ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ކަމަށް ބުނެ، ވެރިކަން ކުރާ އެމްޑީޕީން އިއްޔެ ކުރި މުޒާހަރާގައި ދެވަނަ ފުރުސަތު ދަށުން މިނިވަންކޮށްފައިވާ ގައިދީން ހަރަކާތްތެރިވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަހުމަދު މަހުލޫފު ތުހުމަތު ކުރައްވައިފި އެވެ.

މުޒާހަރާއާ ބެހޭ ގޮތުން މަހުލޫފު މިހެން ވިދާޅުވި އިރު މަހުލޫފު ހުންނެވީ ޕީޕީއެމްގެ ދަތުރެއްގައި އޭނާ ހުންނެވީ އުތުރުގެ ރަށެއްގަ އެވެ.

މަހުލޫފް ވިދާޅުވީ ދެ ވަނަ ފުރުސަތުގެ ދަށުން ސަރުކާރުން ކުށްވެރިން ދޫކުރަނީ އެމްޑީޕީގެ މުޒާހަރާތަކުގައި ބައިވެރިކޮށް މީސްމީހުންނާއި މީސްމީހުންގެ ގެދޮރަށް ގެއްލުންދިނުމަށް ޝަރުތުކޮށްފައި ކަމަށެވެ.
~
"ދެވަނަ ފުރުސަތޭ ތިންވަނަ ފުރުސަތޭ ކިޔައިގެން މިހާރު [ގައިދީން] ނެރޭ ސަބަބު އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެބަ އެނގޭ. އެމީހުންނަށް ޝަރުތުކުރަނީ އެމްޑީޕީގެ މުޒާހަރާތަކުގައި ބައިވެރިވުމަށް. އެހެން ޝަރުތުކޮށްފަ ނެރެގެން ގެންގޮސް މީސްމީހުންގެ ގެދޮރަށް ގެއްލުންދީ ފަނޑިޔާރުގެތަކަށް ގެއްލުންދީ ފަނޑިޔާރުންނަށް ބިރުދައްކާ މި ހުރިހާކަމެއް މިކުރަނީ" މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ތުހުމަތު ކުރެއްވި ގޮތުގައި ދެވަނަ ފުރުސަތުގައި ދޫކޮށްފައިވާ ގައިދީން ލައްވައި މީސްމީހުންނަގެ ގެދޮރަށް ގެއްލުންދޭއިރު މާރާމާރީ ހިންގުމަށް އެމްޑީޕީން އެފެރާތްތަކަށް ފައިސާ ދެއެވެ. އޭނާ ވިދާޅުވީ އެކަން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ތެރއިން ކުރެވެން ހުރި މަސައްކަތްތަކާއި މެދު މަޝްވަރާކުރުމަށް މާދަމާރޭ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ވެސް ބާއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓީމްތައް މިވަގަތު ހަރަކާތްތެރިވަނީ އަތޮޅުތަކުގައި. އަޅުގަނޑުމެންގެ ދަތުރުތައް ނިންމާލާފައި މާދަމާރޭ، ޕާލަމެންޓްރީ ގުރޫޕްގެ މީޓިއެއް ބާއްވައި މަޖިލީހުގެ ތެރެއިން މިކަން ހައްލުކުރުމަށް ކުރެވެން ހުރި ހުރިހާކަމެއްކުރާން،" އޭނާ ވިދާޅުވިއެވެ.

ޑީޕީއާރްއެސް ހިންގުމާއި ހަވާލުވެހުންނެވި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނައީމް (މޮނާޒާ ނައީމް) މިއަދު ވިދާޅުވީ ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްފައިވާ ގައިދީން މުޒާހަރާތަކުގައި ބެވެރިވެފައި ނުވާނެކަމަށެވެ.

"އަޅުގަނޑަށް އެނގޭ އެއްޗަކީ ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްފައިތިބި ކުދިން އެއްވެސް މުޒާހަރާއެއްގަ ވެސް ނޫޅޭނެ އެއްވެސް ހަޅުތާލެއްގައި ވެސް ނޫޅޭނެ. އެއީ އެމީހުންގެ ޝަރުތުތަކާއި ގުޅިފައިވާ ކަމެއް ނޫން. އެކަހަލަކަމެއް އެކުދިން ނުކުރާނެ،" ނައީމް ވިދާޅުވިއެވެ.