އެމްޓީސީސީގެ ބަސްތަކުގައި ކެމެރާ ހަރުކުރަން ނިންމައިފި އެވެ.

އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ ބަސްތަކުގައި ކެމެރާ ހަރުކޮށް އެ ބަސްތައް ދުއްވާ ވަގުތު ބަސް ޑްރައިވަރުންގެ ހަރަކާތްތައް މޮނީޓާ ކުރަން ނިންމައިފައިވާ ކަމަށެވެ.

"މިހާރު މިދަނީ އެކަމަށް ބޭނުންވާ އެސެސްމަންޓްތައް ހަދައި އައިޓީ ސެކްޝަނާއެކު ވާހަކަތައް ދައްކަމުން. އަވަސް މުސްތަގުބަލެއްގައި އެކަން ފެށުމަށް މި އުޅެނީ،" ޝާހު ވިދާޅުވި އެވެ.

އެމްޓީސީސީގެ ބަސްތަކުގައި ކެެމެރާ ހަރުކުރަން ނިންމިއިރު މިދިޔަ ހަފްތާގައި ވަނީ ބަސް ޑްރައިވަރަކަށް ނިދި ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޓޫރިސްޓަކު މަރުވެފަ އެވެ.

މީގެ ތިން ދުވަސް ކުރިންވެސް ވަނީ ބަސް ދުއްވަން އިން ޑްރައިވަރަށް ނިދިޖެހިގެން ވެސް އެކްސިޑެންޓެއް ހިނގާފަ އެވެ.

އެކްސިޑެންޓާ ގުޅިގެން އެމްޓީސީސީއަށް ވަރަށް ބޮޑެތި ފާޑުކިިޔުންތައް ވަނީ އަމާޒުވެފައެވެ. ޝާހު ވިދާޅުވީ އެކްސިޑެންޓްތަކާ ގުޅިގެން އާންމުންގެ އިތުބާރު ހޯދުމަށް ވަރަށް ގިނަ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.

އެެގޮތުން އެމްޓީސީސީގެ އިސްނެގުމުގެ މަތިން ފުލުހުންނާއި އެމްޓީސީސީ އާ ގުޅިގެން އެ ކުންފުނީގެ ބަސް ޑްރައިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ވަނީ ފަށައިފައެވެ.

" މިހާރު އެބަބަލަން ބަސް ޑްރައިވަރުންގެ ޕޮލިސް ރެކޯޑްތަކާ އެމީހުންގެ ޑްރައިވިން ލައިސަންވެސް ވެރިފައި ކުރުމުގެ މަސައްކަތް. އަދި އޭގެ އިތުރުން ޑްރައިވަރުން އެމީހުން ވަޒީފާ އަދާކުރުމަށް ފަހު ވަގުތު ހޭދަ ކުރަނީ ކިހިނެއްތޯ. އެބަހުރި މައުލޫމާތު ލިބިފައި ބައެއް ޑްރައިވަރުން ޕާޓް ޓައިމް މަސައްކަތް ކުރާ ކަމުގެ." ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ އެމްޓީސީސީގެ ޑްރައިވަރުންގެ މަސައްކަތުގެ މާހައުލު ރަނގަޅުވާނެ ކަމަށާއި ޑްރައިވަރުން ރަސްމީ ޑިއުޓީގެ ގޮތުގައި އަށް ގަޑިއިރުގެ އޮތް ނަމަވެސް ބަސް ދުއްވަންޖެހެނީ ގިނަ ވެގެން ފަސް ގަޑިއިރު ކަމަށެވެ. އަދި ބާކީ ވަގުތުތައް ހޭދަކުރަން ޖެހޭނީ ތެޔޮ އެޅުމާއި ބަސްތަކުގެ މެއިންޓެނެންސް ބެލުމާއި އެހެނިހަން ކަންތައްތަކުގައި ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.