ވަޒީފާއިން ވަކިކުރުމުގެ ޝަކުވާތައް ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވީ ނަމަވެސް ސަރުކާރުން އެކަން ދޮގުކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ސިޔާސީ ކުލައަކަށް ބަލާފައި ސަރުކާރުގެ އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރާ ކަމަށެވެ.

" އެއްވެސް މީހެއްގެ ސިޔާސީ ކުލަައަކަށް ބަލާފައި ވަޒީފާތަކުން ވަކިކުރުމުގެ ޕްރޮގްރާމެއް ރޭވިފައެއް ނެތް. ދެން ކުންފުނިތަކުން ވަޒީފާއިން ވަކިކުރުމާބެހޭ ގޮތުން އަޅުގަނޑަށް ބުނާނެ އެއްޗެއް ނެތް. އެކަމަކު ސަރުކާރުން ނާންގާނެ ކުންފުނިތަކަށް އެގޮތަށް މީހުން ވަކިކުރާކަށް" އޭނާ ވިދާޅުވިއެވެ.

ހޫދު އެފަދައިން ވިދާޅުވިއިރު ޕީއެންސީއިން ވަނީ ސަރުކާރުން އެތައް ބަޔަކު ވަޒީފާއިން ވަކިކުރާކަމަށް ބުނެ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔައިފަ އެވެ.

ޕީއެންސީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ އެއްވެސް ހަމައަކަށް އަދި އުސޫލަކަށް ބެލުމެއް ނެތި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން އަންނަ ކަމަށެވެ.

ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ފެނަކަ ކޯޕަރޭޝަންއިން އެތައް ބަޔަކު ވަޒީފާއިން ވަކިކުރަމުންދާ ކަމުގެ ވާހަަކަތައްވެސް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ. އެމްޑިޕީގެ އިސް އެކްޓިވިސްޓަކު ފެނަކައިގެ މުވައްޒަފަކަށް ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރުދޭ އޯޑިއޯއެއް ވެސް މިފަހުން ސޯޝަލް މީޑިއާގައި ލީކްވި އެވެ.

މީގެ އިތުރުން ފެނަކަ ރީޖަނަލް އޮފީސްތައް އުވާލުމުން އެތައް ބައެއްގެ ވަޒީފާ އަންނަނީ ގެއްލެމުން އެވެ.