އައިޖީއެމްއެޗުން ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ކުރިއަށްވުރެ ތަނުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) ވިދާޅުވެއްޖެ އެވެ.

އައިޖީއެމްޗުން ދޭ ހިދުމަތާ މެދު ހިތް ހަމަ ނުޖެހިގެން ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.

ސަލީމް 'ސަން' އަށް މިއަދު ވިދާޅުވީ އައިޖީއެމްއެޗުގައި އެއްވެސް ކަމެއް ގޯސްވެގެން ނުދާ ކަމަށެވެ. ކުރިއަށްވުރެ މިހާރު ހިދުމަތުގެ ފެންވަރު ރަނގަޅު ވާނެ ކަމަށާއި އަދިވެސް އިތުރަށް ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ އައިޖީއެމްއެޗަކީ އާސަންދައިން ހުރިހާ ހަރަދެއް ކަވަރު ކުރާ ހަމަ އެކަނި ހޮސްޕިޓަަލަށް ވުމުން އެތަނުން ހިދުމަތް ހޯދާ މީހުންގެ އަދަދު ގިނަ ކަމަށެވެ. ދުވާލަކަށް 4000 މީހުން އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ ކަމަށް ސަލީމް ވިދާޅުވި އެވެ.

"މިތަނުގައި ލެބްގެ ހިދުމަތަށް ބަލާއިރުވެސް އެހެން ކްލިނިކްތަކުން އެހެން ހޮސްޕިޓަލްތަކުން ހަދަން ދޭ ޓެސްޓްތައް މިކޮޅުން ހަދަނީމި. އެހާ ގިނަމީހުންނަށް ހިދުމަތްދޭ އިރު މެޝިނަކަށް ނޫނީ އެހެން އެއްޗަކަށްވެސް މައްސަލަ ދިމާވެދާނެ ނޫނީ ހަލާކުވެދާނެ. އެކަމަކު ހައްލު ކުރަން މަސައްކަތް ކުރަން." ސަލީމް ވިދާޅުވި އެވެ.

އޭސީ މައްސަލަ ފެށޭ ހަފްތާ ހައްލުވާނެ

އައިޖީއެމްއެޗު އޭސީ ސިސްޓަމް ހަރުކުރަނީ --- ފޮޓޯ/ އައިޖީއެމްއެޗް

މިހާރު އާންމުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮތީ އައިޖީއެމްއެޗުގެ އެމްޖެންސީ ރޫމުގެ އޭސީ ހަލާކުވެ ނުހެދި ގިނަ ދުވަސްވާ މައްސަލަ އެވެ. އެކަމާ ގުޅިގެން ސަލީމް ވިދާޅުވީ އޭސީ ހަލާކުވާން ދިމާވީ މީގެ ކުރިން އެ އޭސީތައް މެއިންޓެނެންސް ކޮށްފަިއ ނެތުމުން ކަމަށެވެ.

"އަޅުގަނޑު ހަވާލުވިއިރުވެސް ބައެއް އޭސީތައް ހަލާކުވެފައި ހުރީ. އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ހަފްތާގައި އޭސީގެ މައްސަލަ ހައްލުވެގެންދާނެ." ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވި ގޮތުން އޭސީގެ މައްސަލަ ހައްލުނުވެ ލަސްތަކެއް ދިމާވީ އޭސީ ހެދުމަށް ބޭނުންވާ އެއްޗިހި ބޭރުން ނުގެނެވިގެންނެވެ. އެއީ އޮފްޝެލްފަށް ގަންނަން ލިބޭ އެއްޗެއް ނޫން ކަމަށް ސަލީމް ވިދާޅުވި އެވެ.

ހޮސްޕިޓަލްގެ ސެންޓްރަލް އެއާކޮންޑިޝަނިން ސިސްޓަމަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުންނެވެ. އޭސީ ހަދަން ބޭނުންވާ ކޫލިންގް ޓަވަރުތައް ރާއްޖޭން ބޭރުން ގެންނަން ޖެހިގެން ލަސްތަކެއް ދިމާވަނީ އެވެ. ނަމަވެސް މިހާރު އެ ކޫލިންގް ޓަވަރު ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

ވޯޑުތަކުގައިވެސް އޭސީ ހަރުކުރަނީ

މިހާރު އައިޖީއެމްއެޗުގައި ވަރަށް ގިނަ އަޕްގްރޭޑިންގް މަސައްކަތްތަކެއް ކުރިއަށްދާ ކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ ސަލީމް ވިދާޅުވި އެވެ. އެގޮތުން ވޯޑުތަކަށް ހޫނުވާތީ ވޯޑުތަކުގައި އޭސީ ހަރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް ދާ ކަމަށް ސަލީމް ވިދާޅުވި އެވެ.

"ވޯޑުތަކުގައި ހޫނުވުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއް. މިހާރު އޭސީ އިންސްޓޯލް ކުރުމުގެ މަސައްކަތްތައް މިވަނީ ފަށާފައި." ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވިގޮތުން އޭސީ އިންސްޓޯލް ކުރުން ނުވަތަ މެއިންޓެނެންސް މަސައްކަތް ކުރިއަށް ދާއިރުވެސް ބައެއް މީހުންގެ ޝަކުވާ އަންނަ ކަމަށެވެ. ރޭގަނޑު ދަންވަރު އެމަސައްކަތް ކުރާތީ ޝަކުވާ ކުރާ ކަމަށް ވިދާޅުވި އެވެ.

"ދުވާލު ގަޑީގައި ވަރަށް މީހުން ގިނަ ވަރަށް ބައިބޯ. އެހެންވީމަ އެގަޑީގައި ކިހިނެތްތޯ މެއިންޓެނެންސް މަސައްކަތް ކުރާނީ. ދެން މި ކުރެވެނީ ރޭގަނޑު މީހުން މަދުވީމަ." ސަލީމް ވިދާޅުވި އެވެ.

ޕަބްލިކް ފާހާނާތައް މަރާމާތު ކޮށްފި

އައިޖީއެމްއެޗުގައި މީގެ ކުރިން ފެންބޮޑުވެ ހަލާކުވެފައި ހުރި ޕަބްލިކް ފާހާނާތައް މިހާރު މަރާމާތުކޮށްފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި އެމްޖެންސީ ރޫމުގެ އޭސީވެސް މަރާމާތުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

" ގާތްގަނޑަކަށް ހަތަރު ލައްކަ ރުފިޔާ ހަރަދުކޮށްގެން ވަރަށް ހާލުގައި ހުރި ފާހަނާތައް މި މަރާމާތުކޮށް އަލުން މުށިޖަހާ ހެދީ." ސަލީމް ވިދާޅުވި އެވެ.

މިހާރު ފާހާނާތައް ސާފުކުރުން ކުރިއަށްވުރެ އަވަސްކޮށް ކުރިއަށް ދާނެ ކަމަށް ސަލީމް ވިދާޅުވި އެވެ. އެއީ ގިނަ މީހުން ބޭނުންކުރާ ފާހާނާއަކަށް ވާތީ ސާފުކޮށް ބެހެއްޓުމަށް ކަމަށް ސަލީމް ވިދާޅުވި އެވެ.