ޝަރުއީ ދާއިރާއާ ދެކޮޅަށް އެމްޑީޕީން އިއްޔެ ކުރި މުޒާހަރާގައި އަނިޔާވެ، ސީރިއަސް ޒަޚަމްތަކެއް ލިބުނު ކުއްޖާގެ ސިކުނޑީގެ އެއްފަޅި ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗުން ބުނީ އިއްޔެ ބޯ ފަޅައިގެން ގޮސްގެން އެ ހޮސްޕިޓަލަށް ގެންދިޔަ ކުޑަކުއްޖާގެ ބޮލު ތެރެއަށް ލޭ ފޭދިފައި ހުރި ނަމަވެސް މިހާރު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާގެ ބޯ ފަޅައިގެން ގޮސްފައިވަނީ ކިހާވަރަކަށް ކަމެއް ސާފެއް ނުވި އެވެ. ހޮސްޕިޓަލުން ބުނީ އެކުއްޖާ އަދިވެސް އޮތީ އައިސީޔޫގައި ކަމަށާއި އޭނާގެ އެއްފަޅި ވާގިނެތިފައި ކަމަށް ބައެއް މީޑިއާތަކުގައި ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.

އެމްޑީޕީން އިއްޔެ ކުރި މުޒާހަރާގެ މިސްރާބު ބަދަލުވެ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދިރިއުޅުއްވާ ގެކޮޅު، އެންދެރިމާގޭ ކައިރީގައި ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި ލަކުޑިބުރިއަކުން ޖެހި ބޯ ފަޅައިގެން ދިޔަ ކުއްޖާއަކީ އަމިއްލަ ވެބްސައިޓެއް ކަމަށްވާ އެމްވީޔޫތުގައި މަސައްކަތް ކުރާ ކުއްޖެއް ކަމަށާއި އޭނާގެ ނަމަކީ ހުސެއިން ހަސަން ކަމަށާއި އުމުރުން 18 އަހަރު ނުވާ އެ ކުއްޖާ އެ ވެބްސައިޓްގައި މަސައްކަތް ކުރަނީ އާއިލާގެ ހުއްދައާ އެކު ކަމަށް އެ ވެބްސައިޓްގައި ލިޔެފައި ވެއެވެ.