15 May 2019, 14:09
"ބަނީ އިސްރާއީލުންގެ ތެރެއިން އުފަން ވާ ހުރިހާ ފިރިހެން ދަރީން މަރައިގެން ނަމަވެސް އެކަން ހުއްޓުވާން ޖެހޭނެ." ފިރްޢައުނު ބުންޏެވެ. *****
"އޭ ދަރިފުޅާ! މަންމަގެ ތުއްތު ދަރިފުޅާ! މަންމައަށް ދަރިފުޅު ސަލާމަތް ކޮށެއް ނުދެވުނު. ދަރިފުޅާ!" ޒުހާރު ގިސްލަގިސްލައިފައި ރޮމުން ބުންޏެވެ.
"ތިޔައީ ﷲ ގެ އަމުރުފުޅު. ޒުހާރު! ކެތްތެރި ވޭ." ޒުހާރު ހަމަޖެއްސޭތޯ ރަޙީލް މަސައްކަތް ކުރިއެވެ.
"އަދިކިޔެއްތަ! ރަޙީލް! މިއީ ނުލަފާ، އަނިޔާވެރި ފިރްޢައުނުގެ އަމުރު." ޒުހާރު ބުންޏެވެ.
"އަޑުމަޑުކުރޭ! އާދޭސްކޮށްފައި ބުނަން." ރަޙީލް ބުންޏެވެ.
"އަހަރެމެންނަށް މި ބިން ދޫކޮށްފައި އެހެންތަނަކަށް ދެވޭނެ ނަމަ ހާދަ ރަނގަޅޭ." ކުޑަކުޑަ ކުލްސޫމު ބުންޏެވެ.
"ދަރިފުޅާ ކުލްސޫމް! ދާނީ ވެސް ވަކި ކޮންތާކަށް. މިއީ ރަނގަޅު ބަރަކާތްތެރި ބިމެއް. މި ތަނުގެ ވެރީން އަނިޔާވެރި ނޫން ނަމަ، މިއަށް ވުރެ ވަކި ރަނގަޅު ބިމެއް ނޯންނާނެ. އަދި އެހެން ތަނަކަށް ދާ އިރު، އެ ތަނުގެ ވެރީން ވަކި ރަނގަޅު ވާނެ ކަން އެނގެނީ ކިހިނެއް؟" ކުލްސޫމުގެ މަންމަ ބުންޏެވެ.
"އަހަރެމެން އެމީހަކު ނުދަންނަ އަނިޔާވެރިޔާއަށް ވުރެ، ރަނގަޅީ އަހަރެމެން އެމީހަކު ދަންނަ އަނިޔާވެރިޔާ." ރަޙީލް ބުންޏެވެ.
"ކަލޭމެން ތިޔަ ގޮތަށް ތި ވާހަކަ ދައްކަނީ އަހަރެންގެ ހިތުގައި އަޅަމުން މި ދާ ފަދަ ވޭނެއް ތިޔަބައިމީހުންނަށް ތަހައްމަލު ކުރަން ޖެހިފައި ނުވާތީ. އަހަރެންގެ ބުއް ބޮއިބޮއި އޮތް ދަރިފުޅުގެ ކަރު އެއްވެސް ރަހުމެއް ނެތި ފިރްޢައުނުގެ ސިފައިން ބުރި ކޮށް ލީ އަހަރެންގެ ކުރިމަތީގައި." ޒުހާރު ބުންޏެވެ.
*****
"ކާކު؟ ރާނީ އާސިޔާ ތޯ؟ ކަމަނާއަށް މަރުހަބާ ދަންނަވަން. ވަރަށް ބޮޑު ކަމެއް ދިމާ ވެގެން ކަން ޔަގީން ކަމަނާ މި ތަނަށް، ދަރުބާރަށް ވަޑައިގަންނަވާނީ." ފިރްޢައުނު ބުންޏެވެ.
"އަޅުގަނޑު ބޭނުން ވަނީ މަނިކުފާނާ ވާހަކަ ދައްކަން. އެކަހެރިކޮށް." އާސިޔަތުގެފާނު ވިދާޅުވިއެވެ.
"އެންމެން ނުކުމޭ!" ފިރްޢައުނު ބުންޏެވެ.
"މާތް ވެގެން ވާ ރަސްގެފާނާއި މާތް ވެގެން ވާ ރާނީގެ އިޒުނައާ އެކު." ދަރުބާރުން ނުކުންނާން ހިނގައިގަތުމުގެ ކުރީގައި ހާމާނު ބުންޏެވެ.
"ކިހިނެއް ތޯ ވީ ލޯބިވާ ކަމަނާ! މާ ބޮޑު ކަމެއް ދިމާ ވީ ތޯ؟" ފިރްޢައުނު އެހިއެވެ.
"އާދެ! މިއީ ދިރުމާއި މަރާ ގުޅޭ ވާހަކައެއް." އާސިޔަތުގެފާނު ވިދާޅުވިއެވެ.
"އެންމެ ރަނގަޅު! ވާހަކަ ކުރިޔަށް ގެންދަވާ!" ފިރްޢައުނު ބުންޏެވެ.
"އެއީ ތެދެއް ތޯ؟ ބަނީއިސްރާއީލުންގެ ތެރޭގައި އުފަން ވާ ހުރިހާ ފިރިހެން ކުދީން ގަތުލު ކުރާން މަނިކުފާނު އަމުރުފުޅު ކުރެއްވީ ތޯ؟" ފިރްޢައުނާ ސުވާލު ކުރައްވަމުން އާސިޔަތުގެފާނު ވިދާޅުވިއެވެ.
"އާދެ! އެ ގޮތަށް އަމުރު ކުރިން. މިއީ މިސްރުގެ އަމާންކަމާ ގުޅިފައި ވާ މުހިއްމު ނިންމުމެއް. މިސްރަށް ހަމަޖެހުން އަންނާނީ މި ހުކުމް މި ގޮތަށް ތަންފީޒު ކޮށްގެން." ފިރްޢައުނު ބުންޏެވެ.
"ކޮން ހަމަޖެހުމެއް ތޯ އަންނާނީ ކިރު ބޯ ޅަ ކުދީން ކަތިލައިގެން؟" އާސިޔަތުގެފާނު އެއްސެވިއެވެ.
"އެހެންނޫނީ އެމީހުންގެ ތެރެއިން ނުކުންނާނެ އަހަރެންގެ ވެރިކަން ވައްޓައިލައި އަހަރެން ހަލާކު ކޮށް ލާނެ މީހަކު." ފިރްޢައުނު ބުންޏެވެ.
"ކާކު ދެއްކި ވާހަކައެއް ތޯ؟" އާސިޔަތުގެފާނު ސުވާލު ކުރެއްވިއެވެ.
"އައްރާފުންނާއި ސާހިރުން." ފިރްޢައުނު ބުންޏެވެ.
"މިހާރު މިސްރުގެ ވެރިކަން ކުރަނީ އައްރާފުންނާއި ސާހިރުން ތޯ؟" އާސިޔަތުގެފާނު ނުރުހުމުގެ ރާގަކަށް ވިދާޅުވިއެވެ.
"އެކަންތައްތަކުގެ ތެރެއަށް ކަމަނާ ވެދެވަޑައި ނުގަތުން ރަނގަޅީ." ފިރްޢައުނު ބުންޏެވެ.
"ކަންކަން ނިންމަވާނީ މަނިކުފާނު ކަމާއި ފިރްޢައުނަކީ މަނިކުފާނު ކަން އަޅުގަނޑު ހަނދާނެއް ނުނެތޭ. އަދި ހަމަ އެހެންމެ އަޅުގަނޑުގެ ކާބަފައިންނަކީ ވެސް މަތިވެރި ޙަޟާރަތެއް ބިނާ ކުރުމުގައި ހިއްސާ ވެ ވަޑައިގަތް ބޭފުޅުން. ޒަމާންތަކަށް ދެމި ހުންނާނޭ ފަދަ އާސާރުތަކެއް އެބޭފުޅުން ވަނީ މި ގައުމަށް ދޫ ކުރައްވައިފައި. އެބޭފުޅުންގެ އަދުލުވެރިކަމާއި ހިކުމަތްތެރިކަމުން." އާސިޔަތުގެފާނު ވިދާޅުވިއެވެ.
"މަލިކާ އާސިޔާ އަޅުގަނޑަށް ވެރިކަމުގެ އުސޫލުތައް ކިޔައި ދެއްވަނީ ތޯ؟" ފިރްޢައުނު ނުރުހުމުގެ ރާގެއްގައި ބުންޏެވެ.
"ނޫން. އެހެންނަމަވެސް މިސްރުގެ ވެރިކަމަށް ލޮޅުން އަތުވެދާނެ ފަދަ ކަމެއް ފާހަގަ ކުރެވުމުން މަނިކުފާނުގެ ސަމާލުކަމަށް އެ ކަން ގެންނާން ބޭނުން ވީ. އަޅުގަނޑުމެން އެންމެންނަށް އެ ކަމުގެ އަސަރު ކުރާނެ ތީ." އާސިޔަތުގެފާނު ވިދާޅުވިއެވެ.
"ތިޔަ ވާހަކައިގެ މަތުލަބަކީ ކޮބާ؟" ފިރްޢައުނު އެހިއެވެ.
"އެ ނިކަމެތި ބަނީއިސްރާއީލުންނަކީ އަޅުގަނޑުމެންގެ ޚިދުމަތުގައި ތިބި ބައެއް. އެމީހުން އަޅު މަސައްކަތުގައި އުޅެނީ އެމީހުންގެ ދަރީންގެ ބަނޑުފުރާނަ މުއްތި ކޮށް ދެވޭތޯ. އެމީހުންގެ ދަރީން މަރައިލީމާ މަސައްކަތް ކުރުމުގެ ހިތްވަރެއް އެމީހުންގެ ކިބަޔަކު ނުހުންނާނެ." އާސިޔަތުގެފާނު ވާހަކަފުޅު ދައްކަވަމުން ގެންދެވީ ފިރްޢައުނުގެ ވިސްނުމާއި ފިކުރު ރަނގަޅަށް ދެނެވަޑައިގެން ހުންނަވައި، މަންތިގީ ހަމަތަކުގެ މަތީން ވަރަށް ހިކުމަތްތެރިކަމާ އެކުގައެވެ.
"ވަރަށް މުހިއްމު ނުގުތާއެއް ތިޔަ ފާހަގަ ކުރެއްވީ. އެހެންނަމަވެސް ކިހިނެއް ތޯ އެ ގަރާރު އަލުން ބަދަލު ކުރާނީ؟" ފިރްޢައުނު ސުވާލު ކުރިއެވެ.
"ގޯހެއް ހެދިފައި ވާ ކަމަށް ގަބޫލު ކުރެވޭ ހިސާބުން ނިންމުން ބަދަލު ކުރުމަކީ ހަރުދަނާ މީހުންގެ ސިފައެއް. އެމީހުންގެ އެ ހިތްވަރު ހުންނާނެ." އާސިޔަތުގެފާނު ވިދާޅުވިއެވެ.
"ނޫން. ނޫން. އޭގެ ސަބަބުން ވެރިއެއްގެ ނިސްބަތުން ބޮޑު އައިބަކަށް ވާނީ. ވީމާ މުޅި ގަރާރު އުވައި ލުމުގެ ބަދަލުގައި ގަރާރަށް ބަދަލެއް ގެނެވިދާނެ." ފިރްޢައުނު ބުންޏެވެ.
"އެއީ ކިހިނެއް ތޯ؟" އާސިޔަތުގެފާނު ސުވާލު ކުރެއްވިއެވެ.
"ކޮންމެ ކޮންމެ އަހަރަކު ވިހާ ކުދީން މެރުމުގެ ބަދަލުގައި މަރާނީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ވިހާ ކުދީން." ފިރްޢައުނު ބުންޏެވެ.
"މި ވަގުތު ގެނެވޭން އޮތް ހަމައެކަނި ބަދަލަކީ ތިޔައީ ތޯ؟" އާސިޔަތުގެފާނު އެއްސެވިއެވެ.
"އެއީ ފިރްޢައުނުގެ ހައިބަތާއި ގަދަރު ރައްކާތެރި ކޮށް ދޭނެ ހައްލެއް. އަދި އަހަރެމެންގެ ޚިދުމަތުގައި ތިބޭނޭ އަޅުން ނެތި ހުސް ވުމުގެ ބިރެއް ވެސް އޭރަކުން ނޯންނާނެ." ފިރްޢައުނު ބުންޏެވެ.
*****
"ﷲ ގެ ނަބިއްޔާ ހާރޫނުގެފާނު އުފަންވެ ވަޑައިގަތީ ބަނީއިސްރާއީލުންގެ ކުދީން ނުމަރައި ދޫ ކޮށްލުމަށް ފިރްޢައުނު ކަނޑައެޅި އަހަރެއްގައި. އެކަލޭގެފާނުގެ ބައްޕާފުޅަކީ ޢިމްރާން. މަންމާފުޅަކީ ޔޫކާބިދު. ދެން ޖެހިގެން އައި އަހަރަކީ އެ އަހަރު އުފަންވާ ހުރިހާ ކުދީން މެރުމަށް ކަނޑައެޅި އަހަރެއް. މި އަހަރު ވެސް ޔޫކާބިދަށް ދަރިކަލަކު ލިބިވަޑައިގަތް. އެ ދަރިކަލުންނަކީ މޫސާގެފާނު." ގާޒީ ޞަފިއްޔުއްދީން އޭނާގެ ދަރިކަނބަލުން ސަލްމާއަށް ވާހަކަ ކިޔައި ދެއްވަމުން ގެންދެވިއެވެ.
*****
"މަންމާ! އަޅުގަނޑުގެ އެންމެ ކުޑަ ކޮއްކޮ ގަތުލު ވެގެން ދިއުމަކީ އެއް ގޮތަކަށް ވެސް ކެތް ކުރެވޭނޭ ކަމެއް ނޫން. ކޮއްކޮގެ ބަދަލުގައި އެމީހުން އަހަރެން ގަތުލު ކުރާނެ ނަމަ!" ޔޫކާބިދުގެ ދަރިކަނބަލުން ކުލްސޫމް ވިދާޅުވިއެވެ.
"ހިތްހަމަ ޖައްސާލާ ދަރިފުޅާ! ރޭގައި މަންމަ ނިދައިފައި އޮއްވައި ވަރަށް މާތް ބޭކަލަކު ފެނުނު. އެކަލޭގެފާނު އަޅުގަނޑަށް އިރުޝާދުތަކެއް ދެއްވި." ޔޫކާބިދު ވިދާޅުވިއެވެ.
"އެހެން ވިއްޔާ އަޅުގަނޑުގެ ކޮއްކޮ ސަލާމަތް ވާނެ ދެއްތޯ" ކުލްސޫމް އެއްސެވިއެވެ.
"އުއްމީދު ކުރެވެނީ އެ ގޮތަށް. އެހެންނަމަވެސް ކާކަށް އެނގޭނީ ކިހިނެއް ކަން ކަންކަން ވެގެން ދާނީ. ދަރިފުޅަށް އެނގޭތަ އަހަރެމެންގެ އަވަށްޓެރި މާވަޑި ހީސާގީލް؟" ޔޫކާބިދު ވިދާޅުވިއެވެ.
"އާދެ. މަންމާ." ކުލްސޫމް ޖަވާބު ދެއްވިއެވެ.
"ދަރިފުޅު އޭނަ ގާތަށް ދޭ. ގޮސް އޭނާ ގާތު ބުނޭ މަންމަ ބުންޏޭ މުށެއް ހުންނަ ވަރުގެ ލަކުޑި ފޮށްޓެއް، ފެން ނުވަންނާނޭ ގޮތަށް ހަދައި ދޭށޭ!" ޔޫކާބިދު ވިދާޅުވިއެވެ.
"މި ރަށުން ފޭބުމަށް އަޅުގަނޑުމެންގެ ބައެއް ތަކެތި އަޅާން ތައްޔާރު ކުރުވާ ފޮށްޓެއް ތޯ؟" ކުލްސޫމް އެއްސެވިއެވެ.
"ދަރިފުޅާ މި ކަމުގައި އިތުރަށް ސުވާލު ނުކޮށް މަންމަ ބުނި ގޮތަށް ކަން ކުރާން ދޭ. ހުރިހާ ވާހަކައެއް ފަހުން ކިޔައި ދޭނަން." ޔޫކާބިދު ވިދާޅުވިއެވެ.
*****
"މާތް ސާހިބާ ރާނީ! ކަމަނާއަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ ގާތަށް ކަމަނާ މިއަދު ވަޑައިގަތުމުން އަޅުގަނޑުމެން ވަރަށް އުފާ ވެއްޖެ." އިމްރާން ވިދާޅުވިއެވެ.
"އަދި ދެއްވި ހަދިޔާތަކާއި ގެންނެވި ރަނގަޅު ކާނާއަށް ޓަކައި ވެސް." ކުލްސޫމް ވިދާޅުވިއެވެ.
"މިއީ އަހަރެންގެ ވާޖިބެއް. އަދި ވަރަށް ކުޑަކުޑަ މިންވަރެއް. ކިހިނެއް ކަލޭމެންގެ ޙާލު؟" އާސިޔަތުގެފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޙާލު ރަނގަޅު." ރަޙީލް ޖަވާބު ދިނެވެ.
"ކުދީން ނުމަރާން އެންގި އަހަރު އަޅުގަނޑަށް ކުއްޖަކު ލިބުނު. އަދި ޔޫކާބިދުއަށް ވެސް ހާރޫނު ލިބުނީ އެ އަހަރު. ކަމަނާއަށް ވެސް ދަރިކަލަކު ލިބިވަޑައިގަތުމަކީ އަޅުގަނޑުމެންގެ ދުއާއެއް." އާސިޔަތުގެފާނާ ވާހަކަ ދައްކަމުން ޒުހާރު ބުންޏެވެ.
"އަޅުގަނޑުމެންނާ އެކު ކެއުމުގައި ބައިވެރިވެ ވަޑައިގަންނަވާނަން ތޯ؟ އިމްރާނު ސުވާލު ކުރެއްވިއެވެ.
"އެއްވެސް ޝައްކެއް ނެތް. ތިޔަ ދިން ދައުވަތު އުފަލާ އެކު ގަބޫލު ކޮށްފިން." އާސިޔަތުގެފާނު ވިދާޅުވިއެވެ.
"އޭ ޒުހާރު! ކީކޭ ތަ ދެންމެ ރާނީއާ ދިމާއަށް ތިޔަ ބުނީ؟ އެކަމަނާއަށް ހިތާމަފުޅެއް ލިބިވަޑައިގަތްކަން މޫނުފުޅު މަތީން ފެނުނު." ޒުހާރުއާ ދިމާއަށް ރަޙީލް ބުންޏެވެ.
"އެ ކަމަނާއަށް ފިރިހެން ބޭފުޅަކު ލިބިވަޑައި ނުގެން އުޅުއްވާ ވާހަކަ އަޑު އެހި ހަނދާން ނެތުނީ. އެހެންނަމަވެސް އެކަމަނާއަކީ ވަރަށް ހުލްގު ހެޔޮ ބޭފުޅެއް. އަނިޔާވެރި ބޭފުޅެއް ނޫން. ވީމާ ހިއެއް ނުވޭ އެކަމަނާ އެ ކަން މާ ބޮޑު ކަމަކަށް ހައްދަވާނެހެންނެއް." ޒުހާރު ބުންޏެވެ.
*****
"މަންމާ! މި ހިސާބުގައި މި ވަގުތު އެއްވެސް މީހަކު ނޫޅޭ. ވާ ފަށަށް ދަންމަމާ ލައްވައިގެން، ކޮއްކޮ އޮތް ފޮށި ކައިރިޔަށް ގެންނަވާން ވީ ނޫން ތޯ؟" ކުލްސޫމް ވިދާޅުވިއެވެ.
"އާނ. ކޮއްކޮއަށް ބުއް ދޭން ވެސް ވެއްޖެ. މަގުމަތި ބެލެހެއްޓުމުގައި ދަރިފުޅު ފަރުވާތެރި ވާތި!" ޔޫކާބިދު ވިދާޅުވިއެވެ.
"ވިދާޅުވި ގޮތެއް. މަންމާ!" ކުލްސޫމް ވިދާޅުވިއެވެ.
"ކޮބާ އަތުލައި ގަނެވިއްޖެ." ކުލްސޫމުގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން ސިއްސުވައިލުމުގެ ގޮތުން ރަޙީލް ބުންޏެވެ. ކުލްސޫމް ދިޔައީ ސިއްސައިގެންނެވެ. އެ ވަގުތު ރަޙީލް ބުންޏެވެ. "އަހަރެން ހަމައެކަނި ސަމާސާ ކޮށްލީ."
"މަންމާ! މަންމާ! މަންމާ! އަވަށްޓެރިޔާ ރަޙީލް އަތުވެއްޖެ މަންމައަށް ޒިޔާރަތް ކުރާން." ކުލްސޫމް ވަރަށް ބާރަށް މަންމައަށް ގޮވައިލެއްވިއެވެ.
"ރަޙީލް! މަރުހަބާ!" ދަރިކަލުން އޮތް ފޮށި ރަޙީލަށް ފެނިދާނެ ތީ ދުރުގައި އޭނާ ހުއްޓައި ވާހަކަ ދެއްކެވުމަށް ޔޫކާބިދު އެނބުރި ވަޑައިގަތް އިރު، ހާސްކަން ބޮޑުވެފައި ހުންނެވި ވަރުން ފޮށީގެ ވާފަށް އަތްޕުޅުން ދޫވިއެވެ. އަދި ފޮށި ދުރަށް ދާން ފެށިއެވެ.
"ހިތް ނުތަނަވަސް ވެގެން ވާހަކަ ދައްކައިލާން މިއައީ. މީހުންގެ ކަންބޮޑުވުންތަކާ ކުރިމަތި ލާނެ ގޮތް އެންމެ ހިކުމަތްތެރިކަމާ އެކު ކިޔައި ދޭ މީހަކީ ތިބާ. ޔޫކާބިދު!" ރަޙީލު ބުންޏެވެ.
"ތިޔައީ ތިބާގެ އިހްލާސްތެރިކަމާއި އަހަންނާ މެދު ދެކޭ ހެޔޮ ގޮތް." ޔޫކާބިދު ވިދާޅުވިއެވެ.
"ކީއްވެގެން ތަ ކޯރާ ދިމާއަށް ތިޔަ ބަލަނީ. ކާނެ އެއްޗެއް ގޭގައި އެބަ ހުރި ތަ؟" ރަޙީލު އެހިއެވެ.
"އާނ. ގޭގައި ކާއެއްޗެހި އެބަ ހުރި. ހިނގާ ކާން ދާން." ކަންބޮޑުވެފައި ހުންނެވި ޔޫކާބިދު ވިދާޅުވިއެވެ.
*****
"ކީރިތި ގުރުއާނުގެ ގަސަސް ސޫރަތުގެ 7 ވަނަ އާޔަތުގައި އައިސްފައިވޭ. - "އަދި ތިމަންއިލާހު موسى ގެފާނުގެ މަންމައަށް إلهام ކުރެއްވީމެވެ. ކަމަނާ އެކަލޭގެފާނަށް ކިރުފޮދު އަރުވާހުށިކަމެވެ! ފަހެ، ކަމަނާ އެކަލޭގެފާނުގެ މައްޗަށް ބިރުފުޅުގެންފިނަމަ، އެކަލޭގެފާނު (ފޮށްޓަކަށް ލައްވައިފައި) ކޯރުގެ ތެރެއަށް އެއްލަވާހުށިކަމެވެ! އަދި ކަމަނާ ބިރުފުޅު ނުގަންނާށެވެ! އަދި ހިތާމަވެސް ނުކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންއިލާހު އެކަލޭގެފާނު ކަމަނާއަށް ރައްދުކުރައްވާހުށީމެވެ. އަދި އެކަލޭގެފާނު رسول ންގެ ތެރެއިން ލައްވާހުށީމެވެ." - ﷲ ގެ ބަސްފުޅު ތެދު." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"އެ ކަމަނާއަށް އަލުން އެ ފޮށި ލިބިވަޑައިގަތް ތޯ؟" ސަލްމާ އެހިއެވެ.
"ފޮށްޓެއް ލިބިވަޑައެއް ނުގަންނަވާ އެކަމަކު އެ ދަރިކަލުން ލިބިވަޑައިގަތް." ގާޒީ ވިދާޅުވިއެވެ.
"އެއީ ކިހިނެއް ތޯ؟" ސަލްމާ އެހިއެވެ.
"އެކަމުގެ ތެރޭގައި ވަރަށް ގިނަ ކަންކަން ހިނގައި ދިޔަ. އެ ހުރިހާ ވާހަކަތައް ކިޔައި ދޭން ތަންކޮޅެއް ގިނަ ވަގުތު ނަގާނެ." ގާޒީ ވިދާޅުވިއެވެ.
"ތިޔަ އުޅުއްވަނީ އަވަހާރަލައްޕަވާން." ސަލްމާ ބުންޏެވެ.
"ވަރަށް ދަން ވެއްޖެ ދަރިފުޅާ!" ގާޒީ ވިދާޅުވިއެވެ.
"ފަހުން އަދި ތިޔަ ވާހަކައިގެ ދެން އޮތް ބައި ކިޔައި ދެއްވާން ވާނެ." ސަލްމާ ބުންޏެވެ.
"އިންޝާ ﷲ. ކިޔައި ދޭނަން." ގާޒީ ވިދާޅުވިއެވެ.