އަވަހާރަކޮށްލާފައިވާ ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީ ހައްޔަރުވެފައި ވަނިކޮށް އަވަހާރަވި ގޮތް ތަހުގީގުކުރުމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ގޮވާލާފައިވާތީ އޭނާ ފަސްދާނުލުން ފަސްކޮށްފިއެވެ.

ގައްޒާފީ އަވަހާރަވީ ގޮތް ތަހުގީގުކުރުމަށް އދ. ގެ އިންސާނީ ހައްގުތަކާބެހޭ އޮފީހުން ގޮވާލީ ލީބިޔާގެ ނެޝަނަލް ޓްރާންސިޝަނަލް ކައުންސިލް (އެންޓީސީ) ގެ ހަނގުރާމަވެރިންގެ އަތްދަށުގައި ގައްޒާފީ ދިރި އޮންނަވަނިކޮށް ފެންނަ ވީޑީއޯތަކެއް މިއަދު އާއްމުވުމާ ގުޅިގެންނެވެ.

ގައްޒާފީގެ ހަށިކޮޅު މިހާރު އޮތީ މިސްރާތާގައި ހުރި މޯޗަރީއެއްގައި ކަމަށާއި އޭނާގެ އިސްތަށިފުޅުގައި ވަޒަން އަރާފައި ހުރި ޒަހަމެއް ފެންނަން ހުރި ކަމަށް ރޮއިޓާސްއާ ހަވާލާދީ އަލްޖަޒީރާ ބުންޏެވެ.

ގައްޒާފީ އަވަހާރަވިގޮތް ތަހުގީގު ކުރުމަށް ލީބިޔާއިން ބޭރުން ތިން ވަނަ ފަރާތެއް އަންނާނެ ކަމަށް އެންޓީސީގެ އިސް އޮފިޝަލަކު އެސޯސިއޭޓެޑް ޕްރެސްއަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ. އޭނާ ބުނެފައިވާ ގޮތުގައި ގައްޒާފީގެ ޖަނާޒާގެ ކަންތައްތައް ގެންދާނީ ސިއްރު ގޮތެއްގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް އިހުތިރާމާ އެކުގައެވެ.

ގައްޒާފީގެ އުފަން ރަށް ސިރުތު އެންޓީސީގެ ބާރުގެ ދަށަށް ނާންނާތީ އިއުލާން ނުކޮށް އޮތް "މިނިވަންކަން " އިއުލާން ކުރުން އަދި ގައްޒާފީ އަވަހާރަވުމާ ގުޅިގެން ނޭޓޯގެ ގައުމުތަކުން ކަނޑާއި ވައިގެ މަގުން ދެމުން ގެންދިޔަ ހަމަލާތައް ހުއްޓާލުމާ މެދު ގޮތެއް ނިންމާނެ ކަމަށް ބެލެބޭ ކަމަށް ވެސް އެންޓީސީގެ އޮފިޝަލުން ދަނީ ބުނަމުންނެވެ.

ގައްޒާފީ ހައްޔަރުކުރެވުމާ ގުޅިގެން އެންޓީސީގެ އެކި ހަނގުރާމަވެރިން އެހާދިސާ ކިޔައިދީފައި ވަނީ އެކި ގޮތަށެވެ. ނަމަވެސް ގައްޒާފީގެ އިސްތަށިފުޅުގެ ވާތް ފަރާތުން ލޭ އޮހޮރޭ ހާލުކޮޅެއްގައި ހަނގުރާމަވެރިންގެ އަތްދަށުގައި އޭނާ ދިރި އޮންނަވަނިކޮށް ފެންނަ އެތައް ވީޑިއޯއެއް މިހާރު ވަނީ އާއްމުވެފައެވެ. އެވީޑިއޯ ތަކުން ހަނގުރާމަވެރިން ހަޅޭއް ލަވާ ވައިގެ ތެރެއަށް ބަޑިޖަހާ ހަދާ މަންޒަރު ފެންނަ އިރު ބައެއް ހަނގުރާމަވެރިން ގައްޒާފީގެ އިސްތަށިފުޅުގައި ހިފައި ތިރިއަށް ދަމާ މަންޒަރު ވެސް ފެނެއެވެ.

ނަމަވެސް ގައްޒާފީ އަވަހާރަވާ މަންޒަރު މިހާރު އާއްމުވެފައިވާ އެއްވެސް ވީޑިއޯއަކުން ނުފެނެއެވެ.

ގައްޒާފީ އަވަހާރަވިގޮތް ތަހުގީގުކުރުމަށް ގޮވާލައްވަމުން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުގެ ތަރުޖަމާން ރުޕާޓް ކޮލްވިލް ވިދާޅުވެފައި ވަނީ ބޮޑެތި ކުށްތައް ކޮށްފައިވާކަމުގެ ތުހުމަތު ކުރެވިފައިވާ މީހުންގެ ޝަރީއަތް ކުރަން ޖެހޭނެ ކަމަށާއި ޝަރީއަތަކާ ނުލައި އެފަދަ މީހުންނަށް މަރުގެ އަދަބު ދިނުމަކީ ބޮޑު ކުށެއް ކަމަށެވެ.
ހަނގުރާމަވެރިންނަށް ގައްޒާފީ ދިރިހުންނަވަނިކޮށް ހައްޔަރުކުރެވުމުން ވެސް އޭނާ އަވަހާރަކޮށްލީ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ގައްޒާފީ ހައްޔަކުރެވުނު ގޮތް އެކި ހަނގުރާމަވެރިން އެކި ގޮތް ގޮތަށް ކިޔައިދެމުން ދާއިރު އޭގެ ތެރެއިން އެކަކު ބުނެފައި ވަނީ ގައްޒާފީ ހައްޔަރުކުރެވުނީ ސިރުތުގައި ވަރުގަދައަށް ހަނގުރާމަ ހިނގަމުން ދަނިކޮށް އެރަށުން ނުކުމެވަޑައިގަންނަވަން އުޅުއްވުމުގެ ތެރޭގައި ކަމަށެވެ.

އޭނާ ބުނެފައިވާ ގޮތުގައި ގައްޒާފީއާއި އޭނާގެ ހަށިފާރަވެރިން ދަތުރުކުރަމުން ދިޔަ އުޅަނދަށް ފަރަންސޭސި ސިފައިންގެ ހަމަލާއެއް އެރި ކަމަށާއި އެއަށް ފަހު ސަލާމަތްވި ބޮޑީގާޑުންނާ އެކު ގައްޒާފީ ވެދެވަޑައިގެންނެވީ ކާނެއްގެ ތެރެއަށް ކަމަށާއި އޭނާ ހައްޔަރުކުރީ އެތަނުގައި ހުންނަވަނިކޮށް ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

ލޭއޮހޮރުވުމެއް ނެތް އިންގިލާބަކުން ލީބިޔާގެ ވެރިކަމަށް މީގެ 42 އަހަރު ކުރިން ވަޑައިގަތް ކާނަލް މުއައްމަރުލް ގައްޒާފީއާ ދެކޮޅަށް ފެށި މުޒާހަރާތައް ހަނގުރާމައަކަށް ވެ، އެންމެ ފަހުން އޭނާ އަވަހާރަ ކޮށްލާފައި ވާއިރު ގައްޒާފީގެ ވެރިކަމުގައި ލީބިޔާއަށް ބޮޑެތި ކުރިއެރުން ތަކެއް ވަނީ ލިބިފައެވެ. -- އަލްޖަޒީރާ