22 Oct 2011, 01:44
އެމްޑީޕީން އިއްޔެ ކުރި މުޒާހަރާގެތެރޭ އެންދެރިމާގޭ ކައިރީގައި ހިނގި ހަމަނުޖެހުންތަކާ ގުޅޭ ގޮތުން މައުލޫމާތުތަކެއް ސާފުކުރުމަށް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް އަންގަވާފައިވާ ޗިޓާ، ޣައްސާން މައުމޫން އަމިއްލަފުޅަށް ފުލުސް އޮފީހަށް މިރޭ ވަޑައިގެން ހަވާލުވެވަޑައިގެންފި އެވެ.
ޣައްސާން މައުމޫންގެ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) މިރޭ ވިދާޅުވީ، ޣައްސާން އެ ޗިޓާއި ހަވާލުވެވަޑައިގަތީ އަމިއްލައަށް ފުލުސް އޮފީހަށް މިރޭ ވަޑައިގެން ކަމަށެވެ. އެ ޗިޓުގައިވަނީ މާދަމާ މެންދުރު 1:00 ޖަހާއިރު ފުލުސް އޮފީހަށް ހާޒިރުވުމަށް ކަމަށާއި އެގަޑިއަށް ޣައްސާން އެތަނަށް ވަޑައިގަންނަވާނެ ކަމަށް ވެސް ވައްޑޭ ވިދާޅުވި އެވެ.
އަދި ފުލުހުންނަށް ފުރިހަމައަށް އެއްބާރުލުން ދެއްވަން ޣައްސާން ހުންނެވީ ތައްޔާރަށް ކަމަށް ވެސް ވައްޑޭ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޗިޓާއި ހަވާލުނުވާނަމެކޭ ފުލުހުންނަކަށް ދަންނަވައިފަކާއެއް ނޯންނާނެ. އެހެންނަމަވެސް މައުލޫމާތެއް ސާފުކުރަން ކަމަށް އެބޭފުޅުން ]ފުލުހުން[ ވިދާޅުވީމަ އަޅުގަނޑު ދެންނެވިން ސާފުކުރަން ބޭނުންވަނީ ކޮންކޮން މައުލޫމާތުތަކެއް ކަން ވިދާޅުވެދެއްވިއްޔާ ވަރަށް ރަނގަޅޭ. ދެން އެބޭފުޅުން އޭރު ވަޑައިގަތީ އެނބުރި. ނަމަވެސް، ޗިޓެއް ހަވާލުކުރަން ފުލުހުން އައޭ އަޅުގަނޑު ޣައްސާނަށް ދެންނެވީމަ، ހަމަ އަޅުގަނޑުމެން އެކުގައި ނިންމެވީ ޣައްސާން އެ ޗިޓާ ހަވާލުވެވަޑައިގަތުމަށް. އެހެންވެ، ޣައްސާން ހަމަ ވޮލިންޓިއާކޮށް ހަމަ ވަޑައިގެންނެވީ ]ފުލުސް އޮފީހަށް[ ޗިޓާ ހަވާލުވެވަޑައިގަތުމަށް،" ވައްޑޭ ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހަގު ފިރިހެން ދަރިކަލުންނަށް މިރޭ ޗިޓް ފޮނުވީ ކޮންބޭނުމަކުތޯ ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލު އަހުމަދު ޝިޔާމް މިރޭ ވިދާޅުވީ އިއްޔެ އެންދެރިމާގޭ ކައިރީ ހިނގި ހަމަނުޖެހުންތަކާއި ބައެއް ތަކެއްޗަށް ގެއްލުންދީ، އަދި އެ ހާދިސާގައި ޒުވާނަކު ޒަޚަމްވި މައްސަލައާ ގުޅިގެން އެކަން ތަހުގީގު ކުރަމުންދާއިރު ސުވާލު ކުރަންޖެހޭ ފަރާތްތަކާ ސުވާލު ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް ޣައްސާނަށް ޗިޓެއް ފޮނުވި ކަމެއް ވެސް ނުވަތަ ނުފޮނުވާ ކަމެއް ވެސް ޝިޔާމް ޔަގީންކޮށެއް ނުދެއްވި އެވެ. ވިދާޅުވީ އިއްޔެގެ ހަމަނުޖެހުންތަކާ ގުޅިގެން ސުވާލު ކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް މައުލޫމާތު ސާފުކުރަމުން މިހާރު ވެސް ގެންދާ ކަމަށެވެ.
ވައްޑޭ ވިދާޅުވީ، އެންދެރިމާގޭ ކައިރީ ހިންގި ޖަރީމާތައް ބަލައިދިނުމަށް ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލަ ނުބަލަނީ ކީއްވެތޯ ޗިޓް ހަވާލު ކުރަން ދިޔަ ފުލުހުންނާ ސުވާލު ކުރުމުން ބުނެފައިވަނީ "އަޅުގަނޑުމެން ކަންތައް ކުރަނީ ވެރިން ވިދާޅުވާ ގޮތަށް ކަމަށް" ކަމަށެވެ. އަދި އެ ބޭފުޅުން ވިދާޅުވާ ވެރިންނަކީ ކޮންބައެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
ވައްޑޭ ވިދާޅުވީ ފުލުހުންނަށް ހުށަހަޅާފައި ހުރި ގިނަ މައްސަލަތަކެއް ނުބަލައި ވަކި މައްސަލަތަކެއް ބަލަން މަސައްކަތް ކުރަނީ ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށް ކަމަށެވެ. އަދި ފުލުހުންނަކީ ސިޔާސީ ބަޔަކަށް ނުވާއިރު އެކަން އެގޮތަށް ދިއުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ޝަރުއީ ދާއިރާ މިނިވަން ކުރަން ކަމަށް ބުނެ، ސަރުކާރުގެ އިސްވެރިންނާއި އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުނާއި އެމްޑީޕީގެ އެކްޓިވިސްޓުން ސުޕްރީމް ކޯޓު ކުރިމަތީގައި އިއްޔެ މެންދުރު ފަހު ފެށި މުޒާހަރާގެ މިސްރާބު ބަދަލުވެ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދިރިއުޅުއްވާ އެންދެރިމާގޭ ކައިރިއަށް އެއްވެ، އެ ގެއަށް ގެއްލުންދީ ހަމަނުޖެހުންތައ ހިންގާފައި ވެއެވެ.
މުޒާހަރާގައި އެމްޑީޕީގެ ދިދަ ހިފައިގެން ތިބި ގިނަ އަދަދެއްގެ މީހުން ވަނީ އެންދެރިމާގެއާ އިންވެގެން ހުރި އެންދެރިގަސް ކިޔާ ގެއަށް ވެސް ގެއްލުންދީފަ އެވެ. އެ ގޮތުން އެގޭގެ ކުޑަދޮރުތަކުގެ ބިއްލޫރިތައް ވެސް ވަނީ ތަޅާލައިފަ އެވެ. އޭގެ އިތުރުން އެންދެރިގަހުގެ ގަރާޖެއްގެ ތެރޭގައި ޕާކްކޮށްފައި އޮތް ކާރަކަށް ގެއްލުންދިން އިރު އެ ސަރަހައްދުގެ ބައެއް ގޭގެއިންނާއި އެކި ދިމަދިމާއިން ވެސް ވަނީ އެއް ބަޔަކު އަނެއް ބަޔަކަށް ހަމަލާދީ ގެއްލުންދޭން މަސައްކަތްކޮށްފައެވެ. އަދި އެންދެރިމާގޭ އިލްޔާސް އިބުރާހިމް (ނ ޢ ޢ ވ) ގެ އަމިއްލަ ގެކޮޅު، އަލިވާގޭގެ ގަރާޖަށް ވަނީ ގެއްލުން ދީފައެވެ.
ލިޔުމާ ގުޅޭ އޯޑިއޯ