މި އަހަރުގެ ހައްޖު މޫސުމުގައި މީހުން ހައްޖަށް ގެންދިޔުމުގެ ހުއްދަ ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕަށް ދީފައި ނުވުމުން އެކުންފުނިން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ދައުވާ ކުރަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީއިން ދެނީ އެ ކުންފުނިން ހަދާ އިވެލުއޭޝަނަކަށް ފަހު އެންމެ ގިނަ ޕޮއިންޓު ލިބޭ ކުންފުނިތަކަށެވެ. އެ އިވެލުއޭޝަންގައި މި އަހަރު ހަތް ވަނަ އަށް ދިޔަ ސިސިލްފަރަށް ހުއްދަ ދީފައި ނުވެއެވެ.

ސިސިލްފަރުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އިސްލާމިކް މިނިސްޓްރީއިން ކުންފުނިތަކަށް ޕޮއިންޓު ދީފައި ވަނީ ޕޮއިންޓު ދޭން ޖެހޭ ގޮތާ ހިލާފަށް ކަމަށެވެ. ހައްޖަށް މީހުން ގެންދަން ޝައުގުވެރިވާ ކުންފިނިތަކަށް ޕޮއިންޓު ދެވޭ ގޮތް ބަޔާންކޮށްފައި ވަނީ "1440 ވަނަ އަހަރު ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދެވޭ މައުލޫމާތު" ކަރުދާހުގައެވެ. ސިސިލްފަރުން ދައުވާ ކުރަނީ ކުންފުނިތަކަށް ޕޮއިންޓު ދީފައި ވަނީ އެ ކަރުދާހުގައިވާ ގޮތާ ހިލާފަށް ކަމަށް ބުނެއެވެ.

ޕޮއިންޓު ދީފައިވާ ގޮތަށް ބަލާއިރު މައުލޫމާތު ކަރުދާހުގައި، ތަޖުރިބާއަށް ފަސް ޕަސެންޓު ދޭނަކަމުގައި ބަޔާންކޮށްފައި އޮންނަ އިރު އެ ބައިން ސިސިލްފަރު ހައްޖު ގްރޫޕަށް 0.722 ޕަސެންޓު ލިބުނުކަމީ ބުއްދި ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އެ ކުންފުނިން ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.

"މިދިޔަ 35 އަހަރުދުވަހު ސިސިލްފަރު ހައްޖު ގްރޫޕުން ހައްޖާޖީންގެ ޚިދުމަތުގައި އުޅެފައިވާއިރު، މި ބައިން އެންމެ އިންސައްތައެއްވެސް ލިބިގެން ނުދިއުމުން އެނގެނީ އިވެލުއޭޓް ކުރާށޭ ކިޔައިގެން އިސްލާމިކް މިނިސްޓްރީން ކުޅިވަރު ކުޅެފައިވާކަމެވެ." ސިސިލްފަރުން ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.

އެ މައްސަލައިގައި އިތުރަށް ބުނެފައި ވަނީ މިނިސްޓްރީއިން ކުންފުނިތައް ހޮވާފައި ވަނީ ކުންފުނިތައް ހޮވުމަށް މާލިއްޔަތު ގަވާއިދުގައި އޮންނަ ގޮތާ ހިލާފަށް ކަމަށެވެ. އެގޮތުން ކުންފުނިތައް ހޮވާފައި ވަނީ މާލިއްޔަތު ގަވައިދުގެ 10.45 ގެ (ހ) އާއި 10.46 ގެ (ނ) އާ ހިލާފަށް ކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.

އެ ކުންފުނިން އެދިފައި ވަނީ އިސްލާމިކް މިނިސްޓްރީގެ އިވެލުއޭޝަން އަކީ ބާާތިލު އިވެލުއޭޝަނެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ފަސް ކުންފުންޏަށް ދިނުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށްވެސް އެ ކުންފުނިން ވަނީ އެދިފައެވެ.

މި އަހަރު މީހުން ހައްޖަށް ގެންދިޔުމުގެ ހުއްދަ ދީފައި ވަނީ ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑާއި ޒައީ ގްރޫޕް އާއި މިނާ ހައްޖު އެންޑް އުމްރާ ގްރޫޕާއި އެކްރޯ ޕްރައިވެޓް ލިމިޓެޑް އަދި އަލް ހަރަމައިން ހައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.