މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ބުރިޖު ހައިވޭގައި ފުރޮޅުފަޅައިގެން ގޮސް އެއް ފަރާތެއްގައި މަޑުކޮށްގެން އޮތް ކާރެއްގައި ފުލުހަކު ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި، އޭނާ މިއަދު ޒަޚަމްވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު މެންދުރު 3:05 އެހާކަން ހާއިރު އެވެ.

މަންޒަރު ދުށް މީހަކު "ސަން" އަށް ކިޔައިދިން ގޮތުގައި އެ އެކްސިޑެންޓް ހިނގީ ހުޅުމާލޭ ހައިވޭގެ އެއް ފަރާތުގައި މަޑުކޮށްގެން އޮތް ކާރުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެންނެވެ.

ސައިކަލު ކަރުގައި ޖެހުމުން ސައިކަލު ދުއްވަން އިން ފުލުސް މީހާ ވިއްސައިގެން ގޮސް އޭނާގެ ބޯ ވަނީ ކާރުގެ ފަހަރު ސީޓު ބިއްލޫރިގަނޑަ ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ. އެކްސިޑެންޓް ވުމުގެ ސަބަބުން ކާރުގެ ފަހަތު ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފައެވެ.

ފުލުހުން ބުނީ، އެކްސިޑެންޓްގައި އަނިޔާ ލިބުނު 23 އަހަރުގެ ފުލުސް މީހާގެ ބޯ ފަޅައިގެން ގޮސް، ނޭފަތާއި އަނގައިިން ލޭ އައިސްފައިވާ ކަމަށެވެ. އޭނާ އަށް މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ. ނަމަވެސް އަދި ވެސް އޭނާ އޮތީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ.

ހައިވޭގައި މިއަދު ހިނގި އެކްސިޑެންޓްގައި މަޑުކޮށްފައި އޮތް ކާރުގައި ސައިކަލް ޖެހިފައި -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ކާރުގެ ޑްރަވައިރާއި ސައިކަލް ދުއްވަން އިން ފުލުސް މީހާގެ އަތުގައި ލައިސެންސް އޮންނަ ކަމަށް ފުލުހުން ބުންޏެވެ.

ހައިވޭގައި މިއަދު އެކްސިޑެންޓެއް ހިނގައި ފުލުހަކު ޒަޚަމް ވެފައިވާ އިރު، މާލޭގައި އިއްޔެ ވެސް ވަނީ އެކްސިޑެންޓެއް ހިނގައި ޒުވާނަކު ޒަހަމުވެފަ އެވެ. އެ ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗް އިން މިއަދު ވަނީ ބުނެފަ އެވެ.

މި އަހަރުގެ މިހާތަނަށް އެކްސިޑެންޓްގެ 953 މައްސަލަ އެއް ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރެއިން މިމަހު މިހާތަނަށް ހުށަހަޅާފައިވަނީ، 91 އެކްސިޑެންޓެވެ.