާނައީ: "ނުބައިކަމެއްކޮށް، ނުވަތަ، އެމީހެއްގެ އަމިއްލަ ނަފްސަށް އަނިޔާވެރިވެ، ދެން (އެއަށްފަހު) ފާފަފުއްސެވުން އެދި ﷲ ގެ ހަޟުރަތަށް ދަންނަވާމީހާ (ދަންނާށެވެ!) ﷲއީ، ގިނަގިނައިން ފާފަފުއްސަވާ އޯގާވަންތަ ކަލަކު ކަމުގައި އޭނާ ދެކޭނެއެވެ."

ގުދުސީ ހަދީޘްފުޅެއްގެ މާނައިގައިވެއެވެ. ﷲ ސުބުހާނަޙޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. "އޭ އާދަމުގެ ދަރިޔާއެވެ! ތިބާގެ ފާފަތައް އުޑުގައިވާ ވިލާތަކާއި ހަމަޔަށް ދިޔަޔަސް (އެހާގިނަވިޔަސް) ތިމަންރަސްކަލާނގެއަށް ފާފަފުއްސެވުން އެދި ދުއާކޮށްފިނަމަ، އެއްވެސް ހިފެއްޓެވުމެއްނެތި (އެފާފަތަކުގެ ގިނަކަމުގެ މައްޗަށް ފަރުވާލެއްނެތި) ތިމަންރަސްކަލާނގެ ފާފަފުއްސަވައިދެއްވާ ހުށީމެވެ."

ތަގުވާވެރިކަން

މާތް ﷲ ވަޙީކުރައްވާފިއެވެ."يِا أَيُّهَا الَّذِينَ آمَنُوا إَن تَتَّقُوا اللَّهَ يَجْعَل لَّكُمْ فُرْقَانًا وَيُكَفِّرْ عَنكُمْ سَيِّئَاتِكُمْ وَيَغْفِرْ لَكُمْ وَاللَّهُ ذُو الْفَضْلِ الْعَظِيمِ"(الأنفال: 29)މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ﷲއަށް ތަގުވާވެރިވާނަމަ، ތިޔަބައިމީހުންނަށް ހައްގާއި ބާތިލު ވަކިކުރާނެ މަގު، އެކަލާނގެ ދައްކަވާނެތެވެ. އަދި ތިޔަބައިމީހުންގެ ކިބައިން ކުށްފާފަތައް ފިއްލަވާނެތެވެ. އަދި ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ.اللَّهއީ ބޮޑުވެގެންވާ ފަޟުލުވަންތަކަމުގެ ވެރިރަސްކަލާނގެއެވެ."

އިޖާބަކުރެއްވުން އެދިހުރެ ދުއާކުރުން

ގުދުސީ ހަދީޘްފުޅެއްގައި މާތް ﷲ ވަހީކުރައްވާފައިވެއެވެ. "އޭ އާދަމުގެ ދަރިޔާއެވެ! ތިބާ ތިމަންރަސްކަލާނގެއަށް ދުއާކޮށް ތިމަންރަސްކަލާނގެ ހަޟުރަތުން އެދިއްޖެނަމަ، ތިބާގެ ކިބައިން ވެފައިވާ ކަންކަމަށް ފަރުވާލެއްނެތި ތިބާއަށް ފާފަފުއްސަވައިދެއްވަމެވެ."

މި ދުނިޔެ ދޫކުރުމަށްފަހު އާދަމުގެ ދަރިއެއްގެ އަމަލުތައް ތިން ކަމަކުން މެނުވީ މެދުކެނޑުނީއެވެ. މެދު ނުކުނޑިވާ ތިން ކަމުގެ ތެރެއިން އެއްކަމަކީ އޭނަގެ ސޯލިހު ދަރިން އޭނަށް ކުރާ ހެޔޮ ދުޢާއެވެ. އެދުއާގެ ސަބަބުން ކައްވަޅުގައިވެސް ފާފަ ފުއްސަވައިދެއްވައެވެ.

ރަސޫލު ﷲ صلَّى الله عليه وسلَّم އަށް ތަބާވުން

މާތްﷲ ވަހީކުރައްވާފައިވެއެވެ."قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَّحِيمٌ"(آل عمران: 31)މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން،اللَّهއަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބާވާށެވެ! އޭރުން، ﷲ ތިޔަބައިމީހުން ދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ﷲއީ، ގިނަގިނައިން ފާފަފުއްސަވާ، އޯގާވަންތަ ރަސްކަލާނގެއެވެ."

މާތް ﷲ ގެ މަގުގައި ހޭދަކުރުމާއި، ރުޅިމަޑުކުރުމާއި، މައާފުކުރުން

"وَسَارِعُوا إِلَى مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالأَرْضُ أُعِدَّتْ لِلْمُتَّقِينَ*الَّذِينَ يُنفِقُونَ فِي السَّرَّاءِ وَالضَّرَّاء وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ وَاللَّهُ يُحِبُّ الْمُحْسِنِينَ"(آل عمران: 133-134)މާނައީ: "އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ހަޟުރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެއަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، ތަގުވާވެރިންނަށެވެ. (133) އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި ހާލުގައި،(މުދާ)ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މައާފުކުރާ މީހުންނެވެ. އިހުސާންތެރިން ދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ. (134)"

ވުޟޫ ފުރިހަމައަށް ކުރުން

މީސްތަކުންނަށް ވުޟޫ ކުރާނެ ގޮތް އުނގަންނަވައި ދެއްވަމުން އުސްމާނު ރަޟިޔަﷲ އަންހު ވިދާޅުވެފައިވެއެވެ. ރަސޫލުصلَّىاللهعليهوسلَّمމިފަދައިން ވުޟޫ ކުރައްވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. ދެން ހަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނު ވުޟޫ މި ކުރެއްވި ފަދައިން ވުޟޫކޮށްފި މީހާގެ އިސްވެދިޔަ ފާފަތައް ފުއްސަވައި ދެއްވާނެތެވެ. ދެން އޭނާ މިސްކިތަށް ހިނގާފައި ދާ ދިއުމުގައްޔާއި އޭނާގެ ނަމާދުކުރުމަކީ އޭނާއަށް އިތުރުވެގެންދާ ޘަވާބެވެ." رواهمسلم

ހަމައެފަދައިން ވުޟޫކުރުމަށްފަހު ދުޢާކުރުމަކީވެސް ފާފަ ފުއްސަވައިދެއްވާ ކަމެކެވެ.

ވުޟޫ ކުރުމަށްފަހު ދެރަކުއަތް ކުރުން

ވުޟޫ ފުރިހަމަކުރުމާއި ނަމާދުކުރުމަކީ ސުވަރުގެ ވަނުމަށް އެދޭމީހާ ކުރުން އެންމެ ހެޔޮވެގެންވާ އަމަލުތަކުގެ ތެރެއިން ހިމެނޭ ދެކެމަވެ.

އުސްމާނު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާصلَّىاللهعليهوسلَّمހަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނު މި ވުޟޫ ކުރެއްވިފަދައިން ވުޟޫކޮށް، އެއަށްފަހު އަމިއްލަ ފިކުރުތަކުން އެއްކިބާވެގެން ހުރެ ދެ ރަކުއަތް ނަމާދެއްކޮށްފި މީހާގެ އިސްވެ ދިޔަހައި ފާފައެއް ފުއްސަވައިދެއްވާނެތެވެ."متفقعليه

ބަންގިއަށް އިޖާބަދިނުމާއި ދުޢާކުރުން

ބަންގިއަށް އިޖާބަދިނުމަކީ ބަންގިދޭ މީހާ ކިޔާ އިބާރާތްތައް ކިޔުމެވެ.حيعلىالصلاةحيعلىالفلاحމިކަލިމަތައް ފިޔަވައެވެ. އެވަގުތުގައި ކިޔާނީلاحولولاقوةإلاباللهއެވެ. ބަންގިއަށް އިޖާބަ ދީ އެއަށްފަހު ދުއާކުރުމަކީ ނަބިއްޔާصلَّىاللهعليهوسلَّمގެ ޝަފާއަތް ލިބި، މާތްﷲގެ ރަހުމަތާއި ފާފަފުއްސެވުން ހާސިލުވާކަމެކެވެ.

މާތް ނަބިއްޔާصلَّىاللهعليهوسلَّمހަދީޘްކުރެއްވިއެވެ. "ބަންގިދޭމީހާގެ އަޑުއިވުމުން، މިފަދައިން ކިޔައިފިނަމަ،أَشْهَدُأَنْلاَإِلَهَإِلاَّاللَّهُوَحْدَهُلاَشَرِيكَلَهُوَأَنَّمُحَمَّدًاعَبْدُهُوَرَسُولُهُرَضِيتُبِاللَّهِرَبًّاوَبِمُحَمَّدٍرَسُولاًوَبِالإِسْلاَمِدِينًاއޭނާގެ ފާފަތައް ފުއްސަވައިދެއްވާނެއެވެ."مسلم.

ހުކުރު ނަމާދާއި ޖަމާއަތުގެ ނަމާދަށް ހާޒިރުވުމަށް މިސްކިތަށް ދިޔުން

ހިނގާފައި މިސްކިތަށް ދިއުމަކީ ފާފަ ފުއްސެވޭކަމެކެވެ. ސަލާމާއި ސަލަވާތްލެއްވި އިތުރު އެކަލޭގެފާނު ހަދީޘްފުޅެއްގެ މާނައިގައިވެއެވެ. "އެކަމެއްގެ ސަބަބުން މާތް ﷲ ފާފަ ފުއްސަވައިދެއްވައި ދަރަޖަ އުފުއްލަވައިދެއްވަނިވި ކަންތައްތަކެއް ކިޔައިދެއްވަން ހެއްޔެވެ؟ ހިތްނުރުހޭފަދަ ގަޑިތަކުގައިވެސް ވުޟޫ ފުރިހަމަކުރުމާއި، މިސްކިތަށް ދިޔުމަށް އަޅާ ފިޔަވަޅުތައް ގިނަކުރުމާއި، (އެބަހީ ގިނަގިން މިސްކިތަށް ދިޔުމާއި)، އެއްނަމާދަށްފަހު އަނެއް ނަމާދަށް އިންތިޒާރު ކުރުމެވެ. ހެޔޮކަމުގެ މަގަކީ އެއީއެވެ."

ފަރުޟު ފަސް ނަމާދު ކުރުމާއި ފަރުޟު ރޯދަ ހިފުން

މާތް ނަބިއްޔާصلَّىاللهعليهوسلَّمހަދީޘްކުރެއްވިއެވެ. "الصلواتالخمس،والجمعةإلىالجمعة،ورمضانإلىرمضان-مُكفراتلمابينهنإذااجتنبتالكبائر"متفقعليه.މާނައީ "ފަރުޟު ފަސް ނަމާދާއި، އެއް ހުކުރުން އަނެއް ހުކުރަށާއި، އެއް ރަމަޟާން މަހުން އަނެއް ރަމަޟާން މަހަށް، އެ ދެމެދުގައިވާ ފާފަތައް ފުއްސެވެއެވެ. އެއީ ބޮޑެތި ފާފަތަކުން އެއްކިބާވެގެން ވާނަމައެވެ."

ފަރުޟު ފަސް ނަމާދު ކުރުމަކީ ދުވާލަކު ފަސްފަހަރަށް ފެންވެރުންފަދަ ކަމެކެވެ. އެވަރަށް ފެންވަރާ މީހެއްގެ ގައިގާ ކުނި މިލައެއް ނުހުންނަ ފަދައިން ނަމާދުކުރާ މީހާގެ ފާފަތައްވެސް ފުހެވިގެންދެއެވެ.

ފަރުޟު ނަމާދަށްފަހުގައި ޒިކުރު ތަސްބީހަ ކިޔުން

އަބޫ ހުރައިރާ ރަޟިޔަ ﷲ އަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާصلَّىاللهعليهوسلَّمހަދީޘްކުރެއްވިއެވެ. "ކޮންމެ ނަމާދެއްގެ ފަހުގައިسبحانﷲ ތިރީސް ތިން ފަހަރު ކިޔައި،الحمدللهތިރީސް ތިން ފަހަރު ކިޔައި،اللهأكبر33 ފަހަރު ކިޔައި، 99 ހަމަކުރުމަށްފަހު، 100 ވަނަ ފަހަރުلاَإِلَهَإِلاَّاللَّهُوَحْدَهُلاَشَرِيكَلَهُلَهُالْمُلْكُوَلَهُالْحَمْدُوَهُوَعَلَىكُلِّشَىْءٍقَدِيرٌކިޔައިފި މީހެއްގެ ފާފަ ކަނޑުގެ މަތީގައިވާ ފޮނުގަނޑަށް ވުރެ ގިނަކަމުގައިވިޔަސް އޭނާގެ ހުރިހާ ފާފައެއް ފުއްސަވައިދެއްވާނެއެވެ."رواهمسلم

މާތް ﷲ ޒިކުރުކުރުން މަތީ އަބަދުމެ ދެމިހުރުން

މާތް ނަބިއްޔާصلَّىاللهعليهوسلَّمހަދީޘްކުރެއްވިއެވެ. "سُبْحَانَاللَّهِوَبِحَمْدِهِދުވާލަކު 100 ފަގަހު ކިޔައިފި މީހެއްގެ ފާފަތައް ކަނޑުގެ ފޮނުގަނޑުހާ ގިނަޔަސް އޭނާގެ ފާފަ ފުއްސަވާނެއެވެ."متفقعليه

ބަޔާންވިދިޔަ ކަންތައްތަކުގެ އިތުރުންވެސް ފާފަ ފުއްސެވުމުގެ ސަބަބުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ދަމުނަމާދު ކުރުމާއި، ޟުޙާ ނަމާދު ކުރުމާއި، ނަމާދަށްފަހު ޒިކުރުތަސްބީހަ ކިޔުންފަދަ ކަންކަން ހިމެނެއެވެ.

މި މާތް މައްސަރުގެ ވަގުތުތައް ޒިކުރު ކުރުންމަތީ ހޭދަކުރުމަށް ވަސިއްޔަތް ކުރަމެވެ.