12 May 2019, 20:24
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދިނުމަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާ މާދަމާ ފެށުމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
ސިވިލް ކޯޓުން ކުރި އެ ހުކުމް ހައިކޯޓުން ބާތިލް ކުރުމުން ދީބާޖާއިން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ދާދިފަހުން އެ ކޯޓުން ވަނީ ހައިކޯޓުގެ ހުކުމް ބާތިލްކޮށް ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓާފައެވެ.
އެ ހުކުމް ތަންފީޒު ކުރުން ފެށުން އޮތީ މާދަމާ ހެނދުނު 10:45 ގައި ސިވިލް ކޯޓުގައެވެ.
ދީބާޖާ މައްސަލާގައި ކޮށްފައިވާ ހުކުމް މުރާޖައާ ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ މައްސަލަ ހުށަހެޅުއްވި ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ނ. ރ. ބ. އަދި ޅ އަތޮޅަށް ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ ކުންފުނިން އިސްތިއުނާފު ކުރި އެ މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އެ މައްސަލަ ހައިކޯޓުން ބަލައިގެންފައި ވަނީ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވިފަހުން ކަމަށެވެ. ހައިކޯޓުގެ ގަވާއިދުގައި ބުނެފައިވާގޮތުން މުއްދަތު ހަމަވާ ފަހުން އިސްތިއުނާފަށް ހުށަހަޅާ މައްސަލަތައް ބަލައިގަންނަންވާނީ އަމިއްލަ ބާރު ނުފޯރާ ފަދަ މަގުބޫލު ސަބަބެއް މެދުވެރިވާ ހާލަތުގައި އެކަންޏެވެ.
ނަމަވެސް އެޓާނީ ޖެނެރަލްގެ އޮފީހުން އިސްތިއުނާފަށް ހުށަހެޅި ސަބަބުތަކަކީ ހައިކޯޓުގެ ގަވާއިދުގައި ބުނެފައިވާ ފަދަ އަމިއްލަ ބާރު ނުފޯރާ ފަދަ މަގުބޫލު ސަބަބުތަކެއް ކަމަށް ބަލަންޖެހޭ ޝަރުއީ އަދި އަސާސެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ހައިކޯޓުގެ ހުކުމް ބާތިލްކޮށް ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓާފައި ވަނީ އެ މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.