15 May 2019, 22:19
ށ. ފޭދޫގައި ހާއްސަ އެހީއަށް ބޭނުންވާ 45 އަހަރުގެ އަންހެނެއްގެ މޫނުގައި ގޯންޏެއް އަޅައި މަގުބައްތިއެއްގައި އައްސާފައިހުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ށ. ފޭދޫ ކައުންސިލްގެ ނާއިބު ރައީސް މުހައްމަދު ޝާމިރު ވިދާޅުވީ އެ އަންހެން މީހާ އެރަށުގެ މަގުބައްތިއެއްގެ ހޮޅިދަނޑީގައި އައްސާފައި ހުއްޓާ ފެނުނީ މިދިޔަ ހޯމަ ދުވަހު ދަންވަރު ކަަމަށެވެ.
އެ އަންހެން މީހާ އައްސާފައި ހުރި ފޮޓޯތައް ވެސް މީސްމީޑިއާގައި ވަނީ އާންމުވެފަ އެވެ.
ޝާމިރު ވިދާޅުވީ އެ އަންހެން މީހާ އަކީ ސިކުނޑީގެ މައްސަލަތަކެއް ހުންނަ އަންހެނެއް ކަމަށާއި އޭނާގެ ފަސް ކުދިން ތިބޭ ކަމަށެވެ.
"މިހާރު ޖެންޑާ މިނިސްޓްރީގެ ބޭފުޅުން އައިސް އެބަތިބި އޭނާއާ ހަވާލުވާން. އަދި އޭނާގެ ދަރިއެއް ވެސް ޖެންޑާއިން ހަވާލުވާނެ. އެ ދަރިފުޅަކީ ވެސް ނުކުޅެދުންތެރިކަން ހުންނަ ދަރިއެއް،" ޝާމިރު ވިދާޅުވި އެވެ.
ޝާމިރު ވިދާޅުވީ، އެ އަންހެން މީހާއާ މެދު އެގޮތަށް ކަންތައްކުރިމީހެއް އަދި ނޭނގޭ ކަަމަށެވެ. ފުލުހުން ވެސް ބުނީ އެފަދަ މައްސަލައެއް އަދި ހުށަހަޅާފައި ނުވާ ކަމަށެވެ.
ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޚަބަރު ލިބުމާ އެކު އަންހެންމީހާއަށް ރައްކާތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި އަދި އަނިޔާވެރި އަމަލު ހިންގި މީހަކު ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.