ފުޓުބޯޅަ ސީޒަން ނިންމާލުމަށް ފަހު ރައްޓެހިންނާ އެކު އުމުރާވުމަށް މެންޗެސްޓާ ޔުނައިޓެޑް އަދި ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ މައްކާގައި ހުރެ، ދިރިއުޅުމުގެ މަގުސަދު ހަނދާންނައްތާނުލުމަށް އެދި އޭނަގެ ސަޕޯޓަރުންނަށް ނަސޭހަތްތެރިވެ ދީފި އެވެ.

ވޭތުވެ ދިޔަ ދެ ސީޒަން ނިންމާލުމަށް ފަހު ވެސް ޕޮގްބާ ވަނީ އުމުރާ ވުމަށް މައްކާއަށް ގޮސްފަ އެވެ. އޭނާ މިފަހަރު އުމްރާ ވުމަށް ގޮސް އުޅެނީ އެވަޓަންގެ ޑިފެންޑަރު ކާޓް ޒޫމާއާއި އިތުރު ރަހުމަތްތެރިންތަކަކާ އެކު އެވެ.

ޕޯލް ޕޮގްބާއާއި ކާޓް ޒޫމާ އުމްރާ ވުމަށް މައްކާގައި --- ފޮޓޯ/ ޕޮގްބާގެ އިންސްޓަގުރާމް

މެންޗެސްޓާ ޔުނައިޓެޑާ އެކު މި ސީޒަނުގައި ލިބުނު ނާކާމީޔާބީއަށް ފަހު ޕޮގްބާ މައްކާއަށް ގޮސް އިންސްޓަގުރާމަށް އަޕްލޯޑު ކުރި ސްޓޯރީއެއްގައި ބުނީ ހުރިހާ ކަމަކަށް ވެސް ޝުކުރުވެރިވާން ވާނެ ކަަމަށެވެ. އަދި ތިމާއަށް ޖެހިފައިވާ ހާލެއްވުރެން އެހެން މީހެއްގެ ހާލު ގޯސް ވެދާނެ ކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން ވާނެ ކަމަށެވެ.

ޔުނައިޓެޑުން މި ނިމުނު ސީޒަން ނިންމާލީ އިނގިރޭސި ޕްރިމިއާ ލީގުގެ ހަ ވަނައިގައި އޮވެ އެވެ. އަދި އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން ޖާގަ ނުލިބުމާއި ސީޒަނުގެ ފަހު ކޮޅު ޔުނައިޓެޑުން ދެއްކި ދަށް ކުޅުމުގެ ސަބަބުން އެ ކުލަބުގެ ސަޕޯޓަރުން ވަނީ ޓީމުގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އެގޮތުން ޔުނައިޓެޑުގެ އެންމެ ފަހު މެޗު ނިންމާލުމަށް ފަހު ޕޮގްބާ ސަޕޯޓަރުންނާ ބައްދަލު ކުރަން ދިއުމުން ބައެއް ސަޕޯޓަރުން ވަނީ އޭނާއާ ދިމާއަށް ހަޑި ހުތުރު ބަހުން އެއްޗެހި ގޮވާފަ އެވެ.

ސީޒަނުގެ ނާކާމީޔާބީއަށް ފަހު ޔުނައިޓެޑު ދޫކޮށް ޕޮގްބާ ދިއުމަށް ބައެއް ސަޕޯޓަރުން ގޮވާލާފައިވާ އިރު ރެއާލް މެޑްރިޑުން ދަނީ ޕޮގްބާ ހޯދުމަށް މަސައްކަތް ކުރަމުން ކަމަށް ބައެއް ރިޕޯޓްތަކުން ބުނެ އެވެ.

ޕޯލް ޕޮގްބާ އޭނަގެ އެކުވެރިންނާ އެކު އުމްރާ ވުމަށް މައްކާގައި --- ފޮޓޯ/ ޕޮގްބާގެ އިންސްޓަގުރާމް

ޕޮގްބާ މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ކޮންމެ ހާލަތެއްގައި ވެސް ދިރިއުޅުމުގެ މަގުސަދު ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އޭނާ ވަނީ ކައުބަތުﷲ ގެފުޅު ކައިރީގައި ވެސް ފޮޓޯތަކެއް ނަގައި ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްފަ އެވެ.