22 Oct 2011, 09:14
މުޖުތާޒު ފަހުމީ އަށް ޖަސްޓިސް ރިޓަޔާޑްގެ ލަގުބު އަރުވައިފި އެވެ. އަދުލު އިންސާފުގެ ބާރުން ދޭ މި ހާއްސަ ލަގަބު މުޖުތާޒު ފަހުމީ (މުޖޭ) އަށް އެރުވީ ސުޕްރީމް ކޯޓުގައ ރޭ ބޭއްވި ޖަލްސާއެއްގަ އެވެ. އަދުލު އިންސާފުގެ ދާއިރާ އަށް ފާޑުކިޔުންތައް އަމާޒުވެފައިވާ މި ދަނޑިވަޅުގައި މުޖޭ އަށް ލަގަބު އަރުވައި ފަތްކޮޅު ހަވާލު ކޮށްދެއްވެވީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިންނެވެ. މުޖޭއަކީ ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޝަރުއީ ދާއިރާގެ ތެރެއިން އެންމެ ބޮޑަށް ފާޑުތައް އަމާޒުވި ބޭފުޅާ އެވެ.
މުޖޭ އަށް އެރުވި ލަގަބަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތީން ޝަރަފުވެރިކަމާ އެކު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިވެވަޑައިގަންނަވާ ފަނޑިޔާރުންނަށް އަރުވާ "ޖަސްޓިސް ރިޓަޔަރޑް"ގެ ލަޤަބެވެ.
~
މުޖޭ އަށް ލަގަބު އެރުވުމަށް ފަހު އުއްތަމަ ފަނޑިޔާރު ވިދާޅުވީ މުޖުތާޒު ފަހުމީ އާ އެކު މަސައްކަތްކުރެއްވުމުގެ ފުރުސަތު އެ މަނިކުފާނަށް ލިބިވަޑައިގެން ގިނަ ތަޖުރިބާތަކެއް ހާސިލު ކުރެއްވުނު ކަމަށާއި ޖަސްޓިސް ރިޓަޔާޑް މުޖުތާޒު ފަހުމީ ޢަދުލު އިންސާފް ޤާއިމުކުރުމުގެ ދާއިރާ އަށް ކޮށްދެއްފައިވާ ޚިދުމަތްތަކަކީ ވަރަށް އަގުހުރި ޚިދުމަތްތަކެއް ކަމަށެވެ. ޢަދުލު އިންސާފުގެ ދާއިރާ އަށް މުޖޭ ކޮށްދެއްވާފައިވާ ޚިދުމަތްތަކާއި އަދާކުރައްވައިފައިވާ މަސައްކަތްތަކަށް ވެސް އުއްތަމަފަނޑިޔާރު އަލިއަޅުވާލެއްވި އެވެ. އަދި ވިދާޅުވީ ޖުޑިޝަރީގައި މުޖޭގެ ޚިދުމަތްތަަކުން އިބްރަތާއި ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށެވެ.
މުޖޭ ޖޭއެސްސީގެ ރައީސް ކަމުގައި ހުންނަވައިގެން ޤާނޫނު އަސާސީގެ 282 ވަނަ މާއްދާގެ ދަށުން ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުން ދާއިމީކުރެއްވެވި، މަސައްކަތްތަކަށް އިޝާރާތް ކުރައްވައި މުޖޭ ވިދާޅުވީ އޭނާއާ ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ އެހެން ބޭފުޅުންގެ މިސާލަކީ އެއް އޮޑިއެއްގައި ދަތުރު ކުރަމުންދިޔަ ފަޅުވެރިންތަކެއްގެ މިސާލުކަމަށެވެ.
"އެ އޮޑީގެ ފަޅުވެރިން ދަތުރުކުރަމުން ގޮސް ބޮޑު ތޫފާނެއްގައި ޖެހުމުން އޮޑީގެ ކައްޕިތާން އޮޑިން ބޭރަށް ވެއްޓުނު. ނަމަވެސް ވެއްޓުމުގެ ކުރިން އެ އޮޑީގައި އޮތް 191 ލައިފްޖެކެޓް ފަޅުވެރިންގެ ގައިގައި ކުރިން އަޅައިދިން. ސުޕްރީމް ކޯޓުގެ ހަފުލާއަކީ އެ އޮޑިއާގެން ސަލާމަތްވި ފަޅުވެރިން ކައްޕިތާން ހޯދައި ޝުކުރުއަދާކުރުމުގެ ހަފުލާއެއް،" ރިޓަޔާޑް މުޖޭ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގައި ރޭ ބޭއްވި ޖަލްސާގައި މުޖޭ ވިދާޅުވީ އުފާވެރި ޙަފުލާއެއް ބާއްވައި އޭނާ އަށް އެފަދަ ލަގަބެއް އެރުވީތީ ވަރަށް އުފާކޮށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ 1981 ގައި ޝަރުޢީ ދާއިރާއާ ގުޅުނު ފަހުން ގާތްގަނޑަކަށް 29 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ރިޓަޔާ ކުރައްވާ އިރު ޤައުމަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަމަށް ޤަބޫލުކުރެވި ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
މުޖޭ އެންމެ ފުރަތަމަ އަދާކުރައްވާފައި ވަނީ ހައްދުންމަތީ ކުނަހަންދޫ ކޯޓުގެ ޤާޒީކަމެވެ. މީގެ އިތުރުން މާލޭގެ ކޯޓު ނަންބަރު ދޭއް އަދި ކޯޓު ނަންބަރު ތިނެއްގެ ޤާޒީކަމާއި މަދަނީ ކޯޓުގެ ޤާޟީކަމާއި އިސް ޤާޟީ ކަމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުކަމާއި ނައިބު ރައީސްކަމާއި އެ ކޮމިޝަނުގެ ރައީސްކަން ވެސް ކުރައްވާފައިވެ އެވެ.
މުޖޭއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ފަނޑިޔާރުން ބައިވެރިވެވަޑައިގެންނަވާ ޖަމްޢިއްޔާއެއްގެ ގޮތުގައި އުފެއްދި ފަނޑިޔާރުންގެ ޖަމްޢިއްޔާގެ މުއައްސިސެވެ.