12 May 2019, 14:42
ކަރަކާސް (މޭ 12): ވެނެޒުއެލާގެ މައްސަލަ ހައްލުކުރުމަށް ޗައިނާގެ އެހީތެރި ކަމަށް އެގައުމުގައި ބަޣާވާތެއް އިއުލާން ކުރައްވައިގެން އުޅުއްވާ އދިކޮޅު ލީޑަރު ޚުވާން ގުއައިޑޯ އެދިވަޑައިގެންފި އެވެ.
ކަރަކާސް ގައި ދެއްވި ބަޔާނެއްގައި ގުއައޑޯ ވިދާޅުވީ ވެނެޒުއެލާގެ މައްސަލަ ވާހަކަ ދައްކައިގެން ހައްލުކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި މިކަމުގައި ޗައިނާގެ އެހީތެރިކަމަށް އެދުމުން ޗައިނާގެ ފަރާތުން އީޖާބީ ޖަވާބެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ. ޗައިނާއަކީ ގުއައިޑޯ ގެ ބަޣާވާތާ އިދިކޮޅު ގައުމެކެވެ. ޗައިނާވަނީ ވެނެޒުއެލާގެ ޝަރުއީ ރައީސް ނިކޮލަސް މަދޫރޯ އަށް ތާއީދުކުރުން މަތީ ދެމިއޮންނާނެކަން ހާމަކޮށްފަ އެވެ.
ގުއައިޑޯގެ ބަސްމަގަށް ބަދަލު އައިސްފައި މިވަނީ އޭނާ އިސްކޮށް ހުންނަވައިގެން މަދޫރޯގެ ސަރުކާރު ވައްޓާލައި މަދޫރޯ ހައްޔަރު ކުރުމަށް ސިފައިންގެ މަދުބަޔަކާ ގުޅިގެން މިދިޔަ ހަފުތާގައި އޭނާ ގެންނަން މަސައްކަތްކުރެއްވި އަސްކަރީ އިންގިލާބު ނާކާމިޔާބު ވުމާގުޅިގެން އެވެ. ވެނެޒުއެލާގެ ސަލާމަތީ ބާރުތަކުން ގެންދަނީ އިންގިލާބު ނާކާމިޔާބު ކޮށްލެވުމާއެކު އެކަމުގައި ޝާމިލްވާ ފަރާތްތައް ހައްޔަރުކުމުގެ އޮޕަރޭޝަނެއް ހިންގަމުން އެވެ.
ރައީސް މަދޫރޯ ވަނީ އަސްކަރީ އިންގިލާބުގެ ފަހަތުގައިވަނީ އެމެރިކާ ކަމަށް ތުހުމަތު ކުރައްވައި އެކަމުގައި ޝާމިލްވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ޙާޒިރު ކުރާނެކަމަށް ވިދާޅުވެފަ އެވެ.
ވެނެޒުއެލާގެ ޕާލަމެންޓްގެ އަޣްލަބިއްޔަތު އޮންނަނީ އިދިކޮޅު ފަރާތްތަކަށެވެ. އެގައުމުގެ ޕާލަމެންޓްގެ ރައީސް އަދި އިދިކޮޅު ލީޑަރު ޚުވާން ގުއައިޑޯވަނީ އޭނާ އަކީ ވެނެޒުއެލާގެ ވަގުތީ ރައީސްކަމަށް އަމިއްލައަށް ނިންމަވައި މިދިޔަ ޖެނުއަރީމަހު ރައީސް ނިކޮލަސް މަދޫރޯގެ ސަރުކާރާ ދެކޮޅަށް ބަޣާވާތެއް އިއްލާން ކުރައްވާފަ އެވެ. ގުއައިޑޯ ގެ ބަޣާވާތުގެ ހަރަކާތްތަކަށް އެމެރިކާއާއި އެމެރިކާ ތާއީދުކުރާ 50 ގައުމުން ތާއީދު ކުރިނަމަވެސް ވެނެޒުއެލާގެ ސިފައިންނާއި ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް އެކަން ގަބޫލުނުކުރެ އެވެ.
ގުއައިޑޯ އެންމެފަހުން މަސައްކަތް ކުރެއްވީ އަސްކަރީ އިންގިލާބެއް ގެނަސްގެން މަދޫރޯގެ ސަރުކާރު ވައްޓާލުމަށެވެ. އެކަން ނާކާމިޔާބުކޮށްލީ މަދޫރޯ އަށް ވަފާތެރި ސިފައިންނެވެ. އަސްކަރީ އިންގިލާބު ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ގުއައިޑޯގެ އެހީތެރިންގެ ތެރޭގައި ހިމެނޭ ވެނެޒުއެލާގެ ޕާލަމެންޓްގެ ތިން މެންބަރަކު ވަނީ ކަރަކާސްގައި ހުންނަ ބޭރު ގައުމުތަކުގެ އެމްބަސީތަކުން ހިމާޔަތް ހޯއްދަވާފަ އެވެ. މީގެތެރެއިން ދެ މެންބަރުން ހިމާޔަތް ހޯއްދެވީ އިޓަލީ އެމްބަސީންނެވެ. އަނެއް މެންބަރު ޙިމާޔަތް ހޯއްދެވީ އާޖެންޓީނާ އެމްބަސީއިންނެވެ.
ވެނެޒުއެލާގެ ސަރުކާރުންވަނީ އެތިން މެންބަރުންނަށް ލިބިފައިވާ އިމްތިޔާޒްތައް ނިގުޅައިގެންފަ އެވެ. އެބޭފުޅުން ބޭރުގެ އެންބަސީތަކަށްވަދެ ފިއްލެވީ އިމްތިޔާޒްތައް ނިގުޅައިގަތުމާއެކު ހައްޔަރުކޮށްފާނެ ކަމުގެ ބިރަށްކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. (ނޫސްއެޖެންސީތައް)