ހުސައިން ހަސަން އަދި އަހުމަދު އާޒިފު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ޣައްސާން މައުމޫން ފުލުސް އޮފީހަށް ހާޒިރުވާން ޗިޓެއް ފޮނުވުމާ ގުޅިގެން، ފަނޑިޔާރުންނަށް ބިރު ދެއްކުމާ ދެކޮޅަށް މިރޭ ބޭއްވި މުޒާހަރާ ނިންމާލައިފި އެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކައުންސިލުގެ ބައެއް މެންބަރުން އިސްކޮށް ތިއްބަވައިގެން އާޓިފިޝަލް ބީޗުގައި މިރޭ ފެށި މުޒާހަރާ ނިންމާލައިފައި ވަނީ ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު މުލިއާގެ ކައިރިއަށް އެއްވުމަށް ނިންންމައި އެކަމަށް ތައްޔާރުވަމުން ދަނިކޮށެވެ. މިރޭ 9:00 އެހާކަންހާއިރު ފެށި މުޒާހަރާ ނިންމައިލިކަން އިއުލާން ކުރެއްވީ ވެސް ޕީޕީއެމްގެ ކައުންސިލް މެންބަރު އުމަރު ނަސީރެވެ. އޭނާ ވިދާޅުވީ އިއްޔެގެ ހަމަނުޖެހުންތަކާ ގުޅިގެން ޣައްސާން މައުމޫން ފުލުސް އޮފީހަށް ހާޒިރު ކުރަން ޗިޓެއް ފޮނުވާފައިވާތީ ޕީޕީއެމްގެ އިސްވެރިންގެ ބައްދަލުވުމެއް މިރޭ ބާއްވަން ހަމަޖެހިފައިވާ ކަމަށާއި އެ ބައްދަލުވުމަށް ވަޑައިގަންނަވަން ޖެހުމުން މުޒާހަރާ ނިންމާލެއްވީ ކަމަށެވެ.

ފަނޑިޔާރުންނަށް ބިރު ދައްކާ މީހުންނާ ދެކޮޅަށް މިރޭ ކުރި މުޒާހަރާގައި އެމްޑީޕީން އިއްޔެ ބޭއްވި މުޒާހަރާއަށް ވަރަށް ބޮޑަށް ފާޑު ކިއެވެ. އެއްވުމުގައި އުމަރު ވިދާޅުވީ "ކޯޓުތައް މިނިވަން ކުރުމަށް" އެމްޑީޕީން ބޭއްވި މުޒާހަރާއަކީ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ ގޮނޑި ގެއްލޭތީ ބޭއްވި މުޒާހަރާއެއް ކަމަށެވެ. އަދި ވިދާޅުވީ މުސްތޮފާގެ ގޮނޑި ގެއްލޭނެކަން ޔަގީންވާ ކަމަށް ވިދާޅުވެފައެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވީ ފަނޑިޔާރުގޭގެ ވާހަކައިގެ ނަމުގައި އިއްޔެ ރޭ ބޭއްވި ފޯރަމްއަކީ ސަރުކާރުން ބޭއްވި ފޯރަމެއް ކަމަށެވެ. އަދި ފަނޑިޔާރުންގެ ގަދަރާއި ކޯޓްތަކުގެ ހުރުމަތް ކެނޑުމަށް ހިޔާލު ފާޅު ކުރި ފޯރަމްއަށް ދައުވަތުދީ ފޮނުވި އެސްއެމްއެސްތަކަކީ ރައީސް އޮފީހުގެ ނަމުގައި ނަގާފައިވާ ނަންބަރުތަކުން ފޮނުވާފައިވާ މެސެޖްތަކެއް ކަމަށެވެ.

"އަޅުގަނޑަށް ވެސް އެސްއެމްއެސްއައި އެއީ ސަރުކާރުގެ ނަމުގައި ނަގާފައިވާ ނަންބަރުތަކެއް. އަޅުގަނޑު ދެންނެވިން ތިއުޅެނީ ކޯޓްތަކުގެ ހުރުމަތް ކަނޑާލަންވެގެންނޭ،" އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވި އެވެ.

މިރޭގެ މުޒާހަރާގައި މުލިއާގެއަށް ދާނެ ކަމަށް އިއުލާން ކުރުމާއެކު، ފުލުހުން ވަނީ މުލިއާގެ ސަރަހައްދު ހިމެނޭ މަގުތަކުގައި ފޯރި މަރަންފަށާފަ އެވެ.


---
ފަނޑިޔާރުންނަށް ބިރު ދައްކާތީ މިރޭ ފެށި މުޒާހަރާ ދާދި ދެންމެއަކު ނިންމާލައިފި އެވެ. މިރޭ 9:00 ޖެހިއިރު އުމަރު ނަސީރާއި އިލްހާމާއި މާޒް ސަލީމާއި ވައްޑޭ އިސްވެ ތިބެ ފެށި މުޒާހަރާ ނިންމައިލި ސަބަބެއް ކަމަށް ބުނީ އިއްޔެ މާލޭގައި ކުރި މުޒާހަރާގައި އެންދެރިމާގޭ ކައިރީ ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޣައްސާން މައުމޫނަށް ފުލުހުން ޗިޓެއް ފޮނުވާފައިވާތީ އެކަމާ ގުޅުގެން ކުއްލި ބައްދަލުވުމެއް ބާއްވާން ޖެހިގެން ކަމަށް ބުނެ އެވެ. ޣައްސާނަށް ފުލުހުން ޗިޓެއް ފޮނުވި ކަމަށް ޣައްސާންގެ ލޯޔަރު މުހައްމަދު ވަހީދު އިބުރާހިމް (ވައްޑޭ) ވަނީ ޔަގީން ކޮށްދީފަ އެވެ. ނަމަވެސް ވިދާޅުވީ އެ ޗިޓާ ހަވާލު ނުވާ ކަމަށެވެ.

22:53 މުލީއާގޭގެ ކައިރިއަށް ދާނެ ކަމަށް މުޒާހަރާގެ ބައިވެރިން އިންޒާރު ދިންނަމަވެސް މަގުމައްޗަށް ނުކުތުމުގެ އިޝާރާތެއް ނުފެނެ އެވެ. ދޭތެރެ ދެތެރެއިން ގޮވައިލަމުންދަނީ "ތައްޔާރަށް" ތިބުމަށެވެ. ސަންގެ ނޫސްވެރިން ބުނާ ގޮތުގައި މިހާރު މުލިއާގޭ ސަރަހައްދު ފުލުހުންގެ ސްޓާފޯސް އިން ބަންދުކޮށްލުމަށް ތައްޔާރީތައް ވަމުން އެބަދެއެވެ. އަދި ބައެއް ދިމާދިމާއިން މިހާރު ވެސް ވަނީ ބަންދުކޮށްފަ އެވެ.

http://sun.mv/albums/l_2115.jpg

22:46 އިއްޔެ އެމްޑީޕީން ކުރި މުޒާހަރާގެތެރޭ އެންދެރިމާގޭ ކައިރީގައި ހިނގި ހަމަނުޖެހުންތަކާ ގުޅިހެން ފުލުހަށް ހާޒިރުވުމަށް ޣައްސާން މައުމޫނަށް މިރޭ ޗިޓް ފޮނުވައިފި ކަމަށް މުޒާހަރާގެ ތެރޭގައި އިއުލާން ކޮށްފި، ޣައްސާންގެ ލޯޔަރު ވަނީ މުޒާހަރާ ދޫކޮށް ޣައްސާން އަރިހަށް ގޮސްފައި ކަމަށް ވެސް އިއުލާން ކޮށްފި. ފުލުހުންގެ މިޑިއާ އޮފިޝަލު ވިދާޅުވީ ޗިޓެއް ޣައްސާނަށް ފޮނުވާނެ ހެން ހީނުވާ ކަމަށެވެ.

22:26 މުޒާހަރާ ކުރާ މީހުން މުލިއާގެ ކައިރިއަށްދާން ނައްޓައިލާނެ ކަމަށް ބުނުމާއެކު އެ ސަރަހައްދަށް ފުލުހުން އައިސް މިހާރު އެކި ދިމަ ދިމާގައި އެތުރެން ފަށައިފި.

22:24 އާޓިފިޝަލް ބީޗުގެ މުޒާހަރާ ކުރިޔަށްދާއިރު މިވަތު ކުރިޔަށްދާ އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅު ދައްލަވަމުން ސުޕްރީމް ކޯޓުގެ އެއް ފަނޑިޔާރު އަނެއް ފަނޑިޔާރަށް ނުފޫޒު ފޯރުވާ ކަމަށާއި އަންނަ ހަފުތާގައި އެ މައްސަލަ ކޯޓަށް ވައްދާނެ ކަމަށް އިބުރާ ވިދާޅުވެއްޖެ އެވެ. އޭނާ އަދި ވިދާޅުވީ ފަނޑިޔާރު ވަނީ ބުއްދި ފިލައި ގޮސްފައި ކަމަށާއި ގާނޫނު އަސާސީ ދެނެގަތުމުގެ ގާބުލުކަން އެމީހުންގެ ނެތް ކަމަށެވެ.
~
22:15 އާޓިފިޝަލް ބީޗުގެ މުޒާހަރާ ކުރިޔަށްދާއިރު އެމްޑީޕީ ހަރުގޭގައި މިރޭ 9:00 ޖެހިއިރު ފެށި ޖަލްސާގައި މިވަގުތު ވާހަކަފުޅު ދައްކަވަމުން ދަނީ ރައީސްގެ ހާއްސަ އެޑުވައިޒަރު އިބުރާހިމް އިސްމާއިލް (އިބުރާ) އެވެ. އޭނާގެ މައިގަނޑު ވާހަކަފުޅު އަމާޒުކޮށްފައި ވަނީ ޝަރުއީ ނިޒާމަށާއި ފަނޑިޔާރުންނަށް ފާޑު ވިދާޅުވުމަށެވެ.

22:08 މުޒާހަރާ އާޓިފުިޝަލް ބީޗުން މުލީއާގެއާ ދިމާއަށް ދިއުމަށް ފެނޭތޯ ބެލުމަށް އެއްވެފައިވާ މީހުންގެ މެދުގައި ވޯޓަކަށް އަހައި މުލީއާގެއާ ދިމާއަށް ނައްޓައިލަން ނިންމައިފި. ވޯޓަށް އެހީ އިލްހާމް، އޭނާ ވިދާޅުވީ މަގުމައްޗަށް ނުކުމެ ނައްޓައިލަން ވުމުން އަންގާނެ ކަމަށް

22:06 މިހާރު ކުރިޔަށް ވުރެ މީހުން ގިނަވެއްޖެ، އެ ސަރަހައްދުގައި ތިބި ސަންގެ ނޫސްވެރިން ބުނާ ގޮތުން 1000 އެއްހާ މީހުން މިހާރު ވަނީ ޖަމާވެފައި. މުޒާހަރާގައި ޝަރުއީ ނިޒާމަށް ފާޑު ކިޔާ ފަރާތްތަކާ ބެހޭ ގޮތުންނާއި ސަރުކާރާއި އެމްޑީޕީއަށް ފާޑުކިޔުން ފިޔަވައި އިތުރު ހަރަކާތެއް އަދި ނުހިނގާ

22:01 ގާތްގަނޑަކަށް 600 އެއްހާ މީހުން އާޓިފިޝަލް ބީޗުގައި އަޑު އުފުލަމުންދާއިރު އެ ސަރަހައްދުގައި ފުލުހުންގެ އެއްވެސް މީހަކު ފެންނާކަށް ނެތް.

21:55 މުޒާހަރާގައި އިސްކޮށް އުޅެނީ ޕީޕީއެމްގެ ކައުންސިލުގެ ބޭފުޅުންނެވެ. އޭގެ ތެރޭގައި އުމަރު ނަސީރާއި އިލްހާމާއި ވައްޑޭ އާއި މާޒް ސަލީމް ހިމެނެ އެވެ. އެއްވެފައިވާ ގިނަ އަންހެނުން ހެދުން އަޅައިގެން ތިބީ ވެސް ޕީޕީއެމްގެ ކުލަ، އަސުރުމާ ކުލައިގައެވެ. މި މުޒާހަރާގައި ޝަރުއީ ނިޒާމަށް ފާޑު ކިޔާ ފަރާތްތަކަށް ރައްދުކޮށް އަޑު އުފުލަމުންދާއިރު މަގުމައްޗަށް ނުކުތުމުގެ ނިޝާނެއް އަދި ނުފެނެ އެވެ. މުޅިން ވެސް ފެންނަނީ ތަކުރާރުކޮށް އެއް ބަޔަކު ޝަރުއީ ނިޒާމާބެހޭ ގޮތުންނާއި ސަރުކާރާއި އެމްޑީޕީއާ ބެހޭ ގޮތުން ވާހަކަ ދައްކާތަނެވެ.

http://sun.mv/albums/l_2114.jpg

21:40 މި މުޒާހަރާ ކުރަމުންދާއިރު އެމްޑީޕީގެ ހަރުގޭގައި އެޕާޓީގެ ކުއްލި ޖަލްސާއެއް ހިނގަމުން އެބަދޭ. މިހާރު ވާހަކަ ދައްކަނީ ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބުރާހިމް. އޭނާ ވިދާޅުވީ އެމްޑީޕީން ސުޕްރީމް ކޯޓު ކުރިމަތީގައި މުޒާހަރާ ކުރަން ނިންމީ މުސްތޮފާގެ ގޮނޑި ގެއްލޭނެކަން ޔަގީންވާތީ ކަމަށް.

21:37 ދެވަނަ ފުރުސަތުގައި ދޫކޮށްލި ކަމަށް ބުނާ ދެމީހަކު މުޒާހަރާގެ ތެރެއަށް ވަން ކަމަށް ބުނެ ދެންމެ މުޒާހަރާ ހޫނުވި. ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވަމުން އެބަދޭ. މިހާރު އެ ދެމީހުން ހިނގައްޖެ. މިހާރު މުޒާހަރާގައި ވަރަށް ގިނަ ބަޔަކު ބައިވެރިވެއްޖެ، އަދިވެސް މީހުން ޖަމަވާމުން ދަނީ.

http://sun.mv/albums/l_2112.jpg

21:33 ޑިފެންސް މިނިސްޓަރު ތޮލްހަތާއި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ފުލުސް ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލަމުން އެބަދޭ. މައިގަނޑު ގޮތެއްގައި ޖަމާވެފައި ވަނީ އަންހެނުން. ފުލުހުންގެ އެއްވެސް ހަބަރެއް އަދި ނުވޭ

21:29 އުމަރަށް ފަހު މިހާރު ވާހަކަ ދައްކަނީ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް

21:27 މުޒާހަރާ ކުރާ އާޓިފިޝަލް ބީޗުގައި މިވަގުތު 600 އެއްގާ މީހުން ތިބި ކަމަށްވޭ. މަގުތަކަށް ނުކުތުމުގެ ނިޝާނެއް އަދި ނުފެނޭ. އެކަމަކު އަޑުގަދަކުރާއާއެކު ޕިކަޕެއް ތައްޔާރުކޮށްފައި އެބައޮތް.

21:20 މިވަގުތު ވާހަކަ ދައްކަނީ އުމަރު ނަސީރު، މިއީ ރައްޔިތުންގެ ނަމުގައި ކުރާ މުޒާހަރާއެއް ނަމަވެސް ޕީޕީއެމްގެ ޖަގަހައިގެ ތެރޭގައި މުޒާހަރާއަށް ތައްޔާރުކޮށްފައިވާ ޕިކަޕެއް އަޑުގަދަކުރާއާއެކު އެބައޮތް. މިވަގުތު އުމަރު ވާހަކަ ދައްކާއިރު ފަނޑިޔާރުންނަށް ބިރުދައްކާތީ އެކަމާބެހޭ ގޮތުން ވާހަކައެއް ނުދައްކައެވެ. މުޅިން ވެސް ދައްކަނީ 2013 ވަނަ އަހަރު ވެރިކަމަށް އަންނާނެ ކަމުގެ ވާހަކަ އެވެ. އަދި ދޭތެރެ ދޭތެރެއިން އެންމެން އެކުގައި "މުސްތޮފާގެ ގޮނޑި ގެއްލޭނެ" ކަމަށް ގޮވައިލަމުން ދެ އެވެ.

ފަނޑިޔާރުންނަށް ބިރު ދައްކާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް މިރޭ މާލޭގައި ބާއްވާ މުޒާހަރާ ދާދިދެންމެއަކު އާޓިފިޝަލް ބީޗުގައި ފަށައިފި އެވެ. މި މުޒާހަރާ އިންތިޒާމްކުރުމުގައި އިސްކޮށް އުޅުއްވަނީ ޕީޕީއެމްގެ ވަގުތީ ކައުންސިލް މެމްބަރު އުމަރު ނަސީރެވެ. އޭނާ ވިދާޅުވީ މިރޭ މުޒާހަރާއެއް ބާއްވަނީ ކޯޓުތަކާއި ފަނޑިޔާރުންގެ ވާހަކަ ދައްކާ މީހުންގެ ވާހަކަތައް ދެއްކުމަށް ކަމަށެވެ. މިރޭ މުޒާހަރާއެއް ބާއްވާއިރު ކޯޓުތަކާއި ފަނޑިޔާރުންނާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ގާނޫނީ ވަކީލުންތަކެއް ގުޅިގެން ރޭ ވަނީ މާލޭގައި ފޯރަމެއް ވެސް ބާއްވައިފަ އެވެ.

ލިޔުމާ ގުޅޭ ވީޑިއޯ

http://www.youtube.com/watch?v=YhZMepYVznQ