22 Oct 2011, 09:02
ބްރަސަލްސް (އޮކްޓޯބަރ 22) : ނޭޓޯއިން ލީބިޔާގައި ކުރިޔަށް ގެންދާ ޢަސްކަރީ އޮޕަރޭޝަން މި އޮކްޓޯބަރ މަހުގެ 31 ގައި ހުއްޓާލުމަށް އުސޫލެއްގެ ގޮތުން ނިންމާފައިވާ ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް އެންޑަސް ފޯގް ރަސްމޯސަން ވިދާޅުވެއްޖެއެވެ.
ބްރަސަލްސްގައި، ނޭޓޯގެ ޤައުމުތަކުގެ ސަފީރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރަސްމޯސަން ވިދާޅުވީ އޮކްޓޯބަރ 31 އާ ހަމައަށް ލީބިޔާގެ ޙާލަތު ނޭޓޯއިން ބަލަމުން ގެންދާނެ ކަމަށާއި ނޭޓޯގެ އޮޕަރޭޝަން ހުއްޓާލުމާބެހޭގޮތުން އދ. އާއި ލީބިޔާގެ އިންތިޤާލީ މަޖިލީހާ މަޝްވަރާ ކުރަމުން ގެންދާ ކަމުގައެވެ.
އެދެފަރާތުގެ މަޝްވަރާގެ މަތިން ޙާލަތަށް ބަލާފައި އޮކްޓޯބަރ 31 ގެ ކުރިން އޮޕަރޭޝަން ނިމުމަކަށް ގެންނަންޖެހޭނަމަ އެކަން ކުރުމަށްވެސް ނޭޓޯ އޮތީ ތައްޔާރަށް ކަމަށާ މިކަމާބެހޭ ރަސްމީ ޤަރާރެއް މިފެށޭ ހަފްތާގައި ނޭޓޯގެ ސެކްރެޓޭރިއަޓުން ނެރޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަސްމޯސަން މިމޭރުމުން ވާހަކަ ދެއކެވުމުގެ ކުރިން ނޭޓޯގެ ސެކްރެޓޭރިއަޓުން ނެރުނު ބަޔާނެއް ބުނެފައިވަނީ ގައްޒާފީ ލީބިޔާގައި ކުރައްވަމުން ގެންދެވި ބިރުވެރި ވެރިކަން ނިމުމަކަށް އައިސްފި ކަމަށާއި އެހެންކަމުން ލީބިޔާގައި ނޭޓޯ ކުރިޔަށްގެންދާ އޮޕަރޭޝަންގެ ބޭނުމެއް މިހާރު ނެތްކަމުގައެވެ.
އިނގިރޭސި ޚާރިޖީ ވަޒީރު ވިލިޔަމް ހޭގް ވަނީ ލީބިޔާގައި ވެރިކަންކުރާ އިންތިޤާލީ މަޖިލީހުން ނޭޓޯގެ ޢަސްކަރީ އޮޕަރޭޝަން ހުއްޓާލުމަށް އެދުމާއެކު ނޭޓޯއިން އެއޮޕަރޭޝަން ހުއްޓާލާނެ ކަމަށް ވިދާޅުވެފައެވެ.
ލީބިޔާގެ އިންތިޤާލީ މަޖިލީހުންވަނީ ގައްޒާފީގެ ވެރިކަމުން ލީބިޔާ މިނިވަންކުރެވިއްޖެކަން މާދަމާ އިޢްލާންކުރާނެކަން ހާމަކޮށްފައެވެ. ގައްޒާފީގެ ކިބައިން ލީބިޔާ މިނިވަންކުރެވިއްޖެކަން އިޢްލާންކުރުމާއެކު ޢަސްކަރީއޮޕަރޭޝަން ހުއްޓާލުމަށް ނޭޓޯ އަށް އަންގާނެކަމަށް ވެސް އެމަޖިލީހުގެ ތަންފީޒީ އޮފީހުގެ ވެރިޔާ މަޙްމޫދް ޖިބްރީލް ވިދާޅުވެފައިވެއެވެ. (އަލްޖަޒީރާ)