12 May 2019, 20:55
ދިވެހި ސިފައިންނަށް ހާއްސަކޮށްގެން ސިއްހީ ފަރުވާ ދިނުމަށް ހަދާފައިވާ 'ސެނެހިޔާ' މިލްޓްރީ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރާނެ ގޮތްތަކާއި ގުޅޭ ގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، އިންޑިއާ ސިފައިންނާ އެކު މަޝްވަރާ ކޮށްފި އެވެ.
ޑިފެންސް މިނިސްޓްރީ މިއަދު ކުރި ޓްވީޓެއްގައި ބުނީ، މިއަދު ހެނދުނު ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި އިންޑިއާގެ ސިފައިންގެ މެޑިކަލް ސާވިސްގެ ޑިރެކްޓާ ޖެނެރަލް މޭޖާ ޖެނެރަލް ޕްރަޝާންތު ބްރަދްވާޖްއާ އެކު މިނިސްޓަރު މާރިޔާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި އެ ބައްދަލުވުމުގައި ސެނެހިޔާގައި ސިއްހީ ހިދުމަތްތައް އިތުރަށް ފުޅާކުރެވޭނެ ގޮތްތަކާއި މެދު ދެ ގައުމުން މަޝްވަރާ ކޮށްފައިވާ ކަމަށް ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ބުންޏެވެ.
ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން މިދިޔަ މަހުގެ 23 ވަނަ ދުވަހު ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވީ، ރަނގަޅު ފެންވަރުގެ ހޮސްޕިޓަލަކަށް، ސެނެހިޔާ ބަދަލުކުރުމުގެ ހުރިހާ ކަމެއް މިހާރު ހަމަޖެހިފައިވާ ކަމަށާއި ކުރިއަށް އޮތް ދެމަހެއްހާ ދުވަސް ތެރޭ އެތަން ހޮސްޕީޓަލު ފެންވަރަށް ތަރައްގީކޮށް މުޅިން އާ ހިދުމަތްތަކެއް ދެވޭނެ ކަމަށެވެ.
ސިފައިންނަށް ހާއްސަވި ނަމަވެސް ސެނެހިޔާ އަކީ، އާންމުނަށް ވެސް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ.