އަލްޖަޒާއިރު (އޮކްޓޯބަރ 22) : ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްޤައްޒާފީ އަސީރެއްގެ ގޮތުގައި ހުންނަވަނިކޮށް އަވަހާރަކޮށްލި މައްސަލަ ބައިނަލްއަޤްވާމީ ގޮތުން ތަޙްޤީޤް ކުރުމަށް އޭނާގެ ހުވަފަތް އަނބިކަނބަލުން ސަފިއްޔާ އދ. އަށް ގޮވާލައްވައިފި އެވެ.

އަލްޖަޒާއިރުގައި ހުންނަވައިގެން ސޫރިޔާގެ "އައްރައްޔު" ޓީވީ އަށް ދެއްވި ބަސްދީގަތުމެއްގައި ގައްޒާފީގެ ހުވަފަތް އަނބިކަނބަލުން ސަފިއްޔާ ވިދާޅުވީ ލީބިޔާގެ ހަނގުރާމަވެރިން، އޭނާގެ ފިރިކަލުން އަސީރެއްގެ ގޮތުގައި ހައްޔަރު ކުރީ ދިރިހުއްޓާކަމަށާއި އެއަށްފަހު އަނިޔާކޮށް އަދި އެންމެފަހުން ބަޑިވެސް ޖަހައިގެން ފިރިކަލުން އަވަހާރަކޮށްލީ ކަމުގައެވެ. އަސީރުން މެރުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށާއި މިކަން އދ. ން ތަޙްޤީޤް ކުރުމަށް ގައްޒާފީގެ ޢާއިލާ އެދޭ ކަމަށް ސަފިއްޔާ ވިދާޅުވި އެވެ.

ގައްޒާފީ ހައްޔަރުކުރި މަންޒަރު ދައްކައިދޭ ވީޑިޔޯގައި އޭނާ ދިރިހުންނަވަނިކޮށް އޭނާއަށް އަނިޔާކުރާ މަންޒަރު ފެނިފައިވެއެވެ. އެއަށްފަހު ގައްޒާފީގެ ހަށިކޮޅު ފެނުނީ އަވަހާރަވެ ލެއިންތަތްތެޅިފައިވާ މަސްގަނޑެއްގެ ގޮތުގައެވެ.
އދ. ގެ އިންސާނީ ހައްޤުތަކާބެހޭ އޮފީހުންވަނީ ގައްޒާފީގެ މަރުގެ މައްސަލަ ބަލައި ތަހްޤީޤް ކުރުމަށް ގޮވާލައި އެކަމުގައި އެހީތެރިކަން ދިނުމަށް ލީބިޔާގެ އިންތިޤާލީ މަޖިލީހަށް ގޮވާލާފައެވެ. ގައްޒާފީގެ އަނބިކަނބަލުން ވިދާޅުވީ އެކަމަނާގެ ފިރިކަލުންނާއި ފިރިހެން ދަރިންނާމެދު ވަރަށް ބޮޑަށް ފަޚްރުވެރިވާ ކަމަށާއި ފިރިކަލުންނާއި ފިރިހެންދަރިން ގެންދިޔައީ ލީބިޔާގެ ބާޣީންގެ އިތުރުން ސަލީބީ 40 ޤައުމެއްގެ ގުޅިފައިވާ ޢަސްކަރީ ބާރުތަކާ ދެކޮޅަށް "ލީބިޔާގެ ދިފާޢުގައި" ޖިހާދު ކުރައްވަމުންނެވެ. އެހެންކަމުން އަވަހާރަ ކޮށްލެވިފައިވާ ފިރިކަލުންނާއި ފިރިހެންދަރިންނަކީ ޝަހީދުން ކަމަށާއި ޝަހީދުންނާއި ސިއްދީޤީންގެ ދަރަޖަ މާތް ﷲ ގެ ޙަޒްރަތުގައި އެބޭފުޅުންނަށް ދެއްވުންއެދި ދުޢާކުރައްވާ ކަމަށް ސަފިއްޔާ ވިިދާޅުވި އެވެ.

ސަފިއްޔާ އާއި ގައްޒާފީގެ 3 ދަރިކަލުން ކަމަށްވާ ހާނީބާލް، މުޙައްމަދު، އަދި ޢާއިޝާ އާއި އެބޭފުޅުންގެ ޢާއިލާތައްވަނީ އަވަށްޓެރި އަލްޖަޒާއިރަށް ވަޑައިގެން އެޤައުމުގެ ސަރުކާރުން ޙިމާޔަތް ހޯއްދަވާފައެވެ. އެބޭފުޅުން އަލްޖަޒާއިރުގެ ސަރަޙައްދީ ރޮނގާ ހަމައަށް ދަންދެން ގައްޒާފީ އެބޭފުޅުންނާއެކު ދަތުރުކުރެއްވި ކަމަށް ޚަބަރު ލިބެއެވެ.

ލީބިޔާގައި މަރާލެވިފައިވާ ގައްޒާފީގެ 3 ފިރިހެން ބޭފުޅުންނަކީ ސައިފުލްޢަރަބް، ޚަމީސް، އަދި މުޢްތަސިމް އެވެ. މީގެތެރެއިން ސައިފުލްޢަރަބް އަކީ ގައްޒާފީގެ އެންމެ ހަގު ދަރިކަލުންނެވެ. އޭނާގެ އުމުރަކީ 24 އަހަރެވެ. އޭނާ އަވަހާރަވީ ނޭޓޯގެ ޙަމަލާއެއްގައެވެ. ޚަމީސް، އަދި މުޢްތަސިމް އަވަހާރަކޮށްލީ ލީބިޔާގެ ހަނގުރާމަވެރިންނެވެ.
ގައްޒާފީގެ އަނެއް ދެބޭފުޅުންގެ ތެރެއިން އައްސާޢިދީ ވަނީ ފިއްލަވައިގެން އަވަށްޓެރި ނައިޖަރަށް ވަޑައިގެންފައެވެ. ސައިފުލްއިސްލާމް އަށް ވީނުވީއެއް އަދި އެނގިފައެއް ނުވެއެވެ. ހަނގުރާމަވެރިންގެ ބަޑީގެ ޙަމަލާތަކެއްގައި އޭނާ ވަރަށް ބޮޑަށް ޒަޚަމްވެ ވަޑައިގެންފައިވާ ކަމުގެ ޚަބަރުތަކެއް ފެތުރިފައިވެ އެވެ.

ގައްޒާފީގެ ވެރިކަމުގައި ލީބިޔާގެ އެތަށް ހާސްބަޔަކު ޖަލުތަކުގައާއި އެނޫންތަންތަނުގައި މަރާފައިވެއެވެ. ގައްޒާފީގެ ޖަލުތަކުގެ ތެރެއިން ހަމައެކަނި އަބޫ ސަލީމް ޖަލުގައި އެއްދުވަހުގެ ތެރޭގައި 1200 އަސީރުންގެ ގަޔަށް ބަޑިޖަހައި މަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. (އަލްޖަޒީރާ)