މިއަހަރުގެ ހައްޖު މޫސުމުގައި މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ހަ ކުންފުންޏަކަށް ދީފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރު ހައްޖަށް ގެންދިއުމުގެ ހުއްދަ ދީފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އިތުރުން، ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑާއި ޒައީ ގްރޫޕްގެ އިތުރުން މިނާ ހައްޖު އެންޑް އުމްރާ ގްރޫޕާއި އެކްރޯ ޕްރައިވެޓް ލިމިޓެޑް އަދި އަލް އަލް އަރަމައިން ހައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.

ހައްޖު ގްރޫޕްތަކުގެ ތެރެއިން މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް އެންމެ ގިނަ ކޯޓާ ދޫކޮށްފައިވަނީ ހައްޖު ކޯޕަޜޭޝަނަށެވެ. އެ ކުންފުންޏަށް 550 ކޯޓާ ދޫކޮށްފައިވާއިރު ހައްޖަށް ގެންދިއުމަށް ނަގަނީ 69965 ރުފިޔާ އެވެ.

ހައްޖު ކޯޕަރޭޝަން ފިޔަވައި ދެން ހުރި ހުރިހާ ކުންފުނިތަކަށްވެސް ހައްޖު ކޯޓާގެ ގޮތުގައި ކޮންމެ ކުންފުންޏަކަށް ދޫކޮށްފައިވަނީ 90 ކޯޓާ އެވެ.

މިއަހަރު މީހުން ހައްޖަށް ގެންދިއުމަށް އެންމެ މަދުން ފައިސާ ނަގަނީ އެކްރޯ ޕްރައިވެޓް ލިމިޓެޑްއިންއެވެ. އެ ކުންފުނިން ކޮންމެ ހައްޖާޖީއެއްގެ އަތުން 59965 ރުފިޔާ ނަގަން ވަނީ ނިންމައިފަ އެވެ.