ދާދި ފަހުން ހުޅުމާލޭގައި ހިނގި ބަސް އެކްސިޑެންޓްގައި މަރުވި މީހާގެ ހަށިގަނޑު މިއަދު ގައުމަށް ގެންދާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އާއިލާގެ ފަރާތުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް މިހާރު ފުރިހަމަކޮށްފައިވާ ކަމަށާއި އާއިލާއާ އެކު މިއަދުގެ ވަގުތެއްގައި ހަށިގަނޑު ރާއްޖެއިން ފުރުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު "ސަން" އަށް އިއްޔެ ވިދާޅުވި ގޮތޔގައި މަރުވި އަންހެން މީހާގެ ހަށިގަނޑު އަނބުރާ ގައުމަށް ގެންދިޔުމަށް އާއިލާގެ މީހުން ނިންމަން ޖެހޭ ރަސްމީ އެކި ކަންކަން ނިންމުމާއި އެ މީހުންގެ ދަތުރު ހަރަދުތައް ކުރަނީ އެމްޓީސީސީއިން އެވެ.

ފަތުރުވެރިޔާ މަރުވީ މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގަ އެވެ. ހުޅުމާލޭގައި ހިނގި އެ އެކްސިޑެންޓްގައި އަންހެން މީހާ މަރުވީ، ޑްރައިވަރަށް ނިދިގެން ބަސް ދުއްވަމުން ދަނިކޮށް އަންހެން މީހާގެ ގައިގައި ޖެހި އޭނާ ބަސް ދަށުވެގެން އެވެ.

މީގެ ތިން ދުވަސް ކުރިންވެސް ވަނީ ބަސް ދުއްވަން އިން ޑްރައިވަރަށް ނިދިޖެހިގެން ވެސް އެކްސިޑެންޓެއް ހިނގާފަ އެވެ.

އެކްސިޑެންޓާ ގުޅިގެން އެމްޓީސީސީއަށް ވަރަށް ބޮޑެތި ފާޑުކިިޔުންތައް ވަނީ އަމާޒުވެފައެވެ. ޝާހު ވިދާޅުވީ އެކްސިޑެންޓްތަކާ ގުޅިގެން އާންމުންގެ އިތުބާރު ހޯދުމަށް ވަރަށް ގިނަ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.

އެެގޮތުން އެމްޓީސީސީގެ އިސްނެގުމުގެ މަތިން ފުލުހުންނާއި އެމްޓީސީސީ އާ ގުޅިގެން އެ ކުންފުނީގެ ބަސް ޑްރައިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ވަނީ ފަށައިފަ އެވެ.