16 May 2019, 12:36
ދިއްލީ (މެއި 16): އިންޑިއާގެ ވެސްޓް ބެންގޯލްގައި އާންމު އިންތިހާބަށް ކެމްޕެއިން ކުރާ ފަރާތްތަކުން މިއަދު ކެމްޕެއިންކުރުން ނިންމާލުމަށް އެގައުމުގެ އިލެކްޝަން ކޮމިޝަން (އީސީ)އިން އަންގައިފިއެވެ.
އިންޑިއާގެ އާންމު އިންތިހާބުގެ އެންމެ ފަހު ފިޔަވަހީގެ ވޯޓުލުން އޮންނާނީ އަންނަ އާދިއްތަ ދުވަހުގައެވެ. އަދި މީގެ ކުރިން ހުރިހާ ސްޓޭޓުތަކެއްގައިވެސް އޮތީ މާދަމާއާ ޖެހެންދެން ކެމްޕެއިން ކުރެވޭ ގޮތަށެވެ.
ނަމަވެސް މިދިޔަ އަންގާރަ ދުވަހު ވެސްޓް ބެންގޯލްގައި ގައުމުގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)އާއި ސްޓޭޓުގެ ވެރިކަން ކުރާ އޯލް އިންޑިއާ ޓްރިނަމޫލް ކޮންގްރެސް (ޓީއެމްސީ)އާ ދެމެދު ވަނީ ހަމަނުޖެހުމެއް ހިނގާފައެވެ. އެ ހާދިސާ ހިނގީ ބީޖޭޕީގެ ރައީސް އަމިތު ޝާހު ކަލްކަތާގައި ބޭއްވި ރެލީއެއްގައެވެ.
އެ ރެލީއަށް ޓީއެމްސީއަށް ތާއިދުކުރާ ބައެއް ފަރާތްތަކުން ވަނީ އަމިތު ޝާހާ ދެކޮޅަށް އެއްވެފައެވެ. އެ ހާދިސާގައި ބައެއް މީހުންނަށް އަނިޔާވެ، އުޅަނދުތަކުގައި ރޯކުރިއެވެ. އެހެންކަމުން އީސީން ނިންމީ ވެސްޓް ބެންގޯލްގައި ކެމްޕެއިން ކުރެވޭ މުއްދަތު ކުޑަ ކުރުމަށެވެ.
އެ ސްޓޭޓުގެ 42 ގޮނޑިއަށް ބީޖޭޕީއާއި ޓީއެމްސީއާ ދެމެދު ވަނީ ވާދަވެރިކަން ބޮޑުވެފައެވެ. އެގޮތުން ވެސްޓް ބެންގޯލްގެ ޗީފް މިނިސްޓަރު މަމަޓާ ބެނާޖީއަކީ، ސްޓޭޓުތަކުގެ ޕާޓީތަކަށް ޕާލަމެންޓުން އަގުލަބިއްޔަތު ލިބިއްޖެނަމަ ބޮޑުވަޒީރުކަމަށް ވާދަ ކުރައްވާނެ ފަރާތެކެވެ.
އަދި ބީޖޭޕީން އޮތީ ވެސްޓް ބެންގޯލްގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށް، އިންޑިއާގެ އިރުމަތީގައި އެ ޕާޓީގެ ނުފޫޒު ވަރުގަދަކުރުމުގެ އުންމީދުގައެވެ. އެއީ އިންޑިއާގެ އުތުރު ސްޓޭޓުތައް ކަމަށްވާ އުއްތަރަ ޕްރަދޭޝްއާއި ރާޖަސްތާންގައި ބީޖޭޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިދާނެތީއެވެ. އެ ސްޓޭޓުތަކުގައި ގިނަ ގޮނޑިތައް ކާމިޔާބުކުރާނެ ކަމަށް ބެލެވެނީ ސްޓޭޓު ޕާޓީތަކާއި އިދިކޮޅު ކޮންގްރެސްއިންނެވެ.
އާދިއްތަ ދުވަހު ބާއްވާ ހަތްވަނަ ފިޔަވަހީގެ ވޯޓުލުން އޮންނާނީ ބިހާރު، ހިމާޗަލް ޕްރަދޭޝް، ޖަރުކާންދު، މަދުޔަ ޕްރަދޭޝް، ޕަންޖާބު، އުއްތަރަ ޕްރަދޭޝް، ވެސްޓް ބެންގޯލް އަދި ޗަންދިގަރުގައެވެ. އެ އިންތިހާބުގެ ނަތީޖާ އިއުލާން ކުރާނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގައެވެ.