14 May 2019, 14:30
ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކާއި ފަނޑިޔާރުކަން ކޮށްފައިވާ ފަރާތްތަކަށް އިނާޔަތް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދެ ބިލް، ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގް ނުކޮށް އަނބުރާ ފޮނުވާލައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު 'ސަން' އަށް ވިދާޅުވީ، އެ ދެ ބިލް ތަސްދީގް ނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލާފައިވަނީ ދެ ބިލް ގައި ވެސް ގާނޫނު އަސާސީއާ ތައާރުޒު ކަންތައްތަކެއް ހުރުމުން ކަމަށެވެ.
ނައިބް ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް އިނާޔަތް ދިނުމުގެ ބިލް ގައިވާ ގޮތުން، ކިތަންމެ ކުޑަ މުއްދަތަކަށް ވެސް ނައިބް ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް އިނާޔާތް ދޭން ޖެހޭ ކަން ހޫދު ފާހަގަ ކުރެއްވި އެވެ. އަދި ފަނޑިޔާރުންގެ ގާނުނަށް ގެނައި އިސްލާހުގެ ބިލްގައި ގާނޫނު އަސާސީގެ 75 މާއްދާއާ ހިލާފުވުންތަކެއް ހުރި ކަމަށް ފާހަގެވެފައިވާތީ، އެ ބިލް ވެސް ތަސްދީގް ނުކުރައްވައި އަލުން ވިސްނުމަށް މަޖިލީހަށް އަނބުރާ ފޮނުވާލާފައިވާ ކަމަށް ހޫދު ވިދާޅުވި އެވެ.
ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖިނާއީ ކުށެއް ސާބިތުވެފައި ނުވާ ކޮންމެ ފަރާތަކަށް އިނާޔަތުގެ ގޮތުގައި މަހަކު 35،000 ރުފިޔާ ދޭން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅުންގެ ތެރެއިން ކުރިގެ ނައިބު ރައީސް އަހުމަދު އަދީބު މިވަގުތު ހުންނެވީ ޖިނާއީ ހުކުމެއްގަ އެވެ. ދެން ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅުންނަކީ ޔާމީން ސަރުކާރުގެ އެންމެ ފަހު ނައިބު ރައީސް އަބްދުﷲ ޖިހާދު އާއި ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ވަހީދު ސަރުކާރުގެ ނައިބު ރައީސް މުހައްމަދު ވަހީދުއްދީން (ޑީން) އާއި ނަޝީދު ސަރުކާރުގެ ނައިބު ރައީސް އަދި ފަހުން ރައީސް ޑރ މުހައްމަދު ވަހީދު އަހުމަދު އެވެ.