15 May 2019, 19:01
ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އެކްސްރޭ މެޝިން ހަލާކުވެފައިވާތާ ތިން މަސްވެއްޖެ އެވެ.
ތިނަދޫ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ އެކްސްރޭ މެޝިން ހަލާކުވެގެން މާލެއިން ބަޔޯ މެޑިކަލް ޓީމެއް އައިސްގެން އެ މެޝިންގެ ޕާޓްސްތައް ނަގައިގެން ގެންގޮސްފައިވާ ކަމަށެވެ.
"އެއީ 2000 ހުގެ އަހަރުތަކުގައި ބޭނުންކުރި މޮޑެލްއެއް. މިހާރު ޖެހޭނީވެސް އޭގެ ބައިތައް އުފައްދަން. މިހާރު އޮތީ އޯޑަރުކޮށްފައި. މަސްދުވަސްވާނެ ކަމަށް ބެލެވޭ." ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އެ ހޮސްޕިޓަލުގައި މިހާރު ކަށީގެ ފަރުވާއެއް ހޯދަން އަޔަސް އިތުރު ފަރުވާއަށް މާލެ ދިއުމަށް ލަފާ ދެމުންދާ ކަމަށެވެ.
ތިނަދޫގެ ހޮސްޕިޓަލްއިން އެކްސްރޭގެ ހިދުމަތް މިވަގުތު މެދުކެނޑިފައިވާތީ އެރަށުގެ ގިނަ ބަޔަކު ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ.
ގދ. ތިނަދޫގައި ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ހެދުމަށްޓަކައި އިމާރާތް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަން ދާދި ފަހުން ވަނީ އިއުލާންވެސްކޮށްފައެވެ.
ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުވުމުން ހޮސްޕިޓަލުން މިހާރު ދެމުންދާ ހިދުމަތްތަކުގެ އިތުރުން ސްޕެޝަލިޓީ ހިދުމަތްތައް ރައްޔިތުނަށް ފަސޭހައިން ލިބިގެންދާނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.