އަވަށްޓެރި އިންޑިޔާއާއެކު އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ޕާކިސްތާނަށް ލިބިއްޖެއެވެ. ޕާކިސްތާނުން ވަނީ އދ. ގައި ދެ އަހަރުގެ ދައުރު އޮންނަ ފަސް މަގާމަކަށް މި ފަހަރު ވާދަކޮށްފައެވެ.

މޮރޮކޯ އާއި ގުއަޓެމާލާ އާއި ޓޯގޯ ވެސް ވަނީ ދާއިމީ ނޫން މެންބަރުންގެ ގޮތުގައި އިންތިހާބުވެފައެވެ. އިރުމަތީ ޔޫރަޕަށް ކަނޑައަޅާފައިވާ ގޮނޑީގެ އިންތިހާބުތައް އަދިވެސް ދަނީ ކުރިއަށެވެ.

ޕާކިސްތާނަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ލިބުނަސް، ދެކުނުއޭޝިޔާގައި އިންޑިޔާ އާއި ޕާކިސްތާނާ ދެމެދު އޮންނަ ވާދަވެރިކަން ސަލާމަތީ މަޖިލީހުގެ ތެރެއިން ފެނިގެން ހިނގައިދާނެކަމަށް ގަބޫލު ނުކުރެވޭ ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

ބައިނަލްއަގްވާމީ މައްސަލަތަކުގައި އިންޑިޔާ އާއި ޕާކިސްތާނުން އާންމުކޮށް ގެންގުޅެނީ އެއްކަހަލަ ވިސްނުމެކެވެ.

ކޮންމެ އަހަރަކު ވެސް ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން 10 މެންބަރުންގެ ތެރެއިން ފަސް މެންބަރުން އިންތިހާބު ކުރެވެއެވެ.

އާންމު ގޮތެއްގައި އިންތިހާބުގެ ކުރީން އެ ސަރަހައްދަކުން ސަލާމަތީ މަޖިލީހުގެ ގޮނޑި ފުރާނެ ގައުމެއް ސަރަހައްދުގެ ގައުމުތަކުން ކަނޑައަޅައެވެ. އެހެން ނަމަވެސް މިއަހަރު ވަރަށް ގިނަ ގައުމުތަކުން ވާދަ ކުރުމާއެކު އިންތިހާބަކަށް ނުގޮސް ގިނަ ސަރަހައްދުތަކުގެ ގޮނޑި ކަނޑައެޅޭ ގޮތެއް ނުތްވެވެ.

ގުއަޓެމާލާއާ ވާދަ ކުރާނެ ގައުމެއް ނެތް ނަމަވެސް، މޮރޮކޯ އާއި ޓޯގޯ ފަދަ ގައުމުތައް ގޮނޑި ކާމިޔާބުކޮށްފައި ވަނީ އިންތިހާބުގައި ވާދަކޮށްގެންނެވެ. މާ ބޮޑު އުނދަގުލަކާ ނުލައި މޮރޮކޯ އިންތިހާބުވި ނަމަވެސް ޓޯގޯއަށް ގޮނޑި ލިބިފައިވަނީ ތިން ބުރެއްގެ މަތީން ވާދަކޮށްގެންނެވެ.

ޕާކިސްތާނުގެ އެންބެސެޑަރ ޢަބްދުﷲ ޙުސައިން ޙާރޫން ވިދާޅުވީ އަވަށްޓެރި އިންޑިޔާއާ އެކު ރަނގަޅަށް މަސައްކަތް ކުރެއްވުމުގެ އުންމީދު އެބައޮތް ކަމަށެވެ. ހަމަ އެހެންމެ އޭނާ ނޫސްވެރިންނާ ވާހަކަދައްކަވަމުން ދިޔަ ވަގުތު އިންޑިޔާގެ ފަރާތުން ގުޅައި މަރުހަބާ ކިޔައިފައިވާ ކަން ވެސް ފާހަގަ ކުރެއްވިއެވެ.

މުހައްލިލުން ވިދާޅުވާ ގޮތުގައި ސޫރިޔާ އާއި އީރާން ފަދަ އިސްލާމީ ގައުމުތަކުގެ މައްސަލައިގައި ހުޅަނގުގެ ގައުމުތަކުން ނިންމަން އުޅޭ ނިންމުންތަކަށް ޕާކިސްތާނުގެ އެއްބާރުލުން ލިބުމަކީ ދުރުކަމެކެވެ. މި ނިމޭ ޓާމުގައި ހުޅަނގުގެ ގައުމުތަކުގެ ނިންމުންތަކަށް މިގޮތަށް ދެކޮޅު ހެދި ގައުމަކީ ދެކުނު އެމެރިކާގެ ގައުމެއް ކަމުގައިވާ ބްރެޒީލެވެ.

ޓޯގޯއަކީ މިފަހަރު ފުރުސަތު ލިބިދާނެކަމަށް ހީ ނުކުރެވުނު ގައުމެކެވެ. ސަބަބަކީ އެފްރިކާގެ އެ ފަޅީން ޓޯގޯއާ ވާދަ ކުރީ އަރަބި ގައުމެއް ކަމަށްވާ މޮރިޓޭނިޔާއިން ކަމަށް ވާތީއެވެ.