ކެރޭމީހުންނަކީ މަދުބައެކެވެ. ގޮތްކިއުމާއި ފޮނި ކެނޑުމަކީ ގިނަ ބަޔަކު އެކަންކަމަށް އާދަވެ ފަރިތަވެ ފައިވާ ފަސޭހަކަންކަމެވެ.

އެއީ 1940ގެ އަހަރުތަކޭ ބުނުއްވި އެވެ.

"އެޒަމާނުގައި ވެސް ފޮނި ބޮޑާކަމާއިއެކު ތިމާއަށް ތިމާފެނި އަނެކުންނަށް ދެއްކިގަންނަން ބޭނުންވާ މީހުން އެޅުނެވެ. އެފަދަ މީހުން ލައިއުޅުނީ އަތް ދިގު ހުދުގަމީހެވެ. ގަމީހެއްނޫނެވެ. އޭރުގެ ލިބާހެވެ. އަނދެގެން ތިބޭނީ މުންޑެވެ. ކުރި މައްޗަށް ވާގޮތަށް ރޫނަގާ އަނދެފައި ހުންނަނީ އުނަގަނޑުގައި ފުޅާ ކަމަރުއަޅާފަ އެވެ. އެމީހުންނަކީ ކޮންމެވެސް ވަރަކަށް ކިޔަވައިގެން ތިބޭ އެދުރުން ވެސް މެ އެވެ.

އަހަރެމެނަށް ކިއަވައިދިން މޫސާފުޅަކީ އެ ފަދަ މީހެކެވެ. ހުދުހެދުމުގައި ހެދިފައިހުންނަ އިރު އުނގުޅާފައި ހުންނަ އަންބަރީ އަތަރުގެ ވަސް މުޅި ތަނުންދުވާނެ އެވެ. ހިނގާފައިދާނީ ވެސް މުޅިމަގު ހިފައިގެނެވެ. އެހާފަތަރާސީކޮންނެވެ. އަހަރެމެނަށް ބޮޑުވެ އުނދަގޫވީ އޭނާގެ އެއިންކަމަކާ ނޫނެވެ. އުނދަގޫ ވަނީ އޭނާއާއިއެކު ކެއުމުގެ މަޖިލިސްތަކުގައި ބައިވެރިވާން ޖެހޭ ފަހަރުފަހަރަށް އޭނާގެ ފުޅާ ކަމާއި ހަށިފުއްޕާ ޖާގަހިފާވަރުބޮޑު ކަމުންނެވެ. އަދި ވަކިން އެއްތަށީގައި ނުވަތަ ދޮލަނގުގައި ކާން ދިމާވާ ފަހަރު އޭނާގެ އުނދަގޫބޮޑު ކަމުންނެވެ. ވާ ގޮތަކީ ބަތްސުވާ އަނގައަށްލާން އަތްނަގާއިރު އެ އަތުގެ އުޅަނބޮށި ގަޔާދުރަށް އޮންނާތީ ޖެހިގެން އިންނަން ދިމާވުން ފިތެންޖެހޭފިތުމެވެ.

އެވާހަކަ އަހަރެމެންތެރޭގައި އެހެންދިމާވާ ކޮންމެ ފަހަރަކުހެން ދެއްކެ އެވެ. އެކަމާ ކުދިކިއެ އެވެ. އެއްދުވަހަކު މަ އެހީމެވެ. ދެންއަޅެ ތިޔަކަމަށް ކުރެވޭނެކަމެއް ހެދޭނެ ގޮތެއްވެސް ހަމަނެތީ ހެއްޔެވެ. އެއްމެންހެން ބުނީ ކުރެވޭނެކަމެއް ނެތްކަމު ގައެވެ. އެސައްލާއެއް ކުރެވުނީ އަހަރެމެންގޭ ތަޅަންމަތީގައި ކަމަށްވާތީ ބައްޕައަށް އެއަޑުތައްއިވުނެވެ. އެހިސާބަށް ދިއުމުން ބައްޕަ މަށަށް ގޮވާލެއްވި އެވެ. އަދި ކައިރީގައި ވަރަށް ގާތުގައި ބަހައްޓަވައިގެން ސިއްރު ވާހަކައެއް ބުނުއްވި އެވެ. އެއަށް ފަހު އެއްމެނަށް އިވޭވަރަށް ބުނުއްވި އެވެ. ކެރޭމީހުން މިހާރުމިދަނީ މަދުވަމުންނެވެ. ކަންކަންނުކުރެވެނީ ނުކުރެވޭތީ އެވެ. މީނާއަށް ކަލޭމެން އެއްމެން ހިތްވަރު ދީގެންނަމަވެސް މަމިކިއައިދިންގޮތަށް ކަންކުރުވާށެވެ. ތިޔަ އުނދަގޫ އުފުލާކަށް އަލަކުން ނުޖެހޭނެ ކަން ކަށަވަރެވެ.

ދެންއައީ ނަތީޖާ ނެރުމުގެ ދުވަހެވެ. ކުރިން ވެސް ވާހަކަ ދެކެވި ހަމަޖެހިފައިވާ ގޮތަށް އެކެއުމުގެ މަޖިލީހުގައި މޫސާފުޅާ ޖެހިގެން އިނީ އަހަންނެވެ. އޭނާގެ އާދައިގެމަތިން ގަތްވެއްގެ ދުރަށް އުޅަނބޮށި ދިއްކޮށްފައި ބަތްސުވާ އަނގައަށްލީ ވަގުތަކީ މަގޭ އަނގައިގައި ހެޔޮވަރަށް ރިހަޔާއިއެކު މޮޑެފައި ހުރި ބަތްހުރިވަގުތެކެވެ. ބަލާކަށްނީންނަމެވެ. މަގޭމޫނާ ދިމާއަށް ދިއްވެގެންއައި ހުދުގަމީސްލީ އަތުގެ ހުދު އުޅަނބޮށީގައި އަނގަޖަހައިފީމެވެ. އެއާއިއެކު އަސްތާ މޫސާފުޅާ! އޭ، ކަލޭގެ އުޅަނބޮށި އެ ވަނީ މަގޭއަނގަޔަށޭ، އެއްމެނަށް އިވޭވަރަށް ބުނީމެވެ. އެއިރު މުޅި އެގަމީހުގެ އުޅަނބޮށިކޮޅާވީ ހިސާބުގައި ހުރީ ރިހަޔާއިބަތާ އުނގުޅިފަ އެވެ.

މަގޭ ބައްޕައަށް އަހަރެމެން އެއްމެންމެ ސާބަސް ދިނުންމަތީ އެވާހަކަދައްކާ ހެދެ އެވެ. އެދުވަހު އެ ބުނުއްވީ ތެދުވާހަކަ އެކެވެ. އެއަށް ފަހު މޫސާފުޅު އޭނާގެ އުޅަނބޮށި ގެންގުޅުނީ އޭނާގެ އިމުގަ އެވެ.