12 May 2019, 13:35
އެމްޓީސީސީން ދުއްވި ބަހެއްގެ ދަށުވެ މަރުވި ޔޫކްރޭނުގެ ފަތުރުވެރިއާގެ އާއިލާއަށް އެހީތެރިވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު "ސަން" އަށް މިއަދު ވިދާޅުވީ މަރުވި އަންހެން މީހާގެ ހަށިގަނޑު އަނބުރާ ގައުމަށް ގެންދިޔުމަށް އާއިލާގެ މީހުން ނިންމަން ޖެހޭ ރަސްމީ އެކި ކަންކަން ނިންމުމާއި އެ މީހުންގެ ދަތުރު ހަރަދުތައް މިހާރުވެސް ދެމުން އަންނަނީ ކުންފުނިން ކަމަށެވެ.
" ޔުކްރޭންގެ އެމްބަސީ މި ހުންނަނީ ނިއު ދިއްލީގައި. އާއިލާއިން އެކި ފޯމާލިޓީސްގެ ކަންތައް ނިންމަން ދާން ޖެހެނީ ދިއްލީއަށް. ދެން އޭނާގެ މަންމަ އެބަހުރި މިކޮޅުގައި. އޭނާއާ ކޯޑިނޭޓްކޮށްގެން އެމީހުންގެ އެކްސްޕެސްތައް ބިއާ ކުރުމުގެ މަސައްކަތް އެބަދޭ،" ޝާހް ވިދާޅުވި އެވެ.
ފަތުރުވެރިޔާ މަރުވީ މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގަ އެވެ. ހުޅުމާލޭގައި ހިނގި އެ އެކްސިޑެންޓްގައި އަންހެން މީހާ މަރުވީ، ޑްރައިވަރަށް ނިދިގެން ބަސް ދުއްވަމުން ދަނިކޮށް އަންހެން މީހާގެ ގައިގައި ޖެހީ އޭނާ ބަސް ދަށުވެގެން އެވެ.
މީގެ ތިން ދުވަސް ކުރިންވެސް ވަނީ ބަސް ދުއްވަން އިން ޑްރައިވަރަށް ނިދިޖެހިގެން ވެސް އެކްސިޑެންޓެއް ހިނގާފަ އެވެ.
އެކްސިޑެންޓާ ގުޅިގެން އެމްޓީސީސީއަށް ވަރަށް ބޮޑެތި ފާޑުކިިޔުންތައް ވަނީ އަމާޒުވެފައެވެ. ޝާހު ވިދާޅުވީ އެކްސިޑެންޓްތަކާ ގުޅިގެން އާންމުންގެ އިތުބާރު ހޯދުމަށް ވަރަށް ގިނަ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.
އެެގޮތުން އެމްޓީސީސީގެ އިސްނެގުމުގެ މަތިން ފުލުހުންނާއި އެމްޓީސީސީ އާ ގުޅިގެން އެ ކުންފުނީގެ ބަސް ޑްރައިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ވަނީ ފަށައިފައެވެ.