ޓައިމް މެގަޒިންއިން އިންޑިއާގެ ބޯޑުވަޒީރު ނަރެންދުރަ މޯދީ އަކީ އެގައުމުގެ މީހުން ބައިބައިކުުރުމުގެ ރަސްގެފާނުގެ ގޮތުގައި ސިފަކޮށްފަ އެވެ.

އިންޑިއާގެ އާންމު އިންތިހާބް ހިނގަމުން ދަނިކޮށް ޓައިމްސް މެގަޒިންއިން އިއްޔެ ނެރުނު މެގަޒިންގެ ބޭރު ގަނޑުގައި މޯދީ އަކީ އެ ގައުމުގެ މީހުން ބައިބައިކުރުމުގެ ރަސްގެފާނުގެ ގޮތުގައި ލިޔަފައި އޮތް އިރު ހަމަ އެ ކަވަރުގައި އެހެން ލިޔުންތެރިއަކު ވަނީ މޯދީއަކީ އިސްލާހީ މަސައްކަތް ކުރައްވާ ލީޑަރެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

ޓައިމް މެގަޒިންގައި މޯދީއަށް ވަރަށް ބޮޑަށް ފާޑުކިޔައި އާޓިކަލް ލިޔެފައި ވަނީ އިންޑިއާ ދަރިކޮޅުގެ އިނގިރޭސި ލިޔުންތެރިޔާ އާތިޝް ތަސީރު އެވެ. އޭނާއަކީ އަވަހާރަކޮށްލައިފައިވާ ޕާކިސްތާނުގެ ޕަންޖާބުގެ ކުރީގެ ގަވަރުނަރު އަދި އިންޑިއާގެ ނޫސްވެރިޔާ ތަވްލީން ސިންގްގެ ދަރިކަލެކެވެ.

އާތިޝް ވިދާޅުވީ މޯދީ ވެރިކަމަށް ވަޑައިގަތް އިރު އޭނާއަކީ އިންޑިއާގެ މީހުންގެ އުއްމީދުތަކާ ގުޅިފައިވާ ލީޑަރެއްކަމަށެެވެ. އަދި ވެރިކަމަށް ވަޑައިގަތް އިރު އެގައުމަށް އެތައް ލައްކަ ވަޒީފާތަކެއް ގެނެސްދެއްވާނެ ކަމަށް ވައުދުވެވަޑައިގަތް ނަމަވެސް އެކަން ހާސިލްވެފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މޯދީ އަކީ މިހާރު ހަމައެކަނި ފެއިލްވެފައި ހުރި ސިޔާސީ ވެރިއެއް. އިލެކްޝަން ކާމިޔާބުކުރަން އެކަނި އޭނާ އުޅެނީ.: އާތިޝް ވިދާޅުވި އެވެ.

"އިގްތިސާސީ ގޮތުން އެކަންޏެއް ނޫން މޯދީ ފެއިލްވީ. އޭނާ ވެރިކަމަށް އައިފަހުން އިންޑިއާގައި ދީނި ގޮތުން މީހުން ހައްދު ފަހަނައަޅައިދިއުން ވިހައެއް ހެން ފެތުރިގެން ދިއައީ،" އާތިޝް ވިދާޅުވި އެވެ.

އޭގެ އިތުރުން އިންޑިއާގެ މީހުން އެއް ބަޔަކު އަނެއްބަޔަކާ ޖެހި އެކަމަށް ގޮސް ހުސްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

މޯދީއަކީ ގުޖުރާތުގައި 2002 ވަނަ އަހަރު މުސްލިމުންނާ ދެކޮޅަށް ހިންގި ވަރުގަދަ ލޭ އޮހޮރުންތަކުގައި ވަރަށް އިސްދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށް ވެސް ވަރަށް ގިނަ ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

އަންޑާކަވާ ހެދިގެން ހޯދި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ ރަނާ އައްޔޫބް ލިޔުއްވި"ގުޖުރާތު ފައިލްސް"ގައި ވެސް މޯދީ ވަނީ ވަރަށް ބޯޑަށް ބޭޒާރުކޮށްލައިފަ އެވެ.

މޯދީ އިންޑިއާގެ ބޮޑުވަޒީރު ކަމަށް ވަޑައިގަތް ފަހުން ހައްދު ފަހަނައަޅާފައިވާ ހިންދޫންގެ ގްރޫޕްތަކުން މުސްލިމުންނަށް ދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.