ރާއްޖޭގައި އަދުލު އިންސާފެއް ނެތް ކަމަށާއި އަދުލު އިންސާފް ގާއިމު ކުރެވެން އޮތީ "ހަތް މޮޔައިންގެ ކިބައިން" ކިބައިން ސަލާމަތް ވެވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބްރާ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން "ބުއްދި ހަމަ ނުޖެހޭ" ކަމަށާއި އެބޭފުޅުންނަށް ގާނޫނު އަސާސީ ދެނެގަތުމުގެ ގާބިލު ކަމެއް ވެސް ލިބިފައި ނުވާ ކަމަށެވެ. އަދި އެ ބޭފުޅުންނަކީ މޮޔައިންގެ ގޮތުގައި ސިފަކުރެއްވެވި އެވެ.

"ރާއްޖޭގައި އަދުލު އިންސާފް ގާއިމް ކުރަން ކުރެވެން އޮތް ކަމަކީ ހަތް މޮޔައިންގެ ކިބައިން ސަލާމަތް ވުން.. ގާނޫނު އަސާސީގައި ހުރި އެއްޗެއް އެނގުމުގެ ގާބިލު ކަމެއް ފަނޑިޔާރުންގެ ކިބައިގައި ނެތް. އަޅުގަނޑު ދަންނަވާނީ ފަނޑިޔާރުން ބުއްދި ހަމަނުޖެހެޔޭ،" އިބްރާ ވިދާޅުވި އެވެ.

އަދި ކޯޓުތަކުގެ ގަދާރާއި ހައިބަތު ނަގާލި އަސްލު ފަރާތްތަކަކީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށާއި އެ ފަނޑިޔާރުންގެ ސަބަބުން ރާއްޖޭގެ ޖުޑީޝަލް ކޮމިޝަން ބަދުނާމު ވެފައިވާ ކަމަށް އިބްރާ ވިދާޅުވިއެވެ.

"ރާއްޖޭގައި އަދުލު އިންސާފެއް ނެތް. މަގުމައްޗައް ނުކުމެގެން ވެސް އަދުލު އިންސާފް ގާއިމް ކުރަން ޖެހޭ..ކޯޓުތަކުގެ ހުރުމަށް ކެނޑެނީ ކޯޓު ތައް ކައިރީގައި މުޒާހަރާ ކުރީމައެއް ނޫން. ކޯޓުތައް ކައިރީގައި މުޒާހަރާ ކުރުމަކީ ހުއްދަ ކަމެއް،" އިބްރާ ވިދާޅުވި އެވެ.

އިބްރާ ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތީ ރައްޔިތުންގެ ވެރިކަމެއް ކަމަށާއި ވެރިކަން ބަދަލު ކުރަން ޖެހޭ ކަމަށް ނިންމާނީ ރައްޔިތުން ކަމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވެރިކަން ބަދަލު ކުރުމާ ބެހޭކަށް ނުޖެހޭ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 16 ވަނަ މާއްދާގެ ދަށުން ރައްޔިތުންނަށް ދީފައި އޮތް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ރޫހު އެއްވެސް ފަރާތަކަށް ނަގާ ނުލޭވެނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން އިބްރާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދަށު ކޯޓު ތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށާއި އަންނަ ހަފްތާ ތެރޭގައި އެ މައްސަލަ ކޯޓަށް ވައްދާނޭ ކަމަށެވެ. އަދި ފަނޑިޔާރުން ވަޒީފާއިން ވަކި ކޮށްދިނުމަށް ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކޮރަޕްޝަނުގެ އެތައް މައްސަލައެއްގެ ހެކި ފެންނަން އެބަހުރި ކަމަށެވެ. އަދި އެކަމުގެ ހެކި އެބަހުރި ކަމަށް ވެސް އީސަ ވިދާޅުވި އެވެ.

އީސަ ގެ އިތުރުން އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވީ، ރާއްޖޭގެ ޝަރުއީ ނިޒާމް ގާނޫނު އަސާސީ އާއި ހިލާފުވެފައިވާ ކަމަށާއި، ކޯޓުތަކުގެ ފަނޑިޔާރުން ކުރާ ނުރަނގަޅު ކަންތައް ފާހަގަ ކޮށް ފާޑު ކިޔަން ޖެހޭނެ ކަމަށެވެ. އަދި އެކަންތައް ހައްލު ނުވުމުން ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ މިނިވަން ކަމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަން ޖެހޭނެ ކަމަށެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ އަހުމަދު ދީދީ އާއި އަލީ ވަހީދު ވަނީ އަދުލު އިންސާފްގެ ނިޒާމަށް ފާޑު ވިދާޅުވެފައެވެ. އަދި މިޖަލްސާ ހިނގަމުން ދިޔަ ގަޑީގައި ޖަލްސާ އަށް ހާޒިރުވެ ތިބި އާއްމުންނަށް އަމާޒު ކޮށް ކުކުޅު ބިހެއް ޖަހާފައި ވެއެވެ. ބިސް ޖެހީ ކޮންބައެއް ކަމެއް ނޭގެއެވެ.