12 May 2019, 14:03
ދިއްލީ (މެއި 12): އިންޑިއާގައި މިދިޔަ މަހުގެ 11އިގައި ފެށި އާއްމު އިންތިހާބުގެ ހަ ވަނަ ފިޔަވަހީގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފި އެވެ.
މިއަދު ވޯޓުލާ ސްޓޭޓުތަކުގެ ތެރޭގައި ބިހާރު، ހަރިޔާނާ، މަދްޔަޕްރަދޭޝް، އުއްތަރަޕްރަދޭޝް، ވެސްޓް ބެންގާލް، ޖަރްކަންދު އަދި ދިއްލީ ހިމެނެ އެވެ. އަދި މިއަދު އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ވަނީ ވޯޓު ލައްވައިފައެވެ.
އެއާ އެކު އިންޑިއާގެ މަޖިލީހުގެ ތިރީގެއަށް މިއިންތިހާބުން ހޮވާ 543 ގޮނޑީގެ ތެރެއިން 483 ގޮނޑީގެ ވޯޓުލުން ނިމޭނެ އެވެ. އަދި ބާކީ 60 ގޮނޑީގެ ވޯޓުލުން އޮންނާނީ އަންނަ ހަފްތާގެ އާދީއްތައިގަ އެވެ.
އިންޑިއާގެ ހިޔާލު ހޯދުމުގެ ވޯޓުން ދައްކާ ގޮތުގައި މަޖިލީހުގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރާނީ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)އިންނެވެ. ދެހާސް ސާދަވަނަ އަހަރު އެޕާޓީން އިންތިހާބު ކާމިޔާބު ކުރީ 282 ގޮނޑި ހޯދައިގެންނެވެ. އެގައުމުގެ މަޖިލީހުގެ ތިރީގޭގެ އަޣުލަބިއްޔަތު ލިބޭނީ 272 ގޮނޑި ނުވަތަ އެއަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރާ ޕާޓީއަކަށެވެ.
އިންޑިއާގެ އާއްމު އިންތިހާބުގެ ނަތީޖާ އިއުލާން ކުރާނީ މިމަހުގެ 23ގަ އެވެ. އަދި މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭ ޕާޓީ ނުވަތަ ކޯލިޝަނެއްގެ ކެންޑިޑޭޓަކު ބޮޑުވަޒީރުކަމަށް އިސް ކުރެވޭނެ އެވެ.