އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އެނގެނީ ނަފްރަތު އުފައްދަން ކަމަށް އެގައުމުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކޮންގްރެސްގެ ލީޑަރު ރާހުލް ގާނދީ ވިދާޅުވެއްޖެއެވެ.

ރާހުލް ވިދާޅުވީ މޯދީއަށް ހަމައެކަނި މީހުންގެ މެދުގައި ނަފްރަތު އުފައްދަން އެނގުނު ނަމަަވެސް ކޮންގްރެސްއިން އިސްކަންދެނީ ލޯބި ފަތުރަން ކަމަށެވެ.

އިންޑިއާގައި މިހާރު ކުރިއަށްދާ އިންތިހާބުގައި ވޯޓު ލުމަށްފަހު ރާހުލް ވިދާޅުވީ މި ފަހަރުގެ އިންތިހާބުގައި ނަފްރަތަށް ޖާގައެއް ނެތް ކަމަށާއި ކާމިޔާބު ލިބޭނީ ލޯތްބަށް ކަމަށެވެ.

މޯދީ އިންތިހާބާ ދިމާކޮށް މީހުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރާކަމަށް އިންޑިއާގެ ވަރަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެގޮތުން ދާދި ފަހުން މޯދީ ވަނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާނދީއަށް އިޝާރާތްކުރައްވައި އޭނާއަކީ އިންޑިއާގެ އެންމެ ބޮޑު ކޮރަޕްޓް ލީޑަރުކަމަށް ސިފަކުރައްވައިފައެވެ.

ރަޖީވް ގާންދީއަކީ ރާހުލް ގާނދީގެ ބައްޕައެވެ. މޯދީގެ ތުހުމަތުތަކަށް ރައްދު ދެއްވައި ރާހުލް ވިދާޅުވީ މޯދީއަށް ނާކާމިޔާބު ވަމުންދާ ކަމަށާއި އޭނާގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަމާއި ނުތަނަވަސްކަން ރާހުލްގެ ބައްޕަގެ މައްޗަށް އަނބުރާލައިގެން ކާމިޔާބެއް ނުލިބޭނެ ކަމަށެެވެ.

ބައެއް މީހުންގެ ހުންނަ ނުކުޅެދުންތެރިކަމެއް ކަމަށްވާ "ޑިސްލެކްސިއާ" ހުންނަ ފަރާތްތަކަށް އަމާޒުކޮށް މޯދީ މަލާމާތްކުރި މައްސަލަވެސް ދާދިފަހުން ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ.

މޯދީއަކީ ގުޖުރާތުގައި 2002 ވަނަ އަހަރު މުސްލިމުންނާ ދެކޮޅަށް ހިންގި ވަރުގަދަ ލޭ އޮހޮރުންތަކުގައި ވަރަށް އިސްދައުރެއް އަދާކުރެއްވި ބޭފުޅެއްކަމަށްވެސް ވަރަށް ގިނަ ފަރާތްތަކުން ތުހުމަތު ކުރެއެވެ. މޯދީ އިންޑިއާގެ ބޮޑުވަޒީރު ކަމަށް ވަޑައިގަތް ފަހުން ހައްދު ފަހަނައަޅާފައިވާ ހިންދޫންގެ ގްރޫޕްތަކުން މުސްލިމުންނަށް ދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މަޝްހޫރު ޓައިމް މެގަޒިންގައި އިއްޔެ ޝާއިއުކުރި ރިޕޯޓެއްގައިވެސް މޯދީ ސިފަކޮށްފައިވަނީ އިންޑިއާގެ މީހުން ބައިބައިކުރުމުގެ "ރަސްގެފާނު" ގެ ގޮތުގައެވެ.