15 May 2019, 14:23
ގައުމެއްގެ އެންމެ އިސްވެރިން އާންމުކޮށް ވަނީ އެންމެ ދުރުވިސްނޭ ބޭފުޅުން އަށެވެ. ނަމަވެސް މި ފަހަކަށް އައިސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ ވެރިންގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ އެވެ. ޑޮނަލްޑް ޓްރަމްޕް، ޑުއާޓޭ އަދި ދާދި ފަހުން ބްރެޒިލްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ޖައި ބޮލްސޮނާރޯ ދައްކާ ވާހަކަތައް ވަނީ ޖޯކަކަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ނަން ވެސް މި ވަނީ ޖޯކު ރައީސުންގެ ލިސްޓަށް އަރައިފަ އެވެ. އިންޑިއާގެ އާންމު އިންތިހާބު ކެމްޕޭން ތެރޭގައި އެމަނިކުފާނު ވާހަކަ ދައްކަވާއިރު ހުންނަވަނީ، "ހިނދުކޮޅެއް"ގައިތޯ ވެސް އެތައް ބަޔަކު ސުވާލު އުފައްދަ އެވެ. ދާދި ފަހުން އިންޑިއާގެ ރާޑަރުތަކާ ބެހޭ ގޮތުން މޯދީ ދެއްކެވި ޖޯކު ވާހަކަތައް ނުނިމި އުޅެނިކޮށް އަނެއްކާ ވެސް މޯދީ ދެއްކެވި ޖޯކުވާހަތަކުން މުޅި ސޯޝަލް މީޑިއާ މި ވަނީ ކެކިއަރައިފަ އެވެ.
ދާދި ފަހުން މޯދީ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ 1988 ހިސާބުގައި ޑިޖިޓަލް ކެމެރާ ބޭނުންކުރެއްވި ކަމަށެވެ.
"ވަރަށް މަދު ބަޔަކު އޭރު އީމެއިލް ބޭނުންކުރަނީ. އަދްވަނީ އޭރު ހުންނެވީ ރަސްމީ ބައްދަލުވުމެއްގައި ގުޖުރާތުގެ މީޓިންއެއްގައި. އަޅުގަނޑު އޭނަގެ ފޮޓޯ ޑިޖިޓަލް ކެމެރާއިން ނަގައި އަޅުގަނޑު ދިއްލީއަށް އެ ފޮޓޯ ފޮނުވީމާ އޭގެ އަނެއް ދުވަހު އެ ފޮޓޯ އޮތީ ޕަބްލިޝްކޮށްފައި. ކުލަ ފޮޓޯއެއް އެއްމެ ދުވަހެއްގެ ތެރޭގައި ޕަބްލިޝްކުރީމާ އޭނާ ހުންނެވީ ވަރަށް ބޮޑަށް ހައިރާންވެފައި،" މޯދީ ވިދާޅުވި އެވެ.
ނަމަވެސް މިއީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއްކަމަށް ބެލެވޭނެ ޖާގައެއް ނެތެވެ. ފުރަތަމަ ޑިޖިޓަލް ކެމެރާ އުފެއްދީ ވެސް 1987 ވަނަ އަހަރު އެވެ. އަދި ކޮމާޝިއަލްކޮށް އީމެއިލްގެ ހިދުމަތް ފެށީ ވެސް 1995 ވަނަ އަހަރު އެވެ. އެހެން ވީމާ މޯދީގެ ވާހަކަތައް ތާރީހީ ފެކްޓްތަކާ ދިމަލެއް ނުވެ އެވެ.
މިދިޔަ ފެބްރުއަރީ މަހު އިންޑިއާއިން ޕާކިސްތާނަށް ދިންކަމަށް ބުނާ ވައިގެ ހަމަލާތަކާ ބެހޭ ގޮތުން ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްކެވި ވާހަކައާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމާއި މަލާމާތް މޯދީއަށް ވަނީ އިންތިހާއަށް ރައްދުވެފަ އެވެ. މޯދީ ވިދާޅުވި ގޮތުގައި ހަމަލާ ދިން ދުވަހު ވިލާތައް ބޯކޮށް އޮތް ނަމަވެސް އެއީ ވަރަށް ރަނގަޅު ކަމަކަށް ވާނެ އެވެ. އެއީ އޭގެ ސަބަބުން ވިލާތަކުގެ ނިވަލުގައި ތިބެގެން އިންޑިއާގެ ޖެޓުތަކަށް ޕާކިސްތާނުގެ ރާޑަރުން ސަލާމަތްވެވޭނެތީ ކަމަށް މޯދީ ވިދާޅުވި އެވެ.
ވިލާތައް ކިތަންމެ ބޯ ނަމަވެސް ޖެޓްތައް ހޯދައިގަތުމުގައި ބޭނުންކުރާ އިންފްރާ ރެޑް ސިސްޓަމުން ބޯޓުތައް ދެނެގަންނާނެ އެވެ.
ޕާކިސްތާނުން ބޭނުން ކުރާ ރާޑަރުތަކަށް ވިލާތަކުގެ ތެރެެއިން ވެސް ޖެޓުތައް ފެންނާނެކަން މޯދީއަކަށް ހަމަ އެއްގޮތަކަށް ވެސް އެނގިވަޑައެއްނުގެންނެވި އެވެ. މޯދީ ދެެއްކެވި ވާހަކަތައް އޭނާ ނިސްބަތްވާ، ބީޖީޕީގެ ޓުވިޓާ އެކައުންޓުން ވެސް ޝާއިއުކުރި އެވެ. ނަމަވެސް ފަޑުކިޔުންތައް މާބޮޑުވުމުން ފަހުން އެ ޓުވީޓުވަނީ ފޮހެލައިފި އެވެ.
އެހެން ހާދިސާއެކެވެ. މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން 2014 ވަނަ އަހަރު ދަރިވަރަކު މޯދީއާ ކުރެއްވި ސުވާލެއްގެ ޖަވާބުގައި މޯދީ ވިދާޅުވީ މޫސުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.
"މޫސުމަށް އެއްވެސް ބަދަލެއް ނާދެ. ބަދަލުވީ އަޅުގަނޑުމެން އިންސާނުން. އަޅުގަނޑުމެންގެ އާދަތައް ބަދަލުވެ ހަރާބުވީ. އެހެންވެ ތިމާވެށި ހަލާކުވީ." މޯދީ ވިދާޅުވި އެވެ.
މޯދީ އިތުރަށް ވިދާޅުވީ މުސްކުޅިން އާންމުކޮށް ކުރީ އަހަރަށް ވުރެ ޖެހިގެން އަންނަ އަހަރު މާބޮޑަށް ފިނިވެގެން އުޅޭ ކަމަށް ބުނާ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަަމަށެވެ.
"އެމީހުން މުސްކުޅިވަމުންދާ ވަރަކަށް ފިނި ބަރުދާސްތުކުރުމުގެ ކުޅަދާނަކަން ދައްވަނީ،" މޯދީ ވިދާޅުވި އެވެ.
ދާދި ފަހުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް މަލާމާތްކުރި މައްސަލައިގައި ވެސް މޯދީއަށް ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.
އިންޑިއާގައި ބޭއްވި ސްމާޓް އިންޑިއާ ހެކެތޯންގައި ބައިވެރިވި އިންޖިނިއަރިން ކިޔަވާ ކުއްޖަކު ވަނީ ޑިސްލެކްސިއާ ހުންނަ މީހުންނަށް ފަރުވާ ދޭނެ ޕްރޮގްރާމްގެ ވާހަކަ ދައްކައިފަ އެވެ.
އެ ވާހަކަތައް ދައްކަމުން ދަނިކޮށް މޯދީ ވަނީ ދަރިވަރުގެ ވާހަކައިގެ ކުރި މަރާލައި، އެންމެ ބޮޑު ވާދަވެރިޔާ ރާހުލް ގާންދީއަށް ނުސީދާކޮށް ނިސްބަތްކޮށް މަލާމާތްކުރައްވައި މޯދީ ވަނީީ ޑިސްލެކްސިއާ ހުންނަ ކުދިންނަށް ފަރުވާ ދިނުމަށް ހިންގާ ޕްރޮގްރާމް 40 އަހަރުގެ "ކުޑަކުދިންނަށް" ފަރުވާ ދިނުމަށް ބޭނުންކުރެވިދާނެތޯ ސުވާލު އުފައްދައި ވާހަކަ ދައްކަވައިފަ އެވެ. އެކަމާ ވެސް މޯދީއަށް ފާޑުކިޔުން އެބަ އޮތެވެ.