ރަމަޟާން މަހުގެ މާތްކަމާއި ބެހޭގޮތުން ސާބިތުނުވާ ބައެއް ހަދީޘްތައް ވަރަށް ގިނައިން އަޑުއިވެއެވެ. އަދި ޚަޠީބުންނާއި ވާއިޡުންގެ ވާހަކަތަކުގައި އެ އިބާރާތްތައް ތަކުރާރުކޮށް ބޭނުންކުރެވޭލެއް ގިނަކަމުން އެއީ ސައްހަ ހަދީޘްތަކެއް ކަމުގައި މީސްތަކުންނަށް ކަށަވަރުވެ މަޝްހޫރުވާ މިންވަރަށް އެހަދީޘްތައް އަޅުގަނޑުމެންނަށް އިވެމުންދެއެވެ.

އެފަދަ ހަދީޘްތަކުގެ ތެރެއިން އެއް ހަދީޘަކީ ރަމަޟާންމަހުގެ ކޮންމެ ދިހެއްގެ މާތްކަމާއި އެމަހުގެ އަޅުކަމުގެ މާތްކަން ބަޔާންކުރެވިފައިވާ ހަދީޘެވެ. ރަމަޟާންމަހުގެ ފުރަތަމަ ދިހައެއް އެއީ ރަހުމަތުގެ ދިހައެއް ކަމުގައާއި، ދެވަނަ ދިހައެއް އެއީ ފާފަ ފުއްސެވުމުގެ ދިހެއް ކަމުގައާއި، ފަހު ދިހައެއް އެއީ ނަރަކައިން މުއްތިކުރެއްވުމުގެ ދިހައެއް ކަމުގައި ބަޔާންވެފައިވާ ހަދީޘަކީ ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ޘާބިތުވެފައި ނުވާ ބަސްފުޅެކެވެ.

މުޅި ރަމަޟާން މަހަކީ ނަރަކައިން މުއްތިކުރެއްވުމުގެ މައްސަރެވެ. ރަމަޟާންމަހުގެ ކޮންމެ ރެއެއްގައިވެސް މާތް ﷲ ގެ އަޅުތަކުންކުރެ ބަޔަކު މީހުން ނަރަކައިން ނަޖާކުރައްވާނޭކަމުގައި ރިވާވެގެން ވެއެވެ. ހަމަ އެފަދައިން ރަމަޟާން މަހަކީ ބަރަކާތްތެރި މައްސަރެކެވެ. އެ މައްސަރުގެ ކޮންމެ ރެޔަކީ ރަހުމަތުން ފުރިގެންވާ ރެއެކެވެ. އަދި އީމާންކަމާއެކު ރޯދައިގެ ދަރުމަޔަށް އެދި ހުރެ ރަމަޟާން މަހުގެ ރޯދަ ހިފައިފި މީހާގެ އިސްވެދިޔަހާ ފާފައެއް ފުއްސަވާނޭކަމުގައި ރިވާވެގެންވެއެވެ. ވީމާ، ވަކި ދިހައަކަށް ހާއްސަވުމެއް ނެތި، މުޅި ރަމަޟާންމަހަކީ ފާފަފުއްސެއްވުމުގެ މައްސަރެވެ.

ނަމަވެސް އިސްވެ ދެންނެވުނު، ސާބިތުނުވާ ހަދީޘްފުޅުގެ މައްޗަށް އިލްމީ ގޮތުން ނަޒަރެއް ހިނގައިލަމާ ހިނގާށެވެ. އިލްމު އުނގެނޭ ދަރިވަރަކަށް، ނުވަތަ އިތުރު މައުލޫމާތު ހޯދަން އެދިވަޑައިގަންނަވާ ބޭފުޅަކަށް މިއީ ނުހަނު މުހިންމު މައުލޫމާތުތަކެއް ކަމުގައި މެނުވީ ނުވާނެއެވެ.

އެހަދީޘް ރިވާކުރައްވާފައިވަނީ އަންނަނިވި ފޮތްތަކުގައެވ.رواه المحاملي في"الأمالي" (ج5رقم50 )وابن خزيمة في"صحيحه" ( 1887 )وقال: "إن صح"، والواحدي في"الوسيط"އަދި މި ހަދީޘަކީمنكرހަދީޘެއް ކަމުގައި އައްޝައިޚުލް އަލްބާނީ ރަޙިމަހު ﷲ އެކަލޭގެފާނުގެالسلسلةالأحاديثالضعيفةގައި ވިދާޅުވެފައިވެއެވެ. (މުންކަރު ހަދީޘަކީ ބަލިކަށި ނުވަތަ ޟަޢީފު ގަދީޘްގެ ތެރެއިން ހިމެނޭ ބާވަތެކެވެ.)

މިދެންނެނި ގަދީޘްގެ މަތުނުގައި (އިބާރާތްތައް) ވަނީ މިފަދައިންނެވެ.

عن سلمان الفارسي قال:خطبنا رسول الله صلى الله عليه و سلم في آخر يوم من شعبان فقال:

"يَا أَيُّهَا النَّاس قَد أَظَلَّكُم شَهْرٌ عَظِيمٌ،شَهْرٌ فِيهِ لَيْلَةٌ خَيْرٌ مِن أَلْفِ شَهْرٍ، جَعَلَ اللهُ صِيَامَهُ فَرِيْضَةٌ، وَقِيامُ لَيلِهِ تَطَوُّعًا ، مَنْ تَقَرَّبَ فِيهِ بِخَصْلَةٍ مِنْ الخَيْرِ كَانَ كَمَنْ أَدَّى فَرِيْضَةً فِيْمَا سِوَاهُ، وَمَنْ أَدَّى فِيهِ فَرِيْضَةً كَان كَمَنْ أَدَّى سَبْعِينَ فَرِيْضَةً فَيمَا سِوَاهُ ، وَهُوَ شَهْرُ الصَّبْرِ وَالصَّبْرُ ثَوَابُه الجَنَّة ، وَشَهْرُ المُوَاسَاةِ وَشَهْرٌ يُزَادُ فِيهِ فِي رِزْقِ المُؤْمِنِ، وَمَنْ فَطَّرَ فِيهِ صَائِمًا كَانَ مَغْفِرَةً لِذُنُوبِهِ وَعِتْقُ رَقَبَتِهِ مِنْ النَّارِ، وَكَانَ لَهُ مِثْل أَجَرِهِ مِنْ غَيْرِ أَنْ يَنْقُصَ مِنْ أَجْرِهِ شَيْءٌ"، قَالُوا : يَا رَسُولَ اللهِ لَيْسَ كُلُّنَا يَجِدُ مَا يُفَطِّرُ الصَائِمَ قَالَ: "يُعْطِي اللهُ هَذَا الثَوَابَ مَنْ فَطَّرَ صَائِمًا عَلى مَذْقَةِ لَبَنٍ أَوْ تَمْرَةٍ أَوْ شَرْبَةٍ مِنْ مَاءٍ، وَمَنْ أَشْبَعَ صَائِمًا سَقَاهُ اللهُ مِنْ الحَوْضِ شَرْبَةً لاَيَظْمَأُ حَتىَّ يَدْخُلَ الجَنَّةَ، وَهُوَ شَهْرٌ أَوَّلُهُ رَحْمَة ، وَوَسَطُهُ مَغْفِرَة ، وَآخِرُه عِتْقٌ مِنْ النَّارِ، فَاسْتَكْثِرُوا فِيهِ مِنْ أَرْبَعِ خِصَالٍ خَصْلَتَانِ تَرْضَوْنَ بِهِمَا رَبُّكُم وَخَصْلَتَانِ لاَغِنَى بِكُم عَنْهُمَا ، أَمَّا الخَصْلَتَانِ اللتَانِ تَرْضَوْنَِبِهمَا رَبُّكُم ، فَشَهَادَةُ أَنْ لاَ إِلهَ إِلاَّ اللهُ، وَتَسْتَغْفرُونَهُ، وَأَمَّا الخَصْلتَانِ اللتَانِ لاَغِنَى بِكُمْ عَنْهُمَا ، فَتَسْأَلُونَ الجَنّةَ وَتُعَّوِذُونَ مِنْ النَّارِ"

މާނައީ: "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މައްޗަށް ހިޔާ އަޅާފައި މިވަނީ މަތިވެރިވެގެންވާ މައްސަރެކެވެ. އެ މައްސަރުގައި އެއްހާސް މައްސަރަށްވުރެ ހެޔޮވެގެންވާ ރެއެއްވެއެވެ. މާތް ﷲ ވަނީ އެ މައްސަރުގައި ރޯދަ ހިފުން ފަރުޟު ކުރައްވާފައެވެ. އެދި އެ މައްސަރުގެ ރޭއަޅުކަމަކީ ސުންނަތެއް ކަމުގައި ލައްވާފައެވެ. އެމައްސަރުގައި ހެޔޮ އަމަލަކުން ކުއްތަންވެއްޖެ މީހާކު އެ ނޫން މައްސަރެއްގައި ފަރުޟު އަޅުކަމެއް އަދާކުރި ފަދައެވެ. އެމައްސަރުގައި ފަރުޟު އަޅުކަމެއް އަދާކޮށްފިނަމަ އެނޫން މައްސަރެއްގައި 70 ފަރުޟު އަދާކުރި ފަދައެވެ. އެމައްސަރަކީ ކެތްތެރިކަމުގެ މައްސަރެވެ. ކެތްތެރިކަމުގެ ސަވާބަކީ ސުވަރުގެއެވެ. އެމައްސަރަކީ ގުޅުން ބަދަހިކުރުމުގެ މައްސަރެވެ. އަދި މުއުމިނު އަޅާގެ ރިޒުގު އިތުރުކުރައްވާ މައްސަރެވެ. ރޯދަވެރިޔަކަށް ރޯދަވީއްލަން ދީފި މީހާގެ ފާފަތައް އެކަމުގެ ސަބަބުން ފުއްސަވައި އޭނާ ނަރަކައިން މުއްތިކުރައްވަތެވެ. އަދި އެ ރޯދަވެރިޔާގެ ދަރުމައާއި ސަވާބުން އުނިވުމެއްނެތި އެ ރޯދައިގެ ސަވާބާ އެއްފަދަ ސަވާބު ރޯދަ ވީއްލަން ދިން މީހާއަށް ލިބޭނެއެވެ." އެބޭކަލުން ދެންނެވިއެވެ. ތިމަންމެންގެ ތެރެއިން ކޮންމެ މީހަކީ، މީހަކަށް ރޯދަވީއްލަން ދޭވޭ ވަރަގެ ފުދުންތެރިއެއް ނޫނެވެ. ހަދީޘްކުރެއްވިއެވެ. "ރޯދަވެރިޔާއަށް ރޯދަވީއްލަން ދިން މީހަކަށް މާތް ﷲ މި ސަވާބު ދެއްވައެވެ. އެއީ ކިރުގެ ކޯވަރެއް ނުވަތަ ކަދުރު އޮށެއް ނުވަތަ ފެންފޮދެއް ދިންކަމުގައި ވިޔަސްމެއެވެ. ރޯދަވެރިޔެއްގެ ބަނޑުފުރެންދެން ކާންދީފި މީހާއަށް ގިޔާމަތް ދުވަހުގައި ޙައުޟުން ފެން ބޯންލިބޭނެއެވެ. އެ ބުއިމަށްފަހު ސުވަރުގެ ވަނުމަށް ދާންދެން ކަރުހިއްކުމެއް ނުވެއެވެ. އެމައްސަރުގެ ފުރަތަމަ ދިހައަކީ ރަޙުމަތުގެ ދިހައެކެވެ. އަދި މެދު ދިހައަކީ ފާފަފުއްސެވުމުގެ ދިހައެކެވެ. އަދި ފަހު ދިހައަކީ ނަރަކައިން މުއްތިކުރެއްވުމުގެ ދިހައެކެވެ. އެހެންވީމާ ހެޔޮކަމުގެ ހަތަރުކަމެއް ތިޔަބައިމީހުން ގިނަކުރާށެވެ. ދެކަމެއްގެ ސަބަބުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ރުއްސެވުން ހާސިލުވެއެވެ. އަދި އަނެއް ދެކަމަކީ ތިޔަބައިމީހުންނަށް އެދެކަމައި ނުލައި ފުއްދައިނުލެވޭނެ ދެކަމެކެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލަނގެ ރުއްސެވުން ލިބޭ ދެކަމަކީ މާތް ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމަށް ހެކިވުމާއި އެކަލާނގެ ހަޟުރަތުން ފާފަ ފުއްސެވުން އެދުމެވެ. އަދި ތިޔަބައިމީހުންނަށް އެދެކަމާއި ނުލައި ފުއްދައިނުލެވޭނެ ދެކަމަކީ ސުވަރުގެ ލިބުމަށް އެދި ދެންނެވުމާއި ނަރަކައިން ދިންނެވުން އެދި ދުޢާކުރުމެވެ."

މި ހަދީޘަކީ ޟައީފް ހަދީޘެކެވެ. މިތާނގައި މި ހަދީޘްގެ މާނައާއެކު ލިޔެފައި މިވަނީ ދީނީ މައްސަލަތަކުގައި ފުންކޮށް ވިސްނާ ދިރާސާކުރާ ހުރިހާ ފަރާތްތަކެއްގެ ފައިދާއަކަށެވެ.

މިހަދީޘްގައި ޒިކުރު ކުރެވިގެންވާ ބައެއް ކަންތައްތަކަކީ ސައްހަ މަގުން ރިވާވެގެންވާ ކަންތައްތަކެވެ. މިސާލެއްގެ ގޮތުން ރަމަޟާންމަހުގައި ލައިލަތުލް ޤަދްރިވިލޭރޭ ލެއްވިގެންވާކަމާއި، އެ ރެއަކީ އެއްހާސް މައްސަރައްވުރެ މާތްވެގެންވާ ރެއްކަން މި ހަދީޘްގައި އައިސްފައިވެއެވެ. މިކަމަކީ ކީރިތި ގުރްއާނުގެ ނައްސުން ސާބިތު ކަމެކެވެ.

ނަމަވެސް މިހަދީޘްގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ ތެރެއިން ސާބިތުނުވާ ވާހަކަތަކުގެ ތެރޭގައި ރަމަޟާންމަހުގެ ތިން ދިހައެއްގެ މާތްކަން ތަފާތުވުމާއި، އެމައްސަރުގައި ފަރުޟު އަޅުކަމެއް ކޮށްފި މީހާ އެނޫން މައްސަރެއްގައި 70 ފަރުޟު އަޅުކަން އަދާކުރި މީހާ ފަދައޭ އޮތް އޮތުން އެއީ ސާބިތު ސައްހަ ވާހަކަތަކެއް ނޫނެވެ.

ދީނުގެ މައުލޫމާތު މުއްސަނދިކުރުމަށް ވަސިއްޔަތް ކުރަމެވެ.