10:00


ދުނިޔޭގެ ވެށްޓަށް ގެއްލުންހުރި ވިހަގޭސްތަކުގެތެރޭގައި ހިމެނޭ ހައިޑްރޯ.ކްލޯރޯ.ފްލޯރޯ ކާބަން ނުވަތަ އެޗްސީއެފްސީ ގޭސް ރާއްޖެއިން ނައްތާލުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއަށް އެހީތެރިވެދިނުމުގެ 1.1 މިލިއަން ޑޮލަރު ހިލޭ އެހީދިނުމާ ބެހޭ އެއްބަސްވުމެއްގައި ރާއްޖެއާ އެކު ޔޫއެންޑީޕީ އާއި ޔުނެޕުން ސޮއިކޮށްފި އެވެ.


މިއެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ ބަނޑޮސް ރިޒޯޓުގައި ފެށި އެޗްސީއެފްސީ ގޭސް ބޭނުންކުރާ ދާއިރާތަކުގެ ދުނިޔޭގެ އެންމެ އިސްވެރިންގެ މެދުގައި ބާއްވާ މަސައްކަތު ބައްދަލުވުން އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގަ އެވެ.


މިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވައިރަންމެންޓް މިނިސްޓަރ މުޙައްމަދު އަސްލަމް އާއި ޔޫއެންޑީޕީގެ ފަރާތުން ޔޫއެންޑީޕީގެ ރިޕްރެޒެންޓޭޓިވް މިސްޓަރ އެންޑްރޫ ޑޭވިޑް ކޮކްސް އަދި ޔުނެޕްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމާއަތުގެ ހެޑް އޮފް އޯޒޯން އެކްޝަން ބްރާންޗް ރަޖެންދުރަ ޝެންޑާ އެވެ.


މިމަސައްކަތު ބައްދަލުވުމަކީ އެޗްސީއެފްސީ ގޭސް ބޭނުންކުރުމަށް ދެހާސްވިހިވަނަ އަހަރާއި ހަމައަށް އެކުލަވާލާ ޕްލޭން އެކުލަވާލުމަށްޓަކާ ބާއްވާ މަސައްކަތު ބައްދަލުވުމެކެވެ.