14 May 2019, 13:24
މިއަހަރުގެ މިހާތަނަށް ޑެންގީ ހުމުގެ 1957 މައްސަލައެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ހުށަހަޅާފައިވާ ކަމަށް އެ އެޖެންސީން ބުނެފި އެވެ.
އެޗްޕީއޭ އިން މިއަދު އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޑެންގޫ ހުން ޖެހިގެން މާޗް މަހު 466 ކޭސް ހުށައެޅިއިރު އޭޕްރިލް މަހު 509 ކޭހެއް ވަނީ ހުށައަޅާފައެވެ.
ވޭތުވެ ދިޔަ އަހަރުތަކުގެ ޖަނަވަރީ އިން އޭޕްރީލް މަހަށް ޑެންގީ ޖެހޭ މިންވަރަށް ބަލާއިރު މި އަހަރުގެ ޖަނަވަރީ އިން އޭޕްރީލް މަހަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ގިނަކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ޗިގަންގުންޔާގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެފަހުން ރާއްޖޭގައި ޗިކުންގުންޔާ ގެ އައުޓްބްރޭކެއް އައިސްފައިވަނީ 2006 ވަނައަހަރުގައެ ވެ.
އޭގެފަހުން ވަރަށް މަދުން ކޭސްތައް ރިޕޯޓް ކުރެވިފައި ވީ ނަމަވެސް މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް 846 ކޭސް ވަނީ އެޗްޕީއޭއަށް ރިޕޯޓްކޮށްފައެވެ. އަދި މާޗު މަހާ އަޅާ ބަލާ އިރު އޭޕްރީލް މަހު ޗިކަންގުންޔާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ވަނީ އިތުރުވެފައެވެ.
އެޗްޕީއޭއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ އަހަރު ތަކުގެ މި ދުވަސްވަރާ އަޅާ ބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު މަދެވެ. މިއަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާގެ 60793 ކޭހެއް ވަނީ ރިޕޯޓްކޮށްފައެވެ.
މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާ އަށް 358 މީހަކު ޓެސްޓްކުރެވުނުއިރު އޭގެތެރެއިން 26 މީހުންވަނީ ޕޮސިޓިވް ވެފައެވެ.