ކޯސްޓްލައިން ކުންފުނިން 304.1 މިލިއަން ރުފިޔާ ހޯދުމަށް ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ސިވިލް ކޯޓްގައި ދައުވާކުރައްވައިފި އެވެ.

ގައްދޫ ރަޝީދު ދައުވާކުރެއްވީ ކޯސްޓްލައިންއިން ރިސޯޓް ތަރައްގީ ކުރުމަށް ބ. އަތޮޅުން ނަގާފައިވާ ފިނޮޅަހާއި މުއްދޫ އަދި ކަނިފުށި ތަރައްގީ ކުުރުމުގެ މަސައްކަތްތަކެއް ކުރުމަށް އޭނާއާ ހަވާލު ކުރުމަށް ފަހު، އެ މަސައްކަތްތައް އޭނާގެ އަތުން އަތުލައި އެހެން ފަރާތަކަށް ހަވާލުކުރުމުން ލިބުނު ގެއްލުމާއި އެ ހިސާބަށް އޭނާ ކޮށްފައިވާ މަސައްކަތްތަކަށް ލިބެން ޖެހޭ ފައިސާ ހޯދުމަށެވެ.

އެގޮތުން ރަޝީދު ހުށަހެޅުއްވި މައްސަލާގައި އޭނާ އެދިފައި ވަނީ ކޯސްޓްލައިންއާ އެކު ހެދި އެއްބަސްވުމުގެ ދަށުން އެ ތިން ރަށުގައި ރިސޯޓް ތަރައްގީ ކުރުމަށް ރަޝީދުގެ ފަރާތުން ކޮށްފައިވާ މަސައްކަތްތަކަށް 48.77 މިލިއަން ރުފިޔާ އާއި އެހެން ފަރާތަކާ މަސައްކަތް ހަވާލުކުރުމުން ލިބުނު ގެއްލުމުގެ ބަދަލަށް 8.06 މިލިއަން ރުފިޔާ އަދި އިންވޮއިސްތަކަށް ފައިސާ ނުދެއްކުމުން ލިބުނު ގެއްލުމަށް 304.09 މިލިއަން ރުފިޔާ އެ ކުންފުނީގެ އަތުން ނަގައިދިނުމަށެވެ.

ދައުވާގައިވާ ގޮތުގައި ކޯސްޓްލައިންގެ ފަރާތުން ގައްދޫ ރަޝީދާ ހަވާލުކޮށްގެން ބ. މުއްދޫގައި މަސައްކަތްތަކެއް ކުރަމުން ދަނިކޮށް އެ ރަށް ކުއްލިއަކަށް ދުސިތާނީ މޯލްޑިވްސް އަށް ކޯސްޓްލައިން އިން ވިއްކާލި އެވެ. އެ ރަށުގައި ކުރި އެ މަސައްކަތްތައް ނިންމައި، ކޯސްޓްލައިންއަށް ތަފްސީލްތައް ފޮނުވި ނަމަވެސް އަދި ދުސިތާނީ މޯލްޑިވްސް އިން ކޯސްޓްލައިންއަށް ފައިސާ ދިން ނަމަވެސް، ރަޝީދަށް އެއްވެސް ފައިސާއެއް ކޯސްޓްލައިނުން ދީފައި ނުވާ ކަމަށް ވެސް ދައުވާގައިވެ އެވެ.

މީގެ އިތުރުން ވެސް ދައުވާގައި ބުނީ، ރަޝީދާ އެކު ކޯސްޓްލައިނުން ހަދާފައިވާ އެއްބަސްވުން ބާތިލުނުކޮށް ބާއްވައިގެން، އެއްބަސްވުމުގެ ދަށުން ރަޝީދުއާ ހަވާލުކުރި ބައެއް މަސައްކަތްތައް ވާދަވެރި އެހެން ކުންފުނިތަކާ ހަވާލުކޮށްގެން ކުރުވުމަކީ އެއްބަސްވުމާ ކޯޓްލައިނުން ހިލާފުވުން ކަމަށެވެ. އަދި އިންވޮއިސްތަކަށް ފައިސާ ނުދީ ގިނަ ދުވަސްވުމުގެ ސަބަބުން ރަޝީދަށް ބޮޑެތި މާލީ ގެއްލުން ވެފައިވާ ކަމަށް ވެސް ދައުވާގައިބުނެ އެވެ.

ރަޝީދު ދައުވާ ކުރައްވާ މައްސަލާގައި ހިމެނޭ ގިނަ ރަށްތަކުގައި ރިސޯޓު ހަދައި އަންނަނީ ހިންގަމުންނެވެ. ރަޝީދު ދައުވާ ކުރައްވާއިރު، މިފަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޭނާއަށް ގައްދޫ ދާއިރާގެ ގޮނޑި ދިފާއު ކުރެވިފައެއް ނުވެއެވެ.