16 May 2019, 11:10
މާލޭގައި ހިންގަމުންދާ އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އަތޮޅު ކައުންސިލްތަކަށް ޖަމާކޮށްދޭން ފަށައިފި އެވެ.
މި ފައިސާ ޖަމާކޮށްދޭން ފަށާފައިވަނީ ފައިސާ ޖަމާނުކުރާތާ ހަތަރު އަހަރު ފަހުންނެވެ. އަތޮޅު ފިހާރަތައް މާލޭގައި ހިންގިނަމަވެސް، ކުލީގެ ގޮތުގައި ލިބޭ ފައިސާގެ 50 ޕަސެންޓް އަތޮޅު ކައުންސިލްތަކަށް ލިބެން ޖެހޭ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އެންމެ ފަހުން އެ ފައިސާ ކައުންސިލްތަކަށް ޖަމާކޮށްދީފައިވަނީ 2014 ވަނަ އަހަރު އެވެ. ފިނޭންސް މިނިސްޓްރީ އިން ބުނީ މި ހަފްތާ ޖަމާކޮށްދޭން ފަށާފައިވަނީ އަތޮޅު ފިހާރަތަކުން 2015 ވަނަ އަހަރު ލިބެންޖެހޭ ފައިސާ ކަމަށެވެ.
އެގޮތުން 16 ކައުންސިލަކަށް 12.538 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށް ފިނޭންސުން ބުންޏެވެ. އަދި ފައިސާ ޖަމާނުކޮށްދެވި ވާ ހަތަރު ކައުންސިލަށް ފައިސާ ޖަމާކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ފިނޭންސް އިން ބުންޏެވެ.
އެކަމާ ގުޅިގެން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކައުންސިލްތަކަށް ފައިސާ ލިބޭނެ ވަސީލަތްތައް ވަރަށް މަދު ކަމަށާއި އަތޮޅު ފިހާރަތަކަކީ ކައުންސިލްތަކަށް ފައިސާ ލިބޭ އެއް މަގު ކަމަށެވެ.
"ކައުންސިލްތައް ބާރުވެރިކުރުވުމަކީ މި ސަރުކާރުގެ ވައުދެއް. ކައުންސިލްތައް ބާރުވެރިކުރުވުމަށް އެންމެ މުހިއްމީ މާލީ ގޮތުން ފުދުންތެރި ކުރުވުން، އަތޮޅު ފިހާރަތަކުން ލިބެންޖެހޭ ފައިސާ ނުލިބިއޮތުމަކީ ކައުންސިލްތަކުގެ ކަންބޮޑުވުމެއް،" ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.
މިހާރު 2015 ވަނަ އަހަރުގެ ފައިސާ ކައުންސިލްތަކަށް ދޭން ފަށާފައިވާއިރު އެހެން އަހަރު ތަކުގެ ފައިސާ ދިނުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާލޭ އުތުރުފަރާތުގައި ގާއިމްކޮށްފައިވާ އަތޮޅު ފިހާރަތައް ކުއްޔަށް ދީފައިވަނީ އެކި ފިހާރަތައް އެކި އަގުގަ އެވެ. ކޮންމެ ކައުންސިލަކަށްވެސް ލިބެނީ އެ އަތޮޅެއްގެ ފިހާރައިން ކުލީގެ ގޮތުގައި ލިބޭ ފައިސާގެ ދެބައިކުޅަ އެއްބަ އެވެ.