13 May 2019, 14:31
މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ ލަފާކުރި ވަރަށް ވުރެ ހަ ޕަސެންޓް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މީރާއިން ބުނީ، އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ބައެއް ޓެކުހުގެ ގޮތުގައި ދައްކަންޖެހި ނުދައްކާ ހުރި ފައިސާ މިދިޔަ މަހުގެ ތެރޭގައި ދެއްކުމެވެ. އަދި އަނެއް ސަބަބަކީ، ޓީޖީއެސްޓީ އާއި ޖީޖީއެސްޓީ، ބީޕީޓީ އަދި ރިޒޯޓު ކުލީގެގޮތުގައި ދައްކަންޖެހި ނުދައްކާހުރި ފައިސާ މިދިޔަ މަހުގެ ތެރޭގައި ދެއްކުމެވެ.
އެޕްރީލް މަހު ލިބުނުު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއިން އެވެ. އެއީ 67.1 ޕަސެންޓް ނުވަތަ 875.69 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކްސް އިން ވަނީ، 83.6 މިލިއަން ރުފިޔާ ލިބިފަ އެވެ. މީގެ އިތުރުން، އެއާޕޯޓު ޑިވަލޮޕްމަންޓް ފީގެ ގޮތުގައި 70.65 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއާޕޯޓު ސަރވިސް ޗާޖްގެ ގޮތުގައި 70.13 މިލިއަން ރުފިޔާ ލިބުނެވެ.
ވިޔަފާރިތަކުގެ ފައިދާ، ބީޕީޓީ އިން 69.72 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 135.88 މިލިއަން ރުފިޔާ ލިބުނެވެ.
އެޕްރީލް މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 55.9 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެ އެވެ.