މިދިޔަ މަހު ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކާ އެކު ވެސް ރެކޯޑް އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން މިދިޔަ އޭޕްރީލް މަހު 162843 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާ ބަލާއިރު 36.3 ޕަސެންޓް ކުރިއެރުމެކެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިއީ މިއިން ޒަމާނަކު ވެސް ނުލިބޭ ފަދަ ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މި ސާސްކަފުގެ 2000ގެ އަހަރުތަކުގައި ސުނާމީ ހާދިސާއަށް ފަހު އެއައި ޖަމްޕަށް ފަހު އައި އެންމެ ބޮޑު ޖަމްޕް މަހެއްގެ މައްޗަށް އައި. އަޅުގަނޑުމެން ވަރަށް އުފާކުރަން ރާއްޖޭގެ ފަތުުރުވެރިކަން ރަނގަޅު މިސްރާބަކަށް ގެންދިއުމަށް ކުރާ މަސައްކަތްތައް ކާމިޔާބުވެގެން ދާތީ،" އަލީ ވަހީދު ވިދާޅުވި އެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު ޔޫރަޕްއިން 88031 ފަތުރުވެރިން ވަނީ އައިސްފަ އެވެ. ޔޫރަޕްގެ ވަކި ވަކި ގައުމުތަކަށް ބަލާއިރު ޔޫރަޕްއިން އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ އިޓަލީ ވިލާތުންނެވެ. އެގައުމުން 15043 ފަތުރުވެރިން ވަނީ އައިސްފަ އެވެ.

މިދޔަ މަހު ވެސް ސިންގަލް މާކެޓްއަކުން އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޗައިނާއިންނެވެ. އެގައުމުން 18704 ފަތުރުވެރިން ރާއްޖެއައިސްފައިވެ އެވެ.